އަދީބުގެ ފަރުވާގެ ކަންކަން ހަމަނުޖައްސަން އަންގާފައެއް ނެތް: ކަރެކްޝަންސް

ދިގު މުއްދަތުގެ އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަނުޖައްސަން އެއްވެސް ފަރާތަކުން މިހާތަނަށް އަންގާފައި ނުވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.


އަދީބަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ، އާއިލާ އާއި ވަކީލުން ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންނާ ބައްދަލު ކުރުމުން އަދީބު ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ހަމަނުޖައްސަން "މަތިން އަންގަވާފައި އޮންނަ" ކަމަށް ވިދާޅުވި ކަމަށް ވަކީލުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައި ހުރީ މުޅިން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ގޮތުން އަދީބު ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ހަމަނުޖައްސަން މަތިން އެންގެވި ކަމަށް ކަރެކްޝަންސްގެ އިސް ބޭފުޅުން ވިދާޅުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ވިދާޅުވި ވާހަކަތަކެއް ނޫން،" މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް އަދީބު ފުރާވަޑައިގަތުމުގެ ހުއްދައަކަށް އާއިލާ އިން އެދިފައި އޮތަސް، އަދީބަކީ މިހާރު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނެވި ބޭފުޅަކަށް ނުވުމުން އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދީބު އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ.

އަދީބު މާފުށީ ޖަލުން، ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި މިދިޔަ މާޗް މަހު އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމަ ނުކުރާ އިރު، އަދީބުގެ ވަކީލުން ވަނީ މާފުށީ ޖަލުން ފިއްލަވަން އެއްވެސް އިރެއްގައި އަދީބު މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.

އަދީބުގެ އާއިލާ އާއި ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޮކްޓޯބަރު 24، 2015 ގައި އަދީބު ހައްޔަރުކުރި ފަހުން، ބޮޑެތި ސިއްހީ މައްސަލަތަކެއް އަދީބުގެ ފަރާތުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އަދީބުގެ ބޭސްފަރުވާ އަށް ހުރަސް ނޭޅުމަށް ގޮވާލާފައިވެ އެވެ.