12 ފެބުރުއަރީ 2018 - 17:40
އަންނަ ހުކުރުދުވަހު މާލެއަށް އެކި ރަށްރަށުން މީހުން އެއްވެ" ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން" އުޅޭ ކަމަށް ބުނެ، އެފަދަ ހަރަތާކްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ފުލުހުންނާއި ސިފައިން ދާދި ދެންމެއަކު ދީފި އެވެ.
ފުލުހުންނާއި ސިފައިންގެ މީޑިއާ ދެ އޮފިޝަލަކު އިއްވެވި ތަފާތު ދެ ބަޔާނުގައި ބުނެފައި ވަނީ މިހާރު ރާއްޖޭގައި ގާއިމްވެފައިވާ ހަމަޖެހުން ނަގާލާ، ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އިއްވެވި ބަޔާނުގައި ބުނެފައިވާ ގޮތުގައި މާލެ އާއި ރަށްރަށުގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ، ހަމަނުޖެހުން ހިންގާނެކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އެހެންކަމުން އެފަދަ އެއްވެސް ފުރުސަތެއް ފުލުހުން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނާ ހިލާފަށް އެއްވެ، ހަމަނުޖެހުން އުފައްދަން އެއްވެސް ފުރުސަތެއް ދިވެހި ފުލުހުން ނުދޭނަން،" ޝިފާން ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި ރޭ އައްޑޫ ސިޓީގައި ހިނގި އަލިފާނުގެ ދެ ހަދިސާގެ ފަހަތުގައި ވެސް ވަނީ ހަމަނުޖެހުން އުފެއްދުމުގެ މަގުސަދެވެ. އެހެންކަމުން އެ މައްސަލަ ބަލައި، އޭގައި ބައިވެރިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ ގާނޫނީ ސަރުކާރާއި ރައްޔިތުންގެ ހިމާޔަތުގައި ތަފާތުކުރުމެއް ނެތި އަބަދުވެސް ފުލުހުން ދެމިތިބޭނެ ކަމަށެވެ. އަދި އިސްލާމްދީނާއި ދިވެހި ގައުމުގެ ހިމާޔަތުގައި ކުރަންޖެހުނު ކޮންމެ ކަމެއް، ފަސްޖެހުމެއްނެތި ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ފުލުހުންނަކީ ގައުމުގެ ދިފާއުގަ އާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ، ގާނޫނުގެ ބާރުވެރިކަން ދެމެހެއްޓުމުގެ ގާނޫނީ ބާރުދެވިފައިވާ ފަރާތްކަމުގައި ވީހިނދު ގައުމުގެ އަމާންކަމާއި މަސްލަހަތު ހިމާޔަތްކުރުމަށް ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރު އޭގެ އެންމެ މަތީ ދަރަޖައިގައި ބޭނުންކުރާނެކަން މިފުރުސަތުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
ފުލުހުން ބުނިގޮތުގައި ގައުމުގައި ސުލްހަވެރިކަމާއި އަމާންކަން ގާއިމްވެފައި މިއޮތީ ގިނަ ބައެއްގެ މަސައްކަތުންނެވެ. އެކަމުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން ހުކުރުދުވަހު ބާއްވާ އެއްވުމަކީ އަމާންކަން ނަގާލަން ބާއްވަން އުޅޭ އެއްވުމެއް ކަމަށެވެ.
"ރާއްޖޭގައި ގާއިމްވެފައިވާ އަމާންކަން ނަގާލުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ދިވެހި ސިފައިން ނުދޭނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން" ކަމަށް ސިފައިންގެ ތަރުޖަމާން އާދަމް އާޒިމް އިއްވެވި ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތަސް އެއްވެއުޅުމުގެ މިނިވަންކަން ދީފައިވާ ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް އެއްވެ އުޅެ ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމަށާއި މާލެ އަށް މީހުން އެއްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
އެއްވެ އުޅުމުގެ މިނިވަންކަން އޮތް ކަމަށް ފުލުހުން ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބާއްވާ ގިނަ އެއްވުންތައް ރޫޅާލައި، މީހުން ފޮނުވާލާ ކަމަށް، އެ ފަރާތްތަކުން ބުނެ އެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމްގެ ހުރިހާ ޖަލްސާތަކެއް، މާލޭގެ ކޮންމެ ތަނެއްގައި ވެސް، އެއްވެސް ހުރަހެއް ނެތި ބޭއްވުމުގެ ފުރުސަތު ފުލުހުން ދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ޝަކުވާ ވެސް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާރފް
06 March 2018
ހެޔޮ ދިނަސް!
ނުފެނޭ
13 February 2018
މުޒާހަރާއަކަށް ނިކުމެ ވާނެ ފައިދާއެއްނެތް. ސިޔާސީ މީހުން ރައްޔިތުންގެ ބޭނުންކުރަނީ ނަހަމަ ގޮތުގަ. ގައުމަށް ގެނެވިފަ އޮތް އެއްވެސް ހަމަޖެހުމެއް ނެތް މުޒާހަރާއަކުން. ރައްޔިތުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން މުޒާހަރާއިން ސަރުކާރު ބަދަލުކުރުމަށްވުރެ ވޯޓުން ދެއްކުން މާ ރަގަޅު. ވޯޓްނުލެވޭނެ ގޮތަކަށް އަދި ހެދީކީ ނޫން. އެހެން މީހަކަށް ކުރިމަތިލެވެން ނެތީކީ ނޫން. އެދުވަސް އައިމަ ރަގަޅު މުޒާހަރާކުރަން. ސިޔާސީ ވަކި ބަޔަކު ބޭނުންވާހާ ގޮތެއް ހަދަން މުޒާހަރާކޮށްގެން އެމީހުންނަށް ފައިދާކޮށްދެވިއްޖެ ކުރިން އެތައް ފަހަރަކު. ގައުމު އިތުރަށް ފަސާދަވީ.
އެމްސް
13 February 2018
އިދިކޮޅު ނައްތާލުމީ އެންމެ ޚުދުމުޚުތާރު ސިފަ
ސަފުވާނު
13 February 2018
ލޮބުވެތި ރައްޔިތުންނަށް ނިކަންޔަގީކަން ދޭނެ. މުޖުތަމުގައި މިހިގާ މީހުންކަތިލުމާއި މަގުފޭރުމާއި މާރާމޭރި ނިކަންހުއްޓުވާބަލަ. ކުއްކުރާމީހުންނަށް އިނޒާރުދީ އެއަށްއަމލީ ސިފަގެނެސްބަލަ އަހަރުމެން ތިބޭނަން އަތްޖަހަން. އެކަމަކު މިހާރުތިއުޅޭގޮތެއް ގާނޫނާއި ގަވާއިދާ އެންމެނަށްވެސް އިގޭގޮތަށް އެއޮތީ ދިވެހިބަހުން ލިޔެވިފަ. އަރަބިން އޮތްނަމަތާ ބަޔަކަށް ކޮށިއަރާނީވެސް އަދި ކިޔަން އެގުނަސް މާނައެއް ނޭގޭނެވިއްޔާ އަހަރުމެންްނަކަށް..
ޢަހުމަދު
13 February 2018
މިމީހުނަށްއޮތީ ބިރުވެރިކަމުގެ ހަބަރުދިނުން އެކަނިތަ. ޢިންޒާރުދޭކަށް ނުޖެހޭ. ގާނޫނާ ހިލާފުކަމެއް ފުލުހަކު އަދި ސިފައިންގެ މީހަކު ކުރިޔަސް އެމީހަކަށް އަދަބު ހައްގު.
ކަންބޮނޑި
13 February 2018
ކޮން މުޒާހަރާއެއް ކުރާކައް؟ އެންމެ ފަހުވަގުތު އީސީ ހަބީބޫ ހައްޔަރުކޮށްފައި ބުނާނެ ކިހިނެއްހޭ އިލެކްޝަނެއްވެސް ދެން ބޭއްވޭނީ މިހާ ހިސާބައް މިއޮތީ ކޮރަޕްޝަންގެ ކަންކަން ހިނގާފައޭ. ދެން ނުބާއްވާނެ އިންތިޚާބެއްވެސް. ތިކުރަންއުޅޭ މުޒާހަރާއަކުން ކުރާނެ ފައިދާއެއް ނެތް. ރައްޔިތުން މާޔޫސްވާތީ އަންނި ފާޑުފާޑުގެ ވާހަކަ ދައްކައިގެން ހިފެހެއްޓޭތޯ ބަލަނީ. ނުވާނެ އެއްގޮތެއްވެސް.
ޢަލީމް
13 February 2018
މާޔޫސް ކަމަކީ ނިކަމެތިވުން. ބޯހިޔާވަހިކަމަކީ އެންމެ އަސާސީ ބޭނުން. ތިމާމެންގެ ފުލެޓާ ބެހުނުވަރު އެއޮތީފެންނަން.
ފާތި
13 February 2018
އެއީ ޕީ.ޕީ.އެމްގެ އެއްވުމަކަށް ނުވީމަތާ އިންޒާރު ދެނީ؟ ލަދެއް ހަޔާތެއްގެ ކަންފުޅެއްވެސް ހަމަ ނެތީ.
މާހިރު
13 February 2018
ސަލާމަތީ ޚިދުމަތްތަކުން ޤާނޫނާ އެއްގޮތަށް ޢަމަލުކުރާނަމަ އަމާންކަން ޤާއިމްވެފައި އޮންނާނެއެވެ. ނަމަވެސް މިހާރަކަށް އައިސް ރާއްޖޭގެ އަމާންކަމާއި ސުލްޙަ ގެއްލެމުންދަނީ ސަލާމަތީ ޚިދުމަތްތަކުން ވެރިކަމުގައި ތިބޭ ފަރާތްތަކުން ކުރާ ޤާނޫނާ ޚިލާފްކަންކަން ނުހުއްޓުވާ، އެފަރާތްތަކުން ކުރާ ޤާނޫނާ ޚިލާފް ކަންކަމަށް އެއްބާރުލުންދޭތީއެވެ. ކިތައްމެ އިންޒާރެއް ދިންނަމަވެސް ހައްޤުބަސް ބުނުމުގައި ފަސްނުޖެހޭމީހުން ތިބޭނެއެވެ.
ސަޙާފް
13 February 2018
ދިވެހި ސިފައިންނާއި ފުލުހުން ކުރައްވާ ބުރަ މަސަތްކަތަށް އައްސަރި ބަހާއި ސާބަސް. މިހާތަނަށް އެމްޑީޕީ ބައިވެރިވި އެއްވުމަކަށް ތިންސަތޭކަ މީހުން ހަމަވިޔަސް މިޤައުމުގެ ތަރައްޤީ ނެތިކޮށްލާ ފަނާ ކޮށްލުން ނޫންކަމެއް ނުކުރޭ.
ޢިނާ
13 February 2018
ކޮން އިންޒާރެއްދޭކަން، ވަގުން ތައް ހައްޔަރު ކުރަން ކެރޭނެބާ
ސޮކްތެރެޕީ
13 February 2018
މިރާއްޖެއަކު ނެެއްމިހާރަކު ނަޝީދު ވެރިކަމަގެންނަން ބޭނުންވާމިހަކު.
ޝޫޒްތެރެޕީ
13 February 2018
ހަަމަ އެގޮތަށް ޔާމީނު ވެރިކަމުގަ ބަހައްޓަން ބޭނުން ވާ ދިވެހި ރައްޔިތަކުވެސް ނެތް. ނިހާނުމެން އަދުރޭ މެން ކަހަލަ މަދު ކަނޑުކޮހުންތަކެއް އުޅޭނީ
ފާތި
13 February 2018
ދެން ޔާމިންގެ ވެރިކަމަށް ބޭނުން މީހުން އެބައުޅޭތަ މިސަރުކާރުގެ ކޮރަޕްޝަނުން އިންތިހާޔަށް ފައިދާ ލިބޭ މީހުން ވިޔަފާ؟
ބޮން
13 February 2018
ނަސީދަ ވާދަކޮއްލަން ފުރުސަތުދީފަ ތިހެން ކިޔާ.
ވަގު
13 February 2018
ދެން އަހަރުމެން މި އުޅެނީ ރާއްޖޭން ބޭރުގަ؟