ޗައިނާއާ ގުޅުމުން ލިބޭ ކުރިއެރުމަށް ހަސަދަވެރިވާ އަވަށްޓެރިން އެބަ އުޅޭ: ރިޔާޒް ރަޝީދު

ރާއްޖޭން ޗައިނާއާ ގުޅުން ބަދަހިކުރުމުން، ރާއްޖެއަށް ލިބޭ ކުރިއެރުންތަކަށް ހަސަދަވެރިވާ އަވަށްޓެރިންތަކެއް އެބަ ތިބި ކަމަށާއި އެކަމަކު ފަސް އެނބުރި ބެލުމެއް ނޯންނާނެ ކަމަށް ވިލުފުށީގެ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ ރުމާލު 2 ޖަހައިގައި ވާހަކަދައްކަވަމުން، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ވިދާޅުވީ ޗައިނާއާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ގާއިމުކުރާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެގެން އުޅޭއިރު، 2004 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާކް ސަމިޓްގައި ވެސް ސަރުކާރުން ހަމަ މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރާއްޖެއަށް ތަރައްގީ އަންނައިރު އެކަމަށް ހަސަދަވެރިވާ ބަޔަކު އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާއާ ގުޅުން ބަދަހިކުރާތީ ބަޔަކު ކަންބޮޑުވިޔަސް މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ޗައިނާއިން ކަމަށެވެ.

"އަޅުގަނޑުމެން ޗައިނާއާ ގުޅުނީމަ މި ގައުމަށް އައިސްދާނެ ކުރިއެރުމާއި ތަރައްގީގެ ސަބަބުން އެކަމާ ހަސަދަވެރިވާ އަޅުގަނޑުމެން އަވައްޓެރިންތަކެއް އެބައުޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން ފަސް އެނބުރި ބަލައެއް ނުލާނަން. އަޅުގަނޑުމެން ގުޅުން އުފައްދަން ޖެހޭ ބަޔަކާ ގުޅުން އުފައްދާނަން. އަޅުގަނޑުމެން ގުޅުން ކަނޑާލަން ޖެހޭ ބަޔަކާ ގުޅުން ކަނޑާލާނަން،" ވަކި ގައުމެއްގެ ނަން ފާހަގަ ނުކުރައްވައި އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ސްރީ ލަންކާއިން ދައުރެއް ކުޅޭ ކަމަށް ތުހުމަތުކުރައްވައި މީގެ ކުރިން ވާހަކަ ދެއްކެވި ރިޔާޒް ވިދާޅުވީ ޗައިނާއާއެކު އެއްބަސްވުމުގައި ސޮއިކުރުމާ ދެކޮޅުވެރިވާ ބަޔަކު ތިބެން ޖެހޭނީ އެގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާއަށް ތާއީދުކުރަނީ އެ ސަބަބުތަކާ ހެދި ކަމަށެވެ.

ޕީޕީއެމްގެ ރުމާލު 2 ޖަގަހާގައި މިރޭ ބޭއްވި ޖަލްސާއަށް ދިޔަ ބައެއް މީހުން. --- ފޮޓޯ: ހުސެން ވަހީދު/މިހާރު

"މިކުރު މުއްދަތުގެ ތެރޭގައި ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް ވެދިންވަރުގެ އެހީއެއް މުޅި އަޅުގަނޑުމެންގެ މާޒީއަށް ބެލިނަމަވެސް ކުރު މުއްދަތުގެ ތެރޭގައި ޗައިނާއިންވި ވަރުގެ އެހީތެރިކަމެއް ފޯރުކޮށްދިން އެއްވެސް ގައުމެއް މި ދުނިޔޭގައި، މި އުޑުދަށުގައި ނެތޭ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ޗައިނާ އިހްލާސްތެރި އެވެ. އަދި ޗައިނާއިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާޒް މިގޮތަށް ވާހަކަ ދެއްކެވި އިރު އިދިކޮޅު ފަރާތްތަކުން ވަނީ ޗައިނާއާ އެކު ހަދާ ފްރީ ޓްރޭޑް އެއްބަސްވުމަކީ އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެފަ އެވެ. އަދި މިއީ އިންޑިއާގެ މަސްލަހަތަށް ނުރައްކާވާނެ ކަމެއްގެ ގޮތުގައި ވެސް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ. ނަމަވެސް އިންޑިއާއިން ރަސްމީ ސިފައެއްގައި މިކަމާ އަދި ވާހަކައެއް ނުދައްކަ އެވެ.

ސަރުކާރުން ކަންކަން ނިންމާނީ މަސްލަހަތު ރަނގަޅު ގޮތަށް ބަލައިގެން ކަމަށް ސިފަކުރައްވަމުން ރިޔާޒް ވިދާޅުވީ އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ކޮމަންވެލްތުން ވަކިވުން ކަމަށް ވާތީ އެކަން ވެސް އޮތީ ކޮށްފައި ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތައުރީފުކުރައްވަމުން ރިޔާޒް ވިދާޅުވީ އެމްޑީޕީއަށް ދުވަހަކު ވެސް ވެރިކަމަށް ނާދެވޭނެ ކަމަށާއި ރައީސް ޔާމީނަށް ވުރެ އަވަހަށް ތަރައްގީ ގެނެސްދެވޭނެ ވެރިޔަކު ނާންނާނެ ކަމަށެވެ.