ޖަރުމަނު ސަފީރު އިދިކޮޅު ފަރާތްތައް އަަދި އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ޖަރުމަނުން ރާއްޖެ ކަނޑައަޅާފައި ހުންނެވި ސަފީރު ޖެން ރޮޑާ، އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވައިފި އެވެ.


ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭނާ އިއްޔެ ވަނީ، އިދިކޮޅު އެމްޑީޕީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިިފަ އެވެ. މިއަދު ބައްދަލުކުރެއްވީ އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ އެވެ.

ޖަރުމަނުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރާ، އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަފީރާއެކު ބޭއްވުނީ ކާމިޔާބު އަދި އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ދެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކޮށް އެކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އާއި ޖަރުމަނަކީ ގާތް ދެ ރަހުމަތްތެރިން ކަން ވެސް މައުމޫންގެ ޓުވީޓުގައި ފާހަގަކުރައްވާފައި ވެ އެވެ.

ބައްދަލުވުމަށްފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި

ޖަރުމަނުގެ ސަފީރާ މައުމޫން ބައްދަލުކުރައްވާފައި މި ވަނީ، އެ މަނިކުފާނުގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ، ގެކޮޅުގެ ސެކިއުރިޓީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަރުގަދަކޮށްފައި ވަނިކޮށެވެ.

ނަމަވެސް މައުމޫން ވިދާޅުވެފައި ވަނީ އެ މަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންވެ އެކަމުގެ ތަފުސީލު ހޯއްދެއްވުމަށް މައުމޫން ވަނީ ޑިފެންސް މިނިސްޓްރީ އަށް ސިޓީއަކުން ދަންނަވައިފަ އެވެ.

ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ހޯއްދަވަމުން ގެންދަވާ ޖަރުމަން ސަފީރު އިއްޔެ ވަނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ވެސް ބައްދަލުކަރައްވައިފަ އެވެ.