ޚަބަރު / ނަސްރުﷲ މުސްތަފާ

ބަޔަކު ހައްޖަށް ފޮނުވައިގެން ހާލުގައެއް ނުޖައްސަން: ނަސްރުﷲ

23 ޖެނުއަރީ 2018 - 10:43

ހުއްދަ ނުނަގައި އެއްވެސް ބަޔަކު ހައްޖަށް ފޮނުވައި ހާލުގައި ޖައްސާފައި ނުވާނެ ކަމަށް ޝައިޚް ނަސްރުﷲ މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހަތަރު މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނާ ބުނުމުގަ އާއި، އެ ހަތަރު މީހުން މައްކާގައި ހާލުގައި ޖެހުނު ކަމަށާއި ސައްހަ ނޫން ލިޔުމެއް އުފެއްދި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ.

"ހުއްދަ ނެތިއޭ ބުނީމާ އުފެދޭ ފުރަތަމަ ސުވާލަކީ، ކޮން ތާކުންބާއޭ ހުއްދަ ހޯދާނީ. އެ މީހުންނަކީ ޚާއްސަ ވިސާއެއްގައި ހައްޖަށް ދިޔަ ބައެކޭ، މުޖާމަލާ ހައްޖު ވިސާގައި. އެއަކަށް އެއްވެސް ގަވާއިދެއް އެއްވެސް އުސޫލެއް ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނޯންނާނެޔޭ. އެއީ އަލަށް ރާއްޖެ އަށް ސައޫދީ އެމްބަސީ އައިސްގެން އަލަށް ދޫކުރި ވިސާއެކޭ. އެހެންވީމާ ހުއްދަ ނެތިއޭ ބުނީމާ ހައްޖު މިޝަނަށް އެނގިވަޑައިނުގަންނަވަނީ. ޕާސްޕޯޓްގައި ޖަހާފައި އޮންނާނެ މުޖާމަލާ ހައްޖު ވިސާ. އޭގެ މާނައަކީ ޚާއްސަ ވިސާއެކޭ. އެއީ ރާއްޖެ އަށް މި ދޭ ކޯޓާގެ ތެރޭގައި ހިމެނޭ ވިސާއެއް ނޫން،" ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރު ވިދާޅުވި ގޮތުގައި އޭނާ މެދުވެރިވެގެން ސައޫދީ އެމްބަސީން ވިސާ ހޯދައިދީގެން ހައްޖަށް ދިޔަ ހަތަރު މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ކުރާ ތުހުމަތަކީ ވެސް ހަގީގަތެއް ނެތް ވާހަކައެކެވެ.

"އެ ދެމަފިރިން ކުރެ ކޮންމެ މީހެއްގެ އަތުން 70،000ރ. ނެގި ކަމަށް އެ ބުނާ ވާހަކަ. އެ ދެމަފިރިން އަތުން ހަމަ އެންމެ ރުފިޔާއެއް ވެސް ނުނަގަން. ދެން އުޅެނީ ތަންކޮޅެއް ދުވަސްވީ ދެ ފިރިހެނުން. އޭގެ ތެރެއިން އެކެއްގެ އަތުން އަޅުގަނޑު ފައިސާ ނެގި އިރުގައި، އޭނާ އަށް އަމާނާތެއްގެ ގޮތުގައި ލިޔުމެއް ވެސް ދީފައި އޮންނާނީ. ލިޔުން ދިނީކީ ހައްޖަށް ދެވޭނެޔޭ ކިޔައިފައެއް ނޫން. ލިޔުމެއް ދިނީ އަމާނާތެއްގެ ގޮތުގައި ފައިސާ ނެގީތީ އެ ފައިސާ ކަށަވަރު ކުރުމަށްޓަކައި. އެމީހުން ބޭނުންވެއްޖެ ވަގުތެއްގައި ވެސް އެ ފައިސާ އެ މީހުންނަށް ލިބޭނެ ކަމަށް ކަށަވަރު ކުރުމަށްޓަކައި ދިން ލިޔުމެއް އެއީ. އަމިއްލަ އަށް ފައިސާ ގެންގުޅެވޭ ވަރުގެ ދެމަފިރިންގެ އަތުން އެންމެ ފައިސާއެއް ވެސް ނުނަގަން،" ނަސްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަތަރު ދިވެއްސަކު މައްކާގައި ހާލުގައި ޖެހުނު ކަމަށް ބުނެ، ހައްޖު މިޝަންގެ ރައީސް އިބްރާހީމް އަހްމަދާ ހަވާލާދީ "މިހާރު" ނޫހުގައި ލިޔެފައިވާ ޚަބަރުގައި، އެ ހަތަރު މީހުން މައްކާގައި ތިބޭނެ ތަނެއް ހަމަޖައްސާފައި ނުވާ ކަމަށް އޮތް ވާހަކައަކީ ވެސް ހަގީގަތެއް ނޫނެވެ.

"ދެން އޮތީ ހުންނާނެ ތަނެއް ނުހިފަޔޭ ހުރީ. އެ ވެސް ދޮގެއް. އަޅުގަނޑު އަތުގައި ފައިސާ ދެއްކި ކަމުގެ ރަސީދު ވެސް އޮންނާނެ. އެހެންވީމާ (އެ މީހުން މައްކާގައި ތިބޭނެ) ތަންވެސް ހިފާފައި އަނެއްކާ (އެމީހުންނާ ހަވާލުވާނެ) މީހުން ވެސް ހަމަޖައްސާފައި ހުންނާނީ."

ނަސްރު ވިދާޅުވީ އެ ހަތަރު މީހުން މައްކާ އަށް ފޮނުވީ، އެ މީހުންނާ މައްކާ އިން ހަވާލުވާނޭ ސައޫދީ ރައްޔިތަކު ވެސް ހަމަޖައްސައިފަ އެވެ. އަދި އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާ ޖިއްދާ އެއާޕޯޓުގައި ހުރެ، އެ ސައޫދީ މީހާއާ ވެސް ގުޅި ކަމަށާއި، އެއާޕޯޓުން ކަންތައް ހަމަޖެހި ނުކުމެވުމުން ގުޅުމަށް އެމީހާ ބުނި ކަމަށް ވެސް ނަސްރު ވިދާޅުވި އެވެ.

ނަސްރު ވިދާޅުވި ގޮތުގައި އެ ހަތަރު މީހުން ހާލުގައި ޖެހުނު ކަމަށް ބުނެ ވާހަކަތަކެއް ފެތުރިގެން ދިޔައީ، އޭނާ ރޭވި ގޮތަށް އެ ހަތަރު މީހުންނާ އެކީ އެއް ފްލައިޓެއްގައި އޭނާ އަށް ދަތުރު ނުކުރެވުމުންނެވެ. އޭނާ އަށް އެ މީހުންނާ އެއް ފްލައިޓެއްގައި ދަތުރު ނުކުރެވުނީ، ހައްޖަށް ދިޔުމަށްޓަކައި ޖަހަންޖެހޭ ވެކްސިނެއްގެ ކުޑަ މައްސަލައް ދިމާވުމުން ކަމަށް ނަސްރު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑު މި ދަނިއްޔޭ ހަތަރު ފަސް ގަޑިއިރު ތަފާތުން އަންނާނަމޭ. ކަމެއް ގޯސްވެގެން ކަމެއް އުނދަގޫ ވެއްޖެއްޔާ އެއާޕޯޓްގައި މަޑުކޮށްލާށޭ، އަޅުގަނޑު މި އަންނަނިއްޔޭ ފަހަތުން. އެއާޕޯޓުގައި އަޅުގަނޑު އައިސް ބައްދަލުކުރާނަމޭ. އަޅުގަނޑު ފައިބައިފަ ވަގުތުން ބޭފުޅެއްގެ ރޯމިން ނަންބަރަކުން ގުޅީމާ ހަމަ ވިދާޅުވީ މިހާރު މި ދަނިއްޔޭ އެއާޕޯޓުން ނުކުމެގެން... އަޅުގަނޑަށް އެ މީހުންނާ އެކުގައި ދަތުރު ކުރެވުނު ނަމަ މިއިން އެއްވެސް ކަމެއް ދިމާވާނެތޯ؟" ނަސްރު ވިދާޅުވި އެވެ.

އެ ހަތަރު މީހުން ހައްޖަށް ފޮނުވީ ހުއްދަ ނެތި ކަމަށް، ހައްޖު މިޝަންގެ ރައީސްއާ ހަވާލާދީ ޝާއިއުކުރި ޚަބަރާ ގުޅިގެން، ނަސްރުﷲ ވަނީ، އެ ޚަބަރާ ގުޅިގެން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، އަބުރު ގެއްލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް "މިހާރު"ގެ ފަސް ނޫސްވެރިއަކާއި ވީމީޑިއާގެ މައްޗަށް ދައުވާ ކޮށްފަ އެވެ.

0 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 5%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454