މީޑީއާ ކޮމިޝަންގެ ބިލް ފާސްކޮށް، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވަނީ

ދައުލަތުގެ އެއް މުއައްސަސާއަކުން ހުރިހާ މީޑިއާއެއް ބެލެހެއްޓުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލް ފާސް ކުރުމަށް ފަހު، ރައްޔިތުންގެ މެމްބަރުން ޗުއްޓީ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން "މިހާރު" އަށް މިއަދު ވިދާޅުވީ މެމްބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާނީ މީޑިއާ ކޮމިޝަންގެ ބިލް ފާސްކުރުމަށް ފަހު ކަމަށެވެ. މި މަސް ނިމުމަކާއެކު، މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވާއިރު، މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ ފެބްރުއަރީގަ އެވެ.

މިދިޔަ މަހުގެ 24 ގައި މި ބިލްގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފަ އެވެ. އެ ބިލަށް ބަހުސް ކުރެއްވުމަށް މެމްބަރުންނަށް ތިން ގަޑިއިރުގެ ފުރުސަތެއް ރިޔާސަތުން ދޭނެ އެވެ.

އެއަށް ފަހު، ބިލް އިތުރަށް ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީއަކަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ. މަޖިލީހުގައި ކުރިން އަމަލުކޮށްފައި ވާ ގޮތަށް ބަލާއިރު، އެއް ދުވަސް ތެރޭގައި ބިލްގެ މަސައްކަތް ނިންމާފައި އެބަހުއްޓެވެ. އެހެންވެ މީޑިއާ ކޮމިޝަންގެ ބިލް ވެސް އެގޮތަށް މަޖިލީހުން ނިންމުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެ އެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

"މިއީ ގައުމާއި ރައްޔިތުންގެ ލާބަޔާ މަންފާ އަށް ކުރާ ކަމަށް. ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މި ބިލުން ބާރު އަޅާނެ. އަބުރުގެ ގާނޫނުގެ ސަބަބުން މީޑިއާތައް އިތުރަށް ވީ ހަރުދަނާ،" ޕީޕީއެމްގެ މެމްބަރަކު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށް ފަހު އަަލަށް އުފައްދާ މޯލްޑިވްސް މީޑިއާ ކޮމިޝަން ބިނާވަނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށް، ބިލްގައި ވަނީ ބުނެފަ އެވެ. އަދި ބިލް ވުޖޫދުވުމާއެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ އެވެ.

ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިން އަމަލުކުރަންވީ ހަމަތަކާއި ސުލޫކީ މިންގަނޑު މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި ބެލެހެއްޓުމެވެ. މީޑިއާ ކޮމިޝަންގެ ބިލުގައި މީޑިއާތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު އެ ކޮމިޝަނަށް ވަނީ ދީފަ އެވެ.

ތަޖުރިބާކާރު ބައެއް ނޫސްވެރިން ސިފަ ކުރި ގޮތުގައި، ނޫސްވެރިން އޮބިއަޅުވަން ފާސްކުރި އަބުރުގެ ގާނޫނާ އެކު ރާއްޖޭގެ މީޑިއާތައް މިވަނީ "ނޭވާ ހޮޅި އަށް" އެޅިފަ އެވެ. އެހެންވެ، މީޑީއާ ކޮމިޝަނެއް ވުޖޫދު ކުރަން އުޅެނީ މިނިވަން ނޫސްވެރިކަން "މައިތިރިކުރަން" ކަމަށް އެ ނޫސްވެރިން ބުނެ އެވެ.

މީޑިއާ ކޮމިޝަން ވުޖޫދަށް އައުމާ އެކު، މިނިވަން ނޫސްވެރިކަން ނެތިގެންދާނެ ކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ހުނަރާއި އިލްމާ ބެހޭ އެއްވެސް ފޮތެއްގައިވާ އެންމެ "ފޮޅުވަތެއް" ވެސް ބިލުގައި ނެތް އިރު، އެ މެމްބަރުން ބިލު ސިފަ ކުރެއްވީ އުތުރު ކޮރެއާގެ ލީޑަރަށް އިޝާރަތް ކުރައްވައި، "ކިމް ޖޮން އުން ބިލް" މިހެންނެވެ.