ކެންސަރަށް ފަރުވާ ކުރެވޭ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވައިފި

ކެންސަރަށް ފަރުވާ ކުރެވޭ އޮންކޮލަޖީ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލްގައި މިއަދު ހުޅުވައިފި އެވެ.


އޮންކޮލަޖީ ސެންޓަރުން ކެންސަރު ބައްޔަށް ކީމޯތެރަޕީގެ ގޮތުގައި ބޭސް ކުރުމާއި ކެންސަރު ދެނެގަތުމަށް ޓެސްޓް ކުރުމާއި ކެންސަރަށް ކުރާ ފަރުވާގެ މުހިންމު ބަޔަކަށްވާ ދިރިއުޅުމުގެ އާދަތައް ދަސްކޮށް ދިނުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.

އިންޑިއާގެ މަޝްހޫރު އަމްރިތާ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހިންގާ މި ސެންޓަރު ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ އާއި އާސަންދައިގެ އިސް ވެރިންނާއި ހެލްތު މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ހުޅުމާލެ ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ނާޒިމް ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފަކާ މިއަދު ސަލާމް ކުރައްވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި ގޮތުގައި މި ސެންޓަރުން ކެންސަރަށް ފުރިހަމަ ގޮތުގައި ފަރުވާ ދެވޭނެ ނިޒާމެއް ވަނީ ގާއިމުކުރެވިފަ އެވެ. މިއީ ސިއްހީ ހިދުމަތުގައި އާއި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގައި އިތުރަށް އެޅި ފިޔަވަޅެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކެންސަރު ބައްޔަށް ފަރުވާ ލިބޭނެ ހިދުމަތްތައް ފުޅާވުމަކީ ދިވެހިންނަށް ލިބޭނެ ލުޔަކާއި ބޮޑު ހިތްހަމަޖެހުމެކެވެ. ހާއްސަކޮށް، ހުޅުމާލޭގައި ސިއްހީ ހިދުމަތް ފުޅާވެގެން ދިއުމަކީ ރައްޔިތުންގެ ހިތްތަކަށް ހިނިތުންވުން ގެނެސްދޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އަމްރިތާ ހޮސްޕިޓަލާ ގުޅިގެން އޮންކޮލަޖީ ސެންޓަރުގައި ކެންސަރަށް ފަރުވާ ކުރެވޭނެ ގޮތް ހަމަޖެހުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ މީހުންގެ ގައިގައި ކެންސަރު ހުރިތޯ ދެނެގަތުމަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

"ކެންސަރު ބައްޔަކީ އާލީ ސްޓޭޖްގައި ޑައިގްނޯސް ކުރެވިއްޖެއްޔާ ނޫނީ އެންމެ ރަނގަޅު ގޮތުގައި އެއަށް ފަރުވާ ކުރެވޭ ބައްޔަށް ގިނަ ފަހަރު ވަނީ ނުވެފައި، މި ބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާއެއް ކަމަށް މިވަނީ ވީހާވެސް ކުރިން ބައްޔަށް ޑައިގްނޯސް ކުރެވިގެން، ބައްޔަށް ބޭސް ފަރުވާ ކުރަން ފެށުން. އެހެންވެއްޖެ ކަމަށްވާނަމަ، ވަރަށް ގިނަ ފަހަރު ބަލި މީހާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ރަނގަޅު ވުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާތަކުން އެނގޭ،" ނާޒިމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން އަލީ ވިދާޅުވީ ދިވެހިންގެ އުންމީދާ އެއްވަރަށް ހުޅުމާލެ ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން މިކަމުގައި ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ގާއިމުކުރި އޮންކޮލަޖީ ސެންޓަރު. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރެވޭ އިންތިޒާމުތައް މި އަހަރުގައި ހޮސްޕިޓަލްގައި ގާއިމު ކުރާނަން... ރާއްޖޭން ބޭރަށް ދިވެހިން ފޮނުވާ މައިގަނޑު ބަލިތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމުތައް ގާއިމު ކުރާނަން. މިއީ ރައްޔިތުން ކުރާ އުންމީދަކީ،" ހަސަން ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ މި އަހަރުގެ ތެރޭގައި އޮންކޮލަޖީއާ ގުޅުން ހުރި މެޑިކަލް ކޭމްޕުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް، އާންމުން ހޭލުންތެރިކުރަން ގިނަ ބަޔަކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުންނެވެ.

އޮންކޮލަޖީ ސެންޓަރުން އެއް ފަހަރާ ފަސް މީހަކަށް ހިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. ހުޅުމާލެ ހޮސްޕިޓަލްގައި އޮންކޮލަޖީ ޑޮކްޓަރެއް އަބަދުވެސް ހުންނާނެ ކަމަށާއި އަމްރިތާ އާއި ހުޅުމާލެ ހޮސްޕިޓަލް ވީޑިއޯ ކޮންފަރެންސުން ގުޅިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލޭގައި ގާއިމުކުރި އޮންކޮލަޖީ ސެންޓަރުގެ ނަން ބޯޑު. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ގައި އެކަނިވެސް 1500 އަށްވުރެ ގިނަ ފަހަރު ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށް ގޮސްފައިވެ އެވެ. އަދި މި އަހަރުގެ އަށް މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 1100 އަށްވުރެ ގިނަ މީހުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އާސަންދައިގެ ތެރެއިން އެކަނި ރާއްޖެ އިން ބޭރަށް ދާން ޖެހުނެވެ.

ކެންސަރަކީ ރާއްޖޭގައި މީހުން އެންމެ ގިނަ އިން މަރުވާ ތިން ބަލީގެ ތެރެއިން އެއް ބައްޔެވެ. އެ ބަލީގެ ސަބަބުން ގިނަ ދުވަހު، ވޭނުގައި އުޅެން މަޖުބޫރުވެ އެވެ. އެއީ ބަލި ޖެހޭ މީހާގެ އާއިލާގެ މެމްބަރުންނަށް ހިތާމައާ ކުރިމަތިލާން ޖެހޭ ފަދަ ނުރައްކާތެރި ބައްޔެކެވެ.