ލޯކަލް އިންތިހާބުގެ ވޯޓާސް ލިސްޓާ މެދު ސުވާލު އުފެދޭ، ސޮއިކުރަން ދަތި: އެމްޑީޕީ

ލޯކަލް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށާއި އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަނުން ހައްލުނުކުރަނީސް ލިސްޓުތަކުގައި ސޮއިކުރަން އުނދަގޫ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.


އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ މިފަހަރު ވޯޓާސް ލިސްޓު އާއްމުކޮށްފައި ވަނީ ވޯޓުލާ އެއްވެސް މީހެއްގެ އައިޑީ ކާޑު ނޭނގޭ ގޮތަށް ކަމަށެވެ. އެހެންކަމުން، ޕާޓީތަކުން ސޮއިކުރަން އެދިފައިވާ އެ ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އެމްޑީޕީ އަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާނީ އިއްޔެ ސިޓީއަކުން ދަންނަވާފައި، އޭގެ ކުރިން ވެސް އޮންނާނީ ދަންނަވާފައި ވޯޓުލާ މީހުން މިހާ ބޮޑަށް ސިއްރުކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ. ހަގީގަތުގައި މިނިވަން، އިންސާފުވެރި އިންތިހާބެއްގައި އެންމެ ބޮޑަށް ސިއްރުކުރަން މިޖެހެނީ ވޯޓުލާ ގޮތް. ވޯޓުލާ މީހާއެއް ނޫން،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯޓުލާ މީހާ ސިއްރުކުރަން އިލެކްޝަނުން ބޭނުންވާ ސަބަބު އޮޅުންފިލުވައިދޭން އެދި ތަކުރާރުކޮށް އެދފައިވީ ނަމަވެސް މިހާތަނަށް އެ ކޮމިޝަނުން ޖަވާބެއް ނުދެ އެވެ. ލިސްޓު މިހާރު ނެރެފައިވާ ގޮތުން، އެ ލިސްޓުގައި ސޮއިކުރަން އެމްޑީޕީ އަށް އުނދަގޫ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"މިހާރު އާއްމުކޮށްފައި ވަނީ މައްސަލަ ނެތް ވޯޓާސް ލިސްޓެއް ކަމަށް ގަބޫލުކުރަން ދަތި،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް އަމާޒުކޮށް 2013 ގައި ސުޕްރީމް ކޯޓުން އެކުލަވާލި ގައިޑްލައިނުގައި ވޯޓާސް ލިސްޓު އާއްމުކުރަން ޖެހޭނީ ވޯޓުލާ މީހާގެ ނަމާއި ގޭގެ އެޑްރެހާއި އައިޑީ ކާޑު ނަމްބަރު އެނގޭ ގޮތަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު ލޯކަލް އިންތިހާބަށް ވޯޓާސް ލިސްޓު އިލެކްޝަނުން އާއްމުކޮށްފައި ވަނީ އެ ގައިޑްލައިނުގައި ބުނެފައިވާ ގޮތާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސާފެއް ނޫން، އިލެކްޝަނުން މިހާރު ގެންގުޅެނީ އެއް ލިސްޓު ކަމެއް ދެ ލިސްޓު ކަމެއް ވެސް. އައިޑީ ކާޑު ނަމްބަރު ނުހިނަމާ އެ ނެރުނީ ކޮން ލިސްޓެއް ކަމެއް ވެސް ނޭނގެ. އަދި އިންތިހާބަށް ފައިނަލް ކުރަނީ ކޮން ލިސްޓެއް ކަމެއް ވެސް ކަށަވަރުކުރާކަށް ނޭނގެ،" އަނަސް ވިދާޅުވި އެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސެއިން ވިދާޅުވީ އާއްމުކޮށްފައި އޮތް ލިސްޓުގައި އެމްޑީޕީން ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަންކަން ހައްލުކޮށްދޭން އެދިފައިވީ ނަމަވެސް އެ ކޮމިޝަނުގެ ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ވޯޓާސް ލިސްޓު އާއްމުކުރަން ޖެހޭނީ ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކުރާ ގޮތަށެވެ. އެއީ މީހާގެ ނަމާއި ގޭގެ ނަމާއި އައިޑީ ކާޑު ނަމްބަރާ އެކުގައި ކަމަށާއި ވޯޓާސް ލިސްޓުގެ ސައްހަ ކަން ކަށަވަރުކުރެވޭނީ އޭރުން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު ސޮއިކުރަން މަޖުބޫރުވަނީ، އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބުގެ ކެންޑިޑޭޓުންނާއި ވޯޓުލާ މީހުން އަދި ޕާޓީތަކުގެ ވެސް ހައްގު އެކުލެވިގެންވާތީ އެވެ.

"ލިސްޓު ވެރިފައިކުރުމަކާ ނުލައި ގޮސް ސޮއިކުރުމަކީ އަޅުގަނޑުމެންނަށް އުނދަގޫ ކަމެއް،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކޮންމެ އިންތިހާބެއް ވެސް ބާއްވަންވާނީ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ނުވަތަ އުފެދިދާނެ ހުރިހާ ކަމަކުން އެއްކިބާވެ ތިބެގެންކަން ސުޕްރީމް ކޯޓުގެ ގައިޑްލައިނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ވޯޓާސް ލިސްޓުގެ ސައްހަކަން ބެލުމަށް އެމްޑީޕީން އެދޭ މައުލޫމާތުތައް އިލެކްޝަނުން ނުދިނުމަކީ އެ ކޮމިޝަނުން ބާއްވަން އުޅޭ އިންތިހާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެ ސަބަބަށްޓަކައި އިލެކްޝަން ކޮމިޝަންގެ މައްޗަށް އެބަ ލާޒިމްވޭ ރައްޔިތުންނަށް އެ މީހުންގެ މިނިވަންކަމާ މެދު ސުވާލު ނޫފެދޭނެ ގޮތަކަށް އަމަލުތައް ބައްޓަންކޮށް، މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދަން،" ހިސާން ވިދާޅުވި އެވެ.