27.9 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓު ފާސް ކުރީ ޕީޕީއެމް އާއި އެމްޑީއޭގެ 39 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން ބޮއިކޮޓް ކުރެއްވުމުން ބަޖެޓް ފާސްކުރަން ބޭއްވި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބަޖެޓަށް ވޯޓެއް ނުދެއްވަ އެވެ. އިދިކޮޅު މެމްބަރުން ވަނީ ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ ބައެއް ބައްދަލުވުންތައް ވެސް ބޮއިކޮޓް ކުރައްވައިފަ އެވެ.

ބަޖެޓު ފާސްކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މަޖިލީހުން ބަޖެޓް ފާސް ކުރިއިރު، އެ މައްސަލާގައި ކޯޓުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ހުށަހެޅި ދައުލަތުގެ ބަޖެޓު ފޮތް. - ފޮޓޯ: މިހާރު

ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖެ އިތުރު ހަރުފަތްތަކަށް ގެންގޮސްދޭނެ ބަޖެޓެއް ކަމަށެވެ. ބަޖެޓުގެ ތެރޭގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ އެތައް ކަމެއް ހިމެނޭއިރު، ބަޖެޓާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓުގައި ހިމަނާފައިވާ މުހިންމު ބައެއް ކަންކަން:

- ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް (234 މިލިއަން ރުފިޔާ)

- ދަރުމަވަންތަ ހޮސްޕިޓަލް ނިންމައި ހިދުމަތް ފެށުމަށް (818 މިލިއަން ރުފިޔާ)

- މާލެ އާއި ރަށްރަށުގައި 6200 ހައުސިން ޔުނިޓް އެޅުމަށް (580 މިލިއަން ރުފިޔާ)

- ޓެބްލެޓް ބޭނުންކުރުމުގެ މަޝްރޫއުއަށް (154 މިލިއަން ރުފިޔާ)

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ބޭނުން ހުރިހާ މަޝްރޫއުއެއް ބަޖެޓުގައި ނުހިމެނޭނެ ކަމަށެވެ. އެކަމަކު، ހއ. ތުރާކުނުން ފެށިގެން އައްޑު އާ ހަމައަށް ކޮންމެ ރަށެއްގައިހެން ގިނަ މަޝްރޫއުތަކެއް ސަރުކާރުން ހިންގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ބަޖެޓުގައި ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނެ ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ. އަދި ބަޖެޓުގައި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ގިނަ އާއިލާތަކަށް ލިބޭނެ އުފާވެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބަޖެޓަށް ވޯޓު ދިނުމަށް ޕީޕީއެމާއި އެމްޑީއޭ މެމްބަރުން ފަހުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޖެޓު ދިރާސާ ކުރި ކޮމެޓީން، ބަޖެޓު ފާސް ކުރިއިރު، ގެނައީ އެންމެ ބަދަލެކެވެ. އެއީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކާށިދޫގައި 300 މީހުންގެ ޖާގައިގެ ޖަލެއް އެޅުމަށް ހިމަނާފައި އޮއްވައި، އެކަން ނުކޮށް، އެ ފައިސާ އިން އެ އަތޮޅު ހުރާގެ ބިން ހިއްކަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އަދި ސަރުކާރަށް ތިން ރިކޮމަންޑޭޝަނެއް ހުށަހެޅުމަށް ވެސް ކޮމެޓީން ފާސް ކުރި އެވެ. އެހެންވެ، މިފަހަރުގެ ބަޖެޓު ފާސް ކުރީ ބަޖެޓު ދިރާސާކުރި ކޮމެޓީން ހުށަހެޅި ގޮތަށެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމެއްގައި ޕީޕީއެމް ދެ މެމްބަރެއްގެ ފަތުގައި ރިޔާޒް މަޑުކޮށްލައްވައިގެން. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޖެޓުގައި ޕީއެސްއައިޕީގެ ތެރެއިން ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ބަޖެޓުގައި ނިންމާފައިވާއިރު، ޕީއެސްއައިޕީގެ ގޮތުގައި އަންނަ އަހަރު ހިންގަން ހުށަހަޅާފައިވާ 522 މަޝްރޫއުގެ ތެރޭގައި ހިނގަމުންދާ 430 މަޝްރޫއު އާއި އަލަށް ފަށާ 93 މަޝްރޫއެއް ހިމެނެ އެވެ.

ބަޖެޓުގައި ހިމަނާފައިވާ މުހިންމު ބައެއް ކަންކަން:

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން (1 ބިލިއަނަށްވުރެ ގިނަ ރުފިޔާ)

- ކަރަންޓު އަގުހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި (200 މިލިއަން ރުފިޔާ)

- ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި (50 މިލިއަން ރުފިޔާ)

- މާލެ-ހުޅުލެ ބްރިޖު ނިންމުމަށް (313 މިލިއަން ރުފިޔާ)

ބަޖެޓުގައި ހަރަދު ކުރަން ހިމަނާފައި އޮތީ 24.9 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ. މި އަހަރު ނިމެން އުޅެނިކޮށް، ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު، މި އަހަރަށް މަޖިލީހުން ފާސްކޮށްދިނީ 27.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.