ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އައްސަދާއި ރޮޒެއިނާ ވާހަކަ ދައްކަވަނީ: ކޮމެޓީ ބައްދަލުވުން ނިމުނު ފަހުން ވެސް ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެއްވި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 އެޕްރީލް 2017 - 16:42
ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު އައްސަދާއި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމްއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ބަދަލުކުރައްވައިފި އެވެ.
އައްސަދާއި ރޮޒެއިނާގެ މެދުގައި ހޫނު ޒުވާބެއް ހިނގީ، ރާއްޖޭގައި ހަލުވިކަމާ އެކު ފެތެރުނު އެޗް1އެން1ގެ ކަންކަން ބަލާ ޓާސްކް ފޯސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީ އަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ބޭއްވި ބައްދަލުވުމުގަ އެވެ.
މަޖިލީހަށް ހާޒިރުވާން ޖެހޭ ބަޔަކު ނަމަ، ފެންނަނީ އުޒުރު ދައްކަން މަސައްކަތް ކުރާ ތަން ކަމަށާއި މަޖިލީހުގެ ތެރެއިން ކަންކަން ކުރެވެން ނެތް ކަމަށް ވިދާޅުވެ ރޮޒެއިނާ ވާހަކަ ދެއްކެވުމާ އެކު، އައްސަދު އޭނާ އަށް ރައްދު ދެއްވަން ފެއްޓެވި އެވެ. އައްސަދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ "ބޭކާރު ވާހަކަ" ދައްކައި ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ކަމަށެވެ.
ގާނޫނުއަސާސީގައި ކޮންމެ މެމްބަރަކަށް، އެ މެމްބަރަކު ބޭނުންވާ ގޮތަށް މިނިވަންކަމާއެކު ވޯޓު ދެއްވުމުގެ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވެ، ރޮޒެއިނާ ވަނީ އައްސަދަށް ރައްދު ދެއްވައިފަ އެވެ.
ކޮމެޓީ ބައްދަލުވުމަށްފަހު މެމްބަރު އައްސަދު ވާހަކަ ދައްކަވަނީ: ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުން ހޫނުވެގެން ދިޔަ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މީދޫ ދާއިރާގެ ރައްޔިތުން ރޮޒެއިނާ ހޮވާފައި ހުރީ ކަމަކު ނޫންތޯއޭ ވިދާޅުވެ އައްސަދު ސުވާލު ކުރެއްވުމުން، ރޮޒެއިނާ ވިދާޅުވީ "އަޅުގަނޑު ހޮވި ދާއިރާގެ މީހުން ބަޖެޓަށް ވޯޓު ދިނުމަކަށް ނާންގާ" ކަމަށެވެ. އަދި އޭނާ ބޭނުން ގޮތަކަށް ވޯޓު ދެއްވުމަކީ އަމިއްލަ ކަމެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"މެމްބަރުން މަޖިލީހަށް އިންތިހާބުކޮށްފައި ވަނީ ސަރުކާރު ޖަވާބުދާރީ ކުރަން އެންމެ މުހިންމު ކަމެއްގެ ގޮތުގައި. އެ ވާހަކަ ދައްކާއިރަށް، ވޯޓު ދޭ ގޮތާއި އަނެއް ކަމެއްގެ ވާހަކަ ދައްކަނީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހަށް އިންތިހާބުކުރީ ސަރުކާރުން "ޖަހާހާ ބެރަކަށް ނަށަންތޯ" ރޮޒެއިނާ ސުވާލު ކުރެއްވި އެވެ. ނަމަވެސް އެ ވާހަކަތަކަށް އައްސަދު ރައްދެއް ނުދެއްވަ އެވެ.
"ދާއިރާގެ ރައްޔިތުން [ރޮޒެއިނާގެ] ބޮލަށް އަރައޭ. ދާއިރާގެ ރައްޔިތުން އައްޔަން ކުރީ ތަރައްގީ އަށް މަސައްކަތް ކުރަން. ތަރައްގީގެ ކަންކަމުގައި ރޮޒެއިނާ މެން ބައިވެރިއެއް ނުވޭ،" ރޮޒެއިނާ އަށް އަމާޒުކޮށް އައްސަދު ވިދާޅުވި އެވެ.
"ތަރައްގީގައި ބައިވެރިނުވާ މީހަކަށް ކޮން ތަރައްގީއެއް އޮންނާނީ؟."
އޭގެ ޖަވާބުގައި ރޮޒެއިނާ ވަނީ "ތަރައްގީ އެއް ނެތޭ އަޅުގަނޑުމެންގެ ބަޖެޓަކު،" ކަމަށް ވިދާޅުވެ އައްސަދަށް ރައްދު ދެއްވައިފަ އެވެ.
ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ރޮޒެއިނާ ވާހަކަ ދައްކަވަނީ: ރޮޒެއިނާ ވަނީ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުން މަސައްކަތް ކުރައްވަނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށަންތޯ ސުވާލު ކުރައްވާފައި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އައްސަދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ރެއާއި ދުވާލު މަސައްކަތް ކުރައްވަނީ "ލަންޑަންގައި ހުންނެވި" ބޭފުޅަކު ދިފާއު ކުރެއްވުމަށް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެކަމަކު ރޮޒެއިނާ ވިދާޅުވީ ވަކި މީހަކު ދިފާއުކޮށް "މިތަނުގައި ވާހަކަ ނުދައްކާ" ކަމަށެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އައްސަދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނީމަ ވެރިކަމުން "ފުންމާލީ" ކަމަށެވެ. އެމްޑީޕީ އަށް ވެރިކަން ކުރުމުގެ ފުރުސަތެއް ދެން ނެތް ކަމަށާއި އޮތީ ހަމައެކަނި ކެތްކޮށްލައިގެން ތިބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ ތިޔަ ބޭފުޅުން ކެތްކޮށްގެން ރީއްޗަށް ތިބޭށޭ،" އައްސަދު ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ރަނގަޅު ބައެއް ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ބައެއް ކަންތައްތައް ގޯސްކޮށް ވެސް ސަރުކާރުން ކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ދަންނަވާ ނަމަ، މިކަން [ސްވައިން ފްލޫގެ] ފާހަގަނުކޮށް އޮއްބާލައިގެން އުޅެނިކޮށް އެ ވާހަކަ ދެއްކި ސޯޝަލް މީޑިއާގައި އުޅޭ މީހަކު ޖަލަށްލީމަ އެ ގޯސް،" ރޮޒެއިނާ ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމެޓީގައި މަޝްވަރާކޮށްފައި ވަނީ އެޗް1އެން1ގެ ކަންކަން ބަލާ ޓާސްކް ފޯސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުންނެވެ. އެ ގޮތުން މިރޭ 8:30 ގައި އޮންނަ ބައްދަލުވުމަށް ޓާސްކް ފޯސް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ. މިއީ ޓާސްކް ފޯސް މަޖިލިހުގެ ކަމާ ގުޅޭ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމި ދެވަނަ ފަހަރެވެ. މީގެ ކުރިން ކޮމެޓީ އަށް ހާޒިރުވާން އެންގުމުން ޓާސްކް ފޯހުން އެންގީ ހާޒިރުވާން ދަތިވާތީ އެހެން ދުވަހަކަށް ބައްދަލުވުން ބާއްވައި ދިނުމަށެވެ.
ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިމުނު ފަހުން އިދިކޮޅު ބައެއް މެމްބަރުންނާއި އައްސަދާ މެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެއްވި އެވެ.
ރޮޒެއިނާ ވިދާޅުވީ ހުރިހާ ފަރާތްތަކަށް ފަސޭހަ ގަޑިއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މަޖިލީހުން ހާޒިރުވާން އަންގައިފި ނަމަ، އެ ބަޔަކު ހާޒިރުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާންދޫ ދާއިރާ
06 April 2017
ތަރައްގީ ކޮބާތަ މިދާއިރާގެ ތިންރަށުގަ ކުރި އެއްވެސް ކަމެއް ނެތް.
ދާންދޫ ދާއިރާ
06 April 2017
ތަރައްޤީ އޭ އައްސަަދު ކިޔާ އިރު ދާންދޫގައި ބިމުގެ ޖާގައެއް ނެތް. ދާންދޫއަށް 35 ހެކްޓާގެ ބިން އިތުރުކޮށްދިނުމަށް އެރަށުން އެދިފަ ވާއިރު އެކަން އޮތް ހިސާބެއްވެސް ނޭގޭ
މީދޫމީހާ
06 April 2017
އައްސަދު މިންވަރު އޮޅިގެން ނޫޅޭ. އަޅުގަނޑުމެން ރޮޒޭނާ ހޮވީކީ ތިޔަ ބުނާ ބަޖެޓަށް ވޯޓު ދޭކަށްނޫނޭ.
އުމަރު
06 April 2017
ޒުވާބު ކުރަންވެސް ޖެހޭނީ އެއްފެންވަރުގެ މީހުންނާއި، އައްސަދަކީ އިލްމީގޮތުންވެސް އަދި ތަޖްރިބާގެ ގޮތުންވެސް ރޮޒެއިނާއާއި ޒުވާބު ކުރެވޭނެ ފެންވަރުގެ މީހެއްނޫން،
މެޑަމް
06 April 2017
ބަޖެޓަށް ވޯޓް ނުދިނޭ ކިޔާ ވާހަކަ ދައްކަން ލަދެއްނުގަނޭތަ؟ އެމް.ޑީ.ޕީ އިން މަޖްލިހަށް ހުށަހެޅާ ހުރިހާ ބިލްތަކެއް ބޭރުކުރަމުން ދާވާހަކަވެސް ދައްކަބަލަ. ލަދެއް ޙަޔާތެއްވެސް ނެތް ބައެކޭ ދޯ!!
ރޯލްކޯލް
06 April 2017
އެމްޑީޕީ އިން މަޖިލީހަށް ހުށަހަޅަމުންދަނީ ސަރުކާހިންގަން ދަތިކުރަން ހުށަހަޅާ ބިލްތައް. އެބިލްތައް ސަރުކާރުގެ އަޤުލަބިއްޔަތު އޮންނަ މަޖިލީހަކުން ބޭރުކުރާނެކަން އެނގެންވާނެ ދޯ!!
ުހުސައިންގެ ދަރި
06 April 2017
ފުރިފާ ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއޭ ކާބަފައިން ބުނެއުޅޭނީ ވަކި ކަމެއް ވެގެން. ބައެއް މަޖިލިސް މެންބަރުންނަކީ އަހުލާގީގޮތުން ވަރަށްވެސް ދަށުދަރަޖައިގެ ބޭފުޅުން، އެ ބޭފުޅުން ބަސް ވިދާޅުވުމުގައި އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަހަލަ. އެހެންވީމާ ހިތުހުރިއެއްޗެއް ބޭނުން ވަގުތަކު ބުނެ ދޫކޮށްލަނީ. އޭގެ ސަބަބުން ތިމާއަށް ރައްދުވަނީ ކިހާ މަލާމާތެއްކަމެއް އަދި ތިމާ ފެތެނީ ކޮންފަދަ "ގޮޅި" އަކަށް ކަމެއް ނުވިސްނާ. އެހެން ހުރިހާ ވާހަކައެއް ދެއްލެވު،މަށްފަހު މި ދަންނަވަނީ ދީނާ ގައުމަށްޓަކައޭ. ކޮންފަދަ ޖޯކެއްތޯ؟ ރައްޔިތުންނަށް އަޅުގަނޑުގެ ނަސޭހަތަކީ، ތިޔަ ބޭފުޅުން ތަންސީލުކުރުމަށް ޓަކައި އަހްލާގު ރަނގަޅު ބޭފުޅުން މަޖިލިސްއަށް ހޮވާށޭ، ނަޒާހަތްތެރި ބޭފުޅުން ހޮވާށޭ. ދީނަށް ފުރިހަމަގޮތުން އިހްލާސްތެރި ބޭފުޅުން ހޮވާށޭ. އޭރުން މިހާރު މަޖިލީހުންފެނަ ޑުރާމާ ފެނުން މަދުވާނެއޭ. އޭރުން ހަދާ ޤާނޫނަކީ ރައްޔިތުންނަށް ފައިދާހުރި ޤާނޫނަކަށް ވާނޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ
ބަޖެޓް
06 April 2017
ވަަރަށް ގިނަ ފަހަރަށް ސަރުކާރާއި ސަރުކާރަށް ބައިއަތު ހިފައިގެން ތިބި މަޖިލީސް މެމްބަރުން ވަރަށް ގިނައިން ވިދާޅުވާ އަޑުއިވޭ އިދިކޮޅު މެމްބަރުން ބަޖެޓަށް ވޯޓެއް ނުދެއޭ، ދެން ކޮން ތަރަށްގީއެެއްގެ ވާހަކަ ދައްކަންހޭ... އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ހުރިހާ އެންމެން ބަޖެޓަށް ވޯޓުލާން މަޖުބޫރު ނަމަ އެ ކޮންމެހެން މަޖިލީހަށް ގެންދަން ޖެހޭސަބަބެއް... މަޖިލީހަށް ގެންދާ ބަޖެޓުގަ އިދިކޮޅު މެމްބަރުން ބޭނުންވާ ކަންތައްތައް ނެތީމަ އެމީހުން ވޯޓެއް ނުލާނެ ދޯ! އެ މީހުންވެސް ބޭނުންވާ ކަންކަން ހިމަނާނަމަ ވޯޓުލާނެ...
މައިލޭޑީ
06 April 2017
އަސްލުގާ ވެސް މަޖިލީހުގާ އިންނަވަން ކުފޫ ހަމަނުވާ ފެންވަރަށް ތައުލީމާ، ތަރުބިއްޔަތު ލިބިފާ ތިއްބަވާ މެންބަރުން އުޅޭ ކަމީ ވަރަށް ހިތާމަވެރި ކަމެއް،، މިގަމުއުމުގެ އެވްރެޖްކޮށް ޑިގްރީން ފެށިގެން މަތީގެ ވަރަށް ގިނަ ތައުލީމީ ބޭފުޅުން އުޅުއްވާ.. އެކަމަކު ޒިންމާދާރު މަގާމުތައް މިފުރުއްވަނީ ދަމާކަނޑާ މީހުން
ސަނާ
06 April 2017
ދެން އެންމެ އަވަހަށް ސަރުކާރާއި، ގުޅޭނީ ރޮޒައިނާ.
ސައްތާރު /މހއ
06 April 2017
ސަރުކާރަށް ތާއީދު ކުރާ ހުރިހާ މެންބަރުންވެސް ވަރަށް ބާރުލާފާއެބަބުނޭ ދާއިރާ ތަރައްގީއަށޭ މި މަސައްކަތް ކުރަނީ. މި ބޭފުޅުންގެ ހިތަކަށްނަރާ މެންބަރުން ސަރުކަރަށް ތާޢީދުކުރިޔަސް ނުކުރިޔަސް ރައީސް އެއް ހުރިއްޔާ ރައީސްގެ މައްޗަށް ލާޒިމްކުރާ ކަމެއް އެއީ ދާއިރާތަށް ތަރައްގީކުރުން ރައީސަކަށް ގާނޫނު އަސާސީން އެނޫން ގޮތަކަށް އެކަން ކުރާކަށް ތަނެއް ނުދޭ. އަދި ކޮންމެހެން ދާއިރާ ތަރައްގި ކުރާށޭ ކިޔާފަކާ އަންހެނެއްގެ ލިބާހު ފަސްބައިގައި އެލެގަނެގެން އުޅޭކަށް ނުޖެހޭނެ. އެގޮތަށް މެމްބަރުން އުޅޭތަން ފެނުނީމާ އަމިއްލަ ނަފުސަށްވެސް ލަދުގެނޭ.