ދޭން އުޅޭ ގެއްލުމުގެ ތަފްސީލް ދިނުމަށް މައުމޫން އެދިވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަރުގަދަ ކުރުމުން، އެ ގެއްލުމުގެ ތަފްސީލް ދިނުމަށް ޑިފެންސް މިނިސްޓްރީ އަށް މައުމޫން ހުށަހަޅުއްވައިފި އެވެ.


މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގޭގެ ސެކިއުރިޓީ ވަރުގަދަކޮށް ރެ އިން ފެށިގެން އެ ގެކޮޅުގެ ބޭރުގައި ސިފައިންގެ ދެ މީހުން އަންނަނީ ފޯރިމަރަމުންނެވެ.

ޑިފެންސް މިނިސްޓްރީ ޓެގްކޮށް މިރޭ ކުރެއްވި ޓުވީޓެއްގައި މައުމޫން ވިދާޅުވީ އެ މަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ބުނާ ގެއްލުމެއްގެ ތަފްސީލް ހޯއްދެވުމަށް ޑިފެންސް މިނިސްޓްރީ އަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށާއި، އަމިއްލަފުޅަށް ސަލާމަތީ ކަންތައް ވަރުގަދަ ކުރެވޭނީ ވެސް އޭރުން ކަމަށް މައުމޫންގެ ޓުވީޓްގައިވެ އެވެ.

މައުމޫން މިރޭ ކުރެއްވި ޓުވީޓް.

ސަރުކާރާ އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ މައުމޫނަށް ސިފައިން ދެމުން އައި ސެކިއުރިޓީ ވަރަށް ފަހުން ވަނީ ދަށްކޮށްފަ އެވެ. އަލުން ސެކިއުރިޓީ ވަރުގަދަކޮށް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ބޭރުގައި ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ އިރު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޭގެ މަގުސަދަކީ އެ ގެ އަށް ވަދެނުކުމެ އުޅޭ މީހުން ބެލުމެވެ.