އިދިކޮޅު ފަރާތްތަކުގެ ސިޓީއެއް އިންޑިޔާގެ ބޮޑުވަޒީރަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައްދުކޮށްދޭން އެދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއަން ހައި ކޮމިޝަނަށް ސިޓީއެއް މިއަދު ހަވާލުކޮށްފި އެވެ.


އެ ސިޓީ ރައްދުކޮށްދިނުމަށް އެދި އިންޑިއަން ހައި ކޮމިޝަނަށް ވަޑައިގަތީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުނިގޮތުގައި އެއީ އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުންގެ ފަރާތުން މޯދީއަށް އަރުވަން ދެއްވި ސިޓީ އެކެވެ. އަދި އެ ސިޓީގައި ބޮޑަށް އަލި އަޅުވާލާފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތާއި އިދިކޮޅު ލީޑަރުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަމަށް އޭނާ ބުންޏެވެ. އަދި ގާނޫނުތަކާއި ގަވައިދުތަކުގެ ބޭރުން، ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތްތައް ވެސް އެ ސިޓީގައި ބަޔާން ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ސަރުކާރުގެ ފަރާތުން އެންމެ ފަހުން މޯދީއާ ބައްދަލު ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. މި މަހު 11 ވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ދަތުރެއްގައި އާސިމް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މޯދީއާ ބައްދަލު ކުރައްވައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި މޯދީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ރަހުމަތްތެރިކަން އަބަދުވެސް އޮންނާނެ ކަމަށާއި އަދި އެ ގައުމުން ރާއްޖެއަށް ދޭ އެހީތައް ކުރިއަށް އޮތްތަނުގައި އިތުރު ކުރާނެ ކަމަށެވެ. އަދި ރާއްޖެ ވަޑައިގަތުމަށް، އެ މަނިކުފާނަށް ދިވެހި ސަރުކާރުން ދެވަނަ ފަހަރަށް ދިން ދައުވަތު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ. ނަމަވެސް އެ ދަތުރުފުޅުގެ ތާރީޚެއް އަދި ނުނިންމަވަ އެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމަވައި އަދި ރާއްޖެއަށް އިންޑިއާއިން ދޭ އެހީތައް އިތުރު ކުރައްވަން ނިންމެވިއިރު، ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ކަމަށް އިންޑިއާގެ މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު ރާއްޖެ އާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން އެކަން ދޮގުކުރައްވަ އެވެ. ރާއްޖެ-އިންޑިއާގެ ގުޅުން ފަހަކަށް އައިސް ގޯސްވި އެއް ސަބަބަކީ ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިވެ، ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުން ކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވެ އެވެ. ނަމަވެސް ރާއްޖެއިން ތަކުރާރުކޮށް ބުނަމުން އައީ އެ އެއްބަސްވުމުގެ އެއްވެސް އަސަރެއް އިންޑިއާއަށް ނުކުރާނެ ކަމަށެވެ.