ރައީސް އޮފީހަކަށް އަބުރުގެ ގާނޫނު ނަހަމަ ގޮތުގައި ބޭނުމެއް ނުކުރެވޭނެ: އަލީ ހުސެއިން

މިނިވަން ނޫސްވެރިކަން ކުރުމަށް އެތައް ފިއްތުންތަކެއް ކުރިމަތި ކުރުމުގެ މަގްސަދުގައި ފާސްކުރި އަބުރުގެ ގާނޫނު ރައީސް އޮފީހުން ބޭނުން ކުރަނީ ނަހަމަ ގޮތުގައި ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.


ބައެއް އޮންލައިން ނޫސްތަކާ ދެކޮޅަށް ރައީސް އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އަލީ ހުސެއިން "މިހާރު" އަށް ވިދާޅުވި ގޮތުގައި ރައީސް އޮފީހުން އެކަން ކޮށްފައި ވަނީ އިޖުރާއުތަކާ މުޅިން ޚިލާފަށެވެ. ރައީސް އޮފީހަކުން ނުވަތަ، އެހެން މުއައްސަސާއަކަށް މީޑިއާ ނުވަތަ ނޫސްވެރިންނާ ދެކޮޅަށް މައްސަލަ ހުށަހެޅުމުގެ ބާރު ގާނޫނުން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލަ ފަރުދުންނަށް މީޑިއާތަކާއި ނޫސްވެރިންގެ މައްސަލަތައް ހުށަހެޅޭނީ. އެހެންވީމާ އިޖުރާއުތަކާ މުޅިން ޚިލާފަށް ހުށަހަޅައިގެން އުޅޭ މައްސަލަތަކެއް އެއީ. ރައީސް އޮފީހަކުން ވެސް ނަހަމަ ގޮތުގައި ގާނޫނުގެ ބާރު ބޭނުމެއް ނުކުރެވޭނެ. ގާނޫނުން ދީފައި ނެތް ބާރެއްގެ ބޭނުން އެ ކުރަނީ. މުޅިން ގާނޫނުން ބޭރުން އަމަލު އެ ކުރަނީ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުގެ ބޭރުން މީޑިއާ ކައުންސިލަށް މައްސަލަތައް ހުށަހަޅާފައިވާތީ، އެ މައްސަލަތައް މީޑިއާ ކައުންސިލުން ވެސް ބަލައިގަނެގެން ނުވާނެ ކަމަށެވެ. އެހެންވެ އަލީ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މިނިވަން މީޑިއާތައް ހުއްޓުވައި ބިރު ދެއްކުމުގެ ބޭނުމުގައި ރައީސް އޮފީހުން ކުރި ކަމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ މީޑިއާތަކުގެ އަޑު ކަނޑުވާލައި، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ނުދިނުމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ ހައްގަށް ނުވަތަ އަބުރަށް ގެއްލުން ލިބޭ ފަދަ ލިޔުންތަކެއް ފާހަގަކުރެވިގެން ކަމަށް ބުނެ ބައެއް ނިއުސް ވެބްސައިޓްތައް އަދި އެ ތަންތަނުގެ ނޫސްވެރިންނާ ދެކޮޅަށް ރައީސް އޮފީހުން މީޑިއާ ކައުންސިލަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލުން ބުނި ނަމަވެސް ރައީސް އޮފީހުން އެކަން ދޮގުކުރެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އޮފީހުން އެއްވެސް މީޑިއާއަކާ ދެކޮޅަށް އަދި ނޫސްވެރިޔަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށާއި އެކަން މީޑިއާ ކައުންސިލަށް ވެސް އަންގާފައިވާ ކަމަށެވެ.

އަބުރުގެ ގާނޫނުގައިވާ ގޮތުން މީޑިއާތަކާއި ނޫސްވެރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ދީފައި އޮތީ ބްރޯޑްކާސްޓިން ކޮމިޝަނަށާއި މީޑިއާ ކައުންސިލަށެވެ. ގާނޫނުގައިވާ ގޮތުން، ހިޔާލުފާޅުކުރުމުގެ ހަމަތަކާ ހިލާފުވާ މީޑިއާތަކުގެ ޝަކުވާތައް އެ ދެ މުއައްސަސާއަށް ހުށަހެޅުމުން، އެ މުއައްސަސާގެ އަމިއްލަ އިސް ނެގުމަށް ޖަވާބުދާރީވުމުގެ ހައްގާއި ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބޭ ހައްގުތައް މައްސަލަތައް ހުށަހެޅި ފަރާތަށާއި ރައްދުވާ ފަރާތަށް ލިބޭ ގޮތެއްގެ މަތިން އެ މައްސަލައިގެ ތަހުގީގު ހިންގަން ވާނެ އެވެ.

މިދިޔަ އޮގަސްޓް މަހު ތަސްދީގުކުރި އަބުރުގެ ގާނޫނު ދަށުން ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭއިރު، ޖޫރިމަނާ ނުދައްކައި ކޯޓުގައި މައްސަލަ އިސްތިއުނާފެއް ވެސް ނުކުރެވެ އެވެ. ޖޫރިމަނާ ނުދައްކައިފި ނަމަ ނޫސްވެރިންގެ މައްޗަށް ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ދެ ފަހަރެއްގެ މަތިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެކަމަކު އާންމުންގެ އެހީތެރިކަމާ އެކު އެ ޓީވީން ފައިސާ ކޮމިޝަނަށް ދެއްކި އެވެ.