އަޒުހަރުން ފޮނުވި 14 ޓީޗަރުންނާ މިނިސްޓަރު ބައްދަލުކުރައްވައިފި

އަލް އަޒުހަރު ޔުނިވަސިޓީން މި އަހަރު ރާއްޖެ ފޮނުވި 14 ޓީޗަރުންނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ބައްދަލުކުރައްވައިފި އެވެ.


އެ މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމް ފުޅާކުރުމުގައި އަޒްހަރު ޔުނިވަސިޓީގެ ހިއްސާ ވަރަށް ބޮޑު ކަން ފާހަގަކުރައްވައިފަ އެވެ. އަދި ރާއްޖެއަށް އަލުން ޓީޗަރުން ފޮނުވަން ނިންމުމުން، އެ ޔުނިވަސިޓީގެ އިސް ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ

ރާއްޖޭގައި އަރަބި ތައުލީމް އުނގަންނައި ދިނުމަށް މީގެ 31 އަހަރު ކުރިން އަރަބިއްޔާ ސްކޫލު އުފެއްދި ފަހުން، ކޮންމެ އަހަރަކު ވެސް އަޒުހަރުން ޓީޗަރުން ފޮނުވަ އެވެ. އަދި މި އަހަރު ޓީޗަރުން ފޮނުވަން އަޒުހަރުން އަލުން މި ނިންމީ، ދިމާވި މައްސަަލައަކާ ގުޅިގެން ރާއްޖެ އަށް ދެން އިތުރަށް އަޒުހަރުން ޓީޗަރުން ނުފޮނުވަން އެ ޔުނިވަސިޓީން ނިންމުމަށް ފަހު އެވެ. ނަމަވެސް ޝައިހުލް އަޒްހަރު ފަހުން ވަނީ އެ ނިންމުން ބަދަލުކުރައްވައިފަ އެވެ.

އަޒުހަރުން މިއަހަރު ރާއްޖެ ފޮނުވި ބައެއް ޓީޗަރުންނާ،.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިދިޔަ އަހަރު ރާއްޖޭގައި ކިޔަވައި ދިނުމަށް ފަހު އެނބުރި މިސްރަށް ދިއުމުން، އަޒްހަރުން އެ ޓީޗަރުންނާ ބައްދަލުކޮށް، ދެން އިތުރަށް ރާއްޖެ އަށް ޓީޗަރުން ނުފޮނުވަން ނިންމި ކަން އެންގި އެވެ. އެއީ، އެ ޓީޗަރުން ބުނެފައިވާ ގޮތުގައި، މިިދިޔަ އަހަރުގެ ކިޔެވުން ފެށުނު ފަހުން ރާއްޖެ އައި ޓީޗަރުންތަކެއް ރާއްޖެ އެތެރެވިޔަ ނުދީ 12 ވަރަކަށް ގަޑިއިރު އެއާޕޯޓުގައި ބައި ތިއްބުމަށް ފަހު އެނބުރި މިސްރަށް ފޮނުވާލުމުން އެކަމާ އަޒްހަރުން ހިތްހަމަ ނުޖެހިގެންނެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޓީޗަރުން ވަނީ ރާއްޖޭގައި އިސްލާމީ ތައުލީމް ފޯރުކޮށްދިނުމުގައި ދެމިތިއްބަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މީހުން އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރެއްވި އެވެ.

އަޒުހަރުން ފޮނުވި ޓީޗަރުންނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިންް، ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި މީޑިއަމްގެ ސްކޫލް ގާއިމްކޮށް، ތައުލީމް ދެމުން ގެންދާ ކަމަށް މިނިސްޓަރު އާއިޝަތު ޝިހާމް މިއަދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ 65 ސްކޫލެއްގައި 10،000 އަށް ވުރެ ގިނަ ދަރިވަރުން މާއްދާއެއްގެ ގޮތުގައި އަރަބި ކިޔަވަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.