ވިލާގެ ރިސޯޓުތަކަށް އެރި ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ

ވިލާ ހޮޓެލްސް އިން ހިންގާ ރިސޯޓުތަކަށް ކަސްޓަމްސްގެ މުވައްޒަފުންނާއެކު އެރި ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފި އެވެ.


ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ މުދާތައް ގާނޫނާ ހިލާފަށް ގެންދިޔުމުގައި ފުލުހުން ބައިވެރިވި ކަމަށް ބުނެ އަދި އެ ކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއްގައި ފުލުހުން ބައިވެރިކަމަށް ތުހުމަތުކޮށް އެ މައްސަލަ ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނުން ތަހުގީގު ކުރުމަށް ބާރު އަޅައި ވިލާގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު އާއްމުކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

"މި އަމަލަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފުން ގާނޫނު ތަންފީޒުކުރުމަށް ކުރަމުންގެންދާ ގާނޫނީ މަސައްކަތްތަކަށް ހުރަސްއެޅުމަށާއި ނުފޫޒުފޯރުވުމަށާއި ބިރުދެއްކުމަށް ހިންގި އަމަލެއްކަމަށް މި ސާވިސް އިން ދެކެމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ވިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ރިސޯޓުތަކަށް އަރައި އެ ކުންފުނީގެ މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ގާނޫނީ ގޮތުން ޒިންމާދާރުކުރުވާ ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވާޖިބެއްކަމުގައި ދެކޭ ކަމަށެވެ. އެހެންވެ އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ އެ 44 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް އާއްމުކޮށްފަ އެވެ.