ރައީސް ޔާމީން، މީދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
25 އޮކްޓޯބަރ 2017 - 00:25
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެއްފަހަރާ ގެންދިޔަ "ޚިޔާނާތްތެރި" އަމަލަކީ ބަޣާވާތެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ސިފަ ކުރައްވައިފި އެވެ.
ރ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ "ފުޓްބޯޅަ ޓީމެއްގެ ކުޅުންތެރިން ބަދަލުވާހެން" މަޖިލީހުގެ މެންބަރުން ބަދަލުވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި މަޖިލީހަކީ ގުޑުވާނުލެވޭ ފަދަ އަޒުމް ވަރުގަދަ މެމްބަރުންތަކެއް ތިއްބަވާ ތަނަކަށް ވާން ޖެހޭ ކަމަށެވެ.
ޕީޕީއެމްގެ ތެރެއިން، ކަހާލައިގެން "ލޭނު ދަލެއްގައި މަސް ގެންދާ އުސޫލުން" މެމްބަރުން ގެންދިއުމަކީ ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މެމްބަރުން އެކަމާ ލަދުވެތިވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމްގެ 10 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގަތީ ސަރުކާރާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި އެވެ. އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ހުއްޓުވަން، ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން ހިމެނެ އެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެ 10 މެމްބަރުން ސޮއި ވެސް ކުރެއްވި އެވެ.
އެހެންވެ، ޕީޕީއެމުން އެދިގެން، އޭގެ ތެރެއިން ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ކަނޑައަޅައިފަ އެވެ. އެ ހަ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ސުުޕްރީމް ކޯޓުން ނިންމި ނިންމުންތަކާ ގުޅިގެން ކަމަށް އީސީން ވަނީ ބުނެފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ބޮޑަށް އަމާޒު ކުރެއްވީ އީސީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާއަށެވެ. ނަމަވެސް އީސީން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ނަން ރައީސް ޔާމީން ވިދާޅެއް ނުވެ އެވެ.
ރައީސް ޔާމީން، މީދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
"މެނިފެސްޓޯގައި ހުރި ކަންތައްތަކާއި ރައްޔިތުންގެ އުންމީދުތައް ފުއްދައިދޭނެ ކަމަށް ޕާޓީއެއްގެ ނިވަލުގައި އައި މީހަކު އިންތިހާބުވެގެން ރައްޔިތުންނަށްވީ ވައުދާއި އަހުދަށް ފުރަގަސްދިނީމަ، އެއީ ބޮޑު ގޯހެއް. އެއަށްވުރެ ބޮޑު ގޯހަކީ އެއްފަހަރާ އެތައް ބައިވަރު މެމްބަރުންތަކެއް އެގޮތަށް ގެންދިޔަ ހިޔާނާތްތެރި އަމަލަކީ އަޅުގަނޑުގެ ފޮތުގައި ބަޣާވާތެއް ނޫން ކަމަކަށް ނުވޭ،" ރައީސް ވިދާޅުވި އެވެ.
ބަޣާވާތުގައި ބައިވެރިވި މީހުން ރައްޔިތުންނަށް އެނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ރައީސް ޔާމީން ވިދާޅެއް ނުވެ އެވެ.
ރައީސް އެކަމުގެ ތަފްސީލަށް ވަޑައިނުގަތަސް، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ކުށުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ތިން އަހަރަށް ޖަލަށްލައިފަ އެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް އޮތް ޕާޓީއަކީ ޕީޕީއެމެވެ. އަދި ރައްޔިތުންގެ ހައްގުތައް ހޯދުމަށް ވަކާލާތު ކުރުމަށާއި ދައުލަތުގެ މިސްރާބު ޖަހާނެ ގޮތް ކަނޑައަޅައިދޭން މަޖިލީހަށް އެންމެ ގިނަ އިން ހޮވީ ވެސް ޕީޕީއެމް މެމްބަރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ލިބުނު ތާއީދުން، ވޯޓަކުން ބޭރުން އެ ނޫން އެހެން ކަހަލަ ލައްޒަތާއި ހުށަހެޅުންތައް ހުށަހެޅިގެން އެ މެމްބަރުންތައް އަޅުގަނޑުމެން ޕާޓީން ވަކިކޮށްގެން ގެންދިޔަ. އެކަންކަމުގައި އިސްކޮށް ތިބި މީހުންނަކީ ކިހާވަރަކަށް އަޅުގަނޑުމެންގެ ފިކުރަށް، ޕާޓީއަށް، ދައުލަތުގެ ހަމަޖެހުމާއި މަސްލަހަތަށް ކިހާ ވަރަކަށް ޣައްދާރުވެވުނު ބައެއްތޯ އަޅުގަނޑުމެން ކީއްވެތޯ ސުވާލު ނުކުރަންވީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޑުއްވަރީ ދާއިރާއަކީ ޕީޕީއެމްގެ ދާއިރާއެއް ކަމަށެވެ. އަމީތުގެ ނަން ވިދާޅުނުވެ، ރައީސް ފާހަގަކުރެއްވި ގޮތުގައި، ޕީޕީއެމް ޓިކެޓުގައި ނިކުތް އަމީތަށް ގޮނޑި ލިބިވަޑައިގަތީ ޕީޕީއެމްގެ މެނިފެސްޓޯ މަޑުއްވަރީ ދާއިރާގެ ރައްޔިތުންނަށް ދެއްކެވުމުންނެވެ. ނަމަވެސް، އަމީތު ޕީޕީއެމްގެ ފިކުރު ދޫކުރައްވާ "ކޮޅުފައިން ޖަހާފައި" ރައްޔިތުންނަށް ފުރަގަސް ދެއްވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަޖިލީހަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުން ފެށިގެން އެންމެހާ ކަންކަން ނިންމުމުގެ ބާރު އޮތް ހައިބަތު ހުރި ތަނެކެވެ. އެކަމަކު، މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންތައްތައް އެގޮތައް ހިނގަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން އީސީން ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވަނީ މަޑުއްވަރީ ދާއިރާގެ ގޮނޑި ޕީޕީއެމަށް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގޮނޑި ނުލިބިއްޖެނަމަ، އެކަމާ ހިތާމަ ވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ދައުލަތަކީ އަމާން، މަސްލަހަތަށާއި އިސްލާމް ދީނަށް ލޯބިކުރާ ބޭރުގެ ނުފޫޒުތަކުން މިނިވަންކޮށް ހިމާޔަތްކޮށް، ޝަރަފާއި އަބުރުވެރި ދައުލަތަކަށް ހަދަން ކަމަށެވެ. މިކަން ކުރާއިރު، ވަކި ފިކުރެއް ރާއްޖޭގައި މިހާރު ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
26 October 2017
މީ ދަންނަ ނުދަންނަ
ދަތްދޮޅި
25 October 2017
7 ފެބުރުއަރީ ގެ ބަޣާވާތުގެ މުގުލުގައި ހުރީކާކުކަން ދިވެހި ރައްޔިތުންނަކަށް އޮޅިފައެއް ނެތް !
ދެއުޅި
25 October 2017
ތިމާ މިއޮއް ހުރިހާދުވަހު މިކަން ކުރައްވަމުން ގެންދެވިއިރު ހަމަ "ބަރާބަރު". މިއަދު މި މަންޒަރު ފެނުނީމަ ކެތެއް ނުކުރެވުނު. ކޮންމެ މީހަކަށްވެސް ވާގޮތަކީ "ތަދު" ވާކަން އިހުސާސް ވަނީ ތިމާގެ ގައިގަ މީހަކު ޖެހީމަ، މިއޮއް ހުރިހާދުވަހު އެހެން މީހުން ގައިގަ ތަޅަމުން ދިޔައިރު ނޭގޭ ތަދުވާނެ ކަމެއް. މިއޮތީ ނޫނޭވާ ކަމެއް.
އައިންތު
25 October 2017
ބަޤާވާތް އޮޅިއްޖެ؟ ފެބްރުއަރީ 7 ވަނަ ދުވަހު މަނިކުފާނު "ޕިކަޕަކަށް" އަރައިގެން މައިކު ހިއްޕަވާފަ ކުރެއްވި ކޮންކަމެއްތޯ؟
ތާތު
25 October 2017
ބަލި ގަބޫލުކުރެއްވީތޯ
ހާސް
25 October 2017
ހޮހޯ... ބަޣާވާތުގެ ވާހަކަދައްކަން މާރީތި މީހެއްނޫން ތީ.....
ބޮޑުރިޔާ
25 October 2017
އަޅުގަނޑު ގެ ވާހަކަނުދައްކަބަލަ އަޅުގަނޑުކުރީމާ އޯކޭވާނެ
ތެއާސާ.
25 October 2017
ބޮޑުމީހާ ހަދާންނެތަކަސް އަހަރެމެން ހަދާން އެބަހުރި، މަޖިލިސް އިންތިޚާބު ހަމަ ނިމުމާއެކު އެހެން ޕާޓީތަކުގެ މެންބަރުން ފުލުފުލުގައި އުފުރާލައިގެން ތިޕާޓީއަށް ގެންގޮސްގެން މަޖިލީސް މެޖޯރިޓީ ހޯދައިގެން ޖެހިހާ ސަކަރާތް.. އޭރު މެމްބަރުން ކޮޅު ބަދަލުކުރުން ނުވޭދޯ ބަޢާވާތަކަށް؟
Moosa
25 October 2017
މަހިތައްއަރަނީ ރައީސްކަމަށް ކުފޫހަމަވާ މީހަކު މަގޭ ޙަޔާތުަގައި ރައީސްކަމަށް ނާންނާނެ ބާއެވެ.
އުޑު
25 October 2017
އެހެންމީހުންނަށް ބާއީންވެސް ބާއީއޭކިޔާއުޅޭތާ...