ނަޝީދު މިނިވަންކުރަން، ސިޔާސީ ލީޑަރުން ވަކިވަކިން އެދެން ރައީސް ގޮވާލައްވައިފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތަށް އެމަނިކުފާނު މިނިވަންކުރަން ބޭނުންވާ ނަމަ، އިދިކޮޅު ސިޔާސީ ލީޑަރުން އެކަމަށް ވަކިވަކިން އެދިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.


ޕީޕީއެމާ 500 މީހުން ގުޅެން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކޯލިޝަން ހަދައިގެން އުޅެނީ ރައްޔިތުންގެ މަސްލަހަތަކަށް ނޫން ކަމަށެވެ. އޭގައި އުޅެނީ، ސިޔާސީ ލީޑަރުންގެ އަމިއްލަ މަސްލަހަތުތަކެއް ކަމަށާއި ބޭނުމަކީ ފަރުދީ ކަންތައްތަކަކަށް ހައްލު ހޯދުން ކަމަށް ވިދާޅުވި އެވެ.

އޭގެ ހައްލެއް އެބަ އޮތް ކަމަށާއި އެއީ، ރައީސް ވިދާޅުވި ގޮތުގައި، ވަކި ބަޔަކު ކުރުމުން ނުވަތަ ވަކި ކަހަލަ ކުށްތަކަކީ އަދަބު ދޭން ނުޖެހޭ ކަންކަމުގެ ގޮތުގައި ގާނޫނުގައި ކަނޑައެޅުމެވެ. އެކަމަކު މިހާރު އޮތް ގޮތުން، އިންތިހާބުގައި ވާދަކުރައްވަން ނަޝީދު ދޫކޮށްލުމަކީ ވެސް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދާއި މައުމޫން އެކުގައި: -- ފޮޓޯ: ވީ ނިއުސް

"ރައީސް ނަޝީދު ވެސް މިނިވަންކުރަން ބޭނުމިއްޔާ، އަޅުގަނޑަށް އިދިކޮޅުގައި ތިއްބެވި ހުރިހާ ލީޑަރުން ވަކިވަކިން ސިޓީ ފޮނުއްވާ. ރައީސް މައުމޫން ވެސް ފޮނުއްވައި ދެއްވާ، އިމްރާން ވެސް ފޮނުއްވައިދެއްވާ، ރައީސް ނަޝީދު ވެސް ފޮނުއްވައިދެއްވާ، އަދި ގާސިމް އިބްރާހީމް ވެސް ވަކިން ޕާޓީ ނަމުގައި ސިޓީއެއް ފޮނުއްވައިދެއްވާ، ސޮއިކުރައްވާފައި. ތިމަންނަމެން ކޮންމެ މީހަކު ބޭނުމޭ ރައީސް ނަޝީދު މިނިވަންވާން. އަދި މިކަން ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދޭށޭ،" ރައީސް ވިދާޅުވި އެވެ.

"އޭރަށް އަޅުގަނޑު، އަޅުގަނޑުގެ ޕީޖީ ލީޑަރަށް ހުށަހަޅައިގެން މަޖިލިސްގެ ތެރެއިން ކިހާވަރެއްގެ ރުހުމެއްތޯ މިއަށް ހޯދޭނީ ކުރިއަށް ގެންދާނަން. އެހެންވީމަ މި މަގު ވެސް އެބަ އޮތް. މި މަގުން ވެސް ހިންގަވަންވީ. އޭގެ ބަދަލުގައި ރާއްޖެ ބަދުނާމްކުރުން ނޫން ކަމެއް މިހާރު ކުރެވޭ ތަނެއް ނުފެނޭ."

ރައީސް ޔާމީންގެ ވާހަކަފުޅުގެ ހުލާސާ

- ސިޔާސީ ލީޑަރުން އެއްގަލަކަށް އެރީ އިސްލާހުކުރާކަށް ނޫން، ފެންނަނީ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރާތަން. މަގާމެއްގައި ހުރި މީހަކު ވަކިކުރުމަކީ އިސްލާހެއް ނޫން.

ނަޝީދު މިނިވަންކުރަން ބޭނުން ނަމަ، ސިޔާސީ ލީޑަރުން އެއްބަސްވެ ގާނޫނުތައް އިސްލާހުކޮށްދޭން ހުށަހަޅަން ޖެހޭ. އޭރުން ވަކި ކުށްތަކަކީ އަދަބު ލިބެން ނުޖެހޭ ނުވަތަ ވަކި ބަޔަކު ކުރުމުން އެއީ ކުށަކަށް ނުވާނެ ކަމަށް ގާނޫނުގައި ހިމަނަން ޖެހޭނެ.

- ޕާޓީތަކަށް މަޝްވަރާގެ ފުރުސަތު އޮތީ ހުޅުވާލާފައި، ގައުމު އިސްލާހު ކުރަން ކުރަންވީ ކޮން ކަމެއްތޯ ވިދާޅުވެ ދެއްވާ. އެކަމަކު މި މަޝްވަރާތަކުގައި ޓެރަރިސްޓުންނެއް ބައިވެރިއެއް ނުކުރެވޭނެ. މަޝްވަރާތަކުގައި ޓެރަރިސްޓުން ބައިވެރިކުރުމަކީ އެއްވެސް ގައުމެއްގައި ކުރާނެ ކަމެއް ނޫން.

- އެއްވެސް ސިޔާސީ ލީޑަރަކާ އަޅުގަނޑުގެ އެއްވެސް ޒާތީ ކަމެއް ނެތް، ހައްޔަރުކުރަނީ ކުށްތަކަށް އަރައިގަންނާތީ.

- ކޮރަޕްޝަނޭ ކިޔާއިރު، ކޮރަޕްޝަން އޮތީ ކޮން ކަމެއްގައިތޯ ވެސް އެބަ ބުނެދޭން ޖެހޭ.

- އިދިކޮޅު ފިކުރު ކައުންސިލްތަކަށް ހޮވައިގެން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް، ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅުގައި އޮވެގެން ރައްޔިތުންނަށްޓަކައި ކޮށްދެވުނު އެއްވެސް ކަމެއް ނެތް.

ޕީޕީއެމް ކެންޑިޑޭޓުން ހޮވުމުން ތަރައްގީ ހޯދައިދޭން ސަރުކާރަށް ފަސޭހަވާނެ

ޕީޕީއެމާ އަލަށް ގުޅުނު ބައެއްގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ އެއްވެސް ލީޑަރަކާ އެމަނިކުފާނުގެ އެއްވެސް ޒާތީ ކަމެއް ނޯންނާނެ ކަމަށެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން ފާޑުކިއުން އެމަނިކުފާނަށް އަމާޒުކުރިއަސް، ލީޑަރުން ހައްޔަރުކުރަނީ ކުށްތަކަށް އަރައިގަނެގެން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ހިޔާލުތަފާތުވުންތައް ހިންގަވާ 2018 ގެ ވޯޓު ފޮށިން ނިންމަމާ. އެ ނޫން ގޮތަކަށް ކިހިނެއްތޯ ދިވެހިރާއްޖެ ކުރިއަށްދާނީ؟ ހުރިހާ އެންމެން ވެރިކަން ކުރަން ބޭނުންވޭ. އެކަކު ވެރިކަން ކުރިޔަ ދީގެން ނުވޭ. އެކަމަކު ވެރިކަން ކުރާނެ މީހަކު ދައްކާކަށް ވެސް ނޭނގޭ،" އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ ކޯލިޝަނުގެ ބޭނުމަކީ އިސްލާހަށް މަސައްކަތް ކުރުމޭ ބުނާއިރު، އިސްލާހަކީ މަގާމަކާ ހަވާލުވެގެން ހުރި މީހަކު ވަކިކުރުމެއް ނޫނެވެ. އިސްލާހަކީ މާއްދީ ބަދަލެއް ނިޒާމަކަށް ގެނައުން ކަމަށާއި އިސްލާހުކުރަންވީ ކޮން ކަމެއްތޯ ވިދާޅުވާން ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަޝްވަރާކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ތަކުރާރުކޮށް ހުޅުވާލަނީ އިސްލާހުކުރަން ސަރުކާރުން ބޭނުންވާތީ ކަމަށެވެ. އެކަމަކު ފުރުސަތުގެ ބޭނުން ހިފުމުގެ ބަދަލުގައި ފެންނަނީ، ކުށްވެރިން މިނިވަންކުރަން އެދޭ ތަން ކަމަށް ވިދާޅުވި އެވެ.

"އިސްލާހުކުރަން ބޭނުންވާ ބޭފުޅުން، އިސްލާހުކުރަންވީ ދާއިރާ ވިދާޅުވެ ދެއްވާ. ކޮންމެ ފަހަރަކު ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަށް އަންނަނީ، ތިމަންނަގެ ޕާޓީން ވާހަކަ ދައްކަން ދާނީ މިވެނި މީހެކޭ. އޭގެތެރެއިން ބައެއް ލީޑަރުންނަކީ އަމިއްލަ އަށް އަރުވާލެވިގެން ބޭރުގައި ތިއްބެވި ބޭފުޅުން. އެ ބޭފުޅުން ބޭނުމެއް ނުވޭ ރާއްޖެ ވަޑައިގަންނަވާކަށް. އަނެއް ބައި ބޭފުޅުންނަކީ ކޮންމެވެސް ހުކުމެއް ތަންފީޒުކުރައްވާ މީހުން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައުލަތަކުން ބޭނުމެއް ނުވާނެ ހުކުމް ތަންފީޒުވަމުންދާ މީހުންނާ އެކު މިކަހަލަ މުއާމަލާތްތަކެއް ހިންގަން. އެއަށް ވުރެ އިތުބާރު ކުރެވޭ މީހުންނާ އެކު [މަޝްވަރާކުރިއަށް ގެންދަން] ބޭނުން ވަނީ. ޓެރަރިސްޓުންނާ އެކު ނެގޯޝިއޭޓްކުރަން ބޭނުން ވާނީ ކޮން ބައެއްތޯ؟ އެތައް ބަޔަކު ރަހީނުކޮށްފައި މިތިބީ."

ރައީސް ޔާމީނަށް އަމާޒުކުރާ ފާޑުކިއުންތަކަށް ވެސް މިއަދު ރައްދު ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ވާހަކަ ސިޔާސީ ޕޯޑިއަމްތަކުގައި މިއަދު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އިދިކޮޅު އެމްޑީޕީ ސަރުކާރުގައި އޮތްއިރު، ގާނޫނީ މުއައްސަސާތައް އެއްކައިރިކޮށްފައި، ރިޔާސީ ކޮމިޝަން ހަދައިގެން އެކަން ބެލި ކަމަަށާއި އެހެންވެ މިއަދު އެ ތުހުމަތު ކުރެވޭނެ ޖާގައެއް ނެތް ކަމަަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިިދިކޮޅު ފަރާތްތަކުން އިސްލާހުކުރަން ބޭނުންވާ ކަމެއް އެނގޭނީ އެކަމެއް ހުށަހަޅައިގެންނެވެ. އެ ބޭފުޅުންގެ ސިކުނޑީގައި އެކަމެއް ބަލަހައްޓައިގެން ރައީސަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ދެން އާއްމު ލަފްޒެއްގެ ގޮތަށް ކޮރަޕްޝަނޭ ބުންޏަސް އެވަރަކުން ނުފެދޭ. ކޮރަޕްޝަން އޮތީ ކޮން ކަމެއްގައިތޯ ވެސް އެބަ އެނގެން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނޭ ކިޔާއިރު އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުރި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ބަލަން ކެރުނު ސަރުކާރެއް ނެތް ކަމަށެވެ. އެއާހިލާފަށް، މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންތައް އެންޓިކޮރަޕްޝަން ކޮމިޝަން ލައްވައި ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.