މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް މަޖިލީހުގެ ގޯތިތެރޭގައި.
13 ފެބުރުއަރީ 2018 - 14:26
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް، މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަތުމަށް ސިފައިން މިއަދު ހުރަސް އަޅައިފި އެވެ.
ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަޑައިގަންނަވަން އުޅުއްވީ މި އަހަރުގެ ޖަލްސާތައް ފަށާނެ ދުވަހެއް އޮޅުން ފިލުއްވުމަށެވެ.
އެކަން ސާފުކުރުމަށް އުޅުއްވި މެމްބަރުންނަށް މަޖިލީހުގެ ބޭރު ގޭޓުން އެތެރެ އަށް ވަދެވަޑައިގެންނެވުނު ނަމަވެސް، މަޖިލީހުގެ އިމާރާތުގެ ތެރެއަށް ނުވަދެވޭ ގޮތަށް ސިފައިންގެ ފަސް މީހަކު ޔުނިފޯމްގައި ތިއްބެވެ. މަޖިލީހުގެ އިމާރާތުގެ ތެރެއަށް މެމްބަރުން ވަދެވަޑައިގަތުމަށް ސިފައިން ހުރަސްއެޅުމުން އެ މެމްބަރުން މިހާރު ތިއްބެވީ އެތަނުގެ ގޯތިތެރޭގަ އެވެ.
މަޖިލީހުގައި މިވަގުތު ހުންނެވި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، އެބޭފުޅުން މަޖިލީހަށް ވަޑައިގަތީ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށެވެ. އެކަމަކު، ސިފައިން އެކަމަށް ހުރަސް އަޅައި މަޖިލިސް "ހިސޯރު" ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ. އެކަމަކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިހާރު ވެސް ހުންނެވީ އެތަނުގެ ތެރޭގައި. މަސީހަށް ވަދެވޭނަމަ، އަޅުގަނޑުމެންނަށް ވަދެވެން ޖެހޭނެ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ގޯތިތެރޭގައި އިދިކޮޅު ފިކުރުގެ 10 މެމްބަރުންނަށް ވުރެ ގިނަ ބޭފުޅުން މިހާރު އެބަތިއްބެވި ކަމަށެވެ. އަދި ސިފައިން، މެމްބަރުންނަށް ހުރަސްއެޅުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށް އަމީތު ވިދާޅުވި އެވެ.
ޖަލުގައި ތިބި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މި އަހަރުގެ ފުރަތަމަ ޖަލްސާ ނުވަތަ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހެ އެވެ. އެ އުސޫލުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ވެސް ނިންމި އެވެ.
އިދިކޮޅު މެމްބަރުން ގެންދަވަނީ ތަކުރާރުކޮށް، ޖަލްސާ ނުބާއްވައި ލަސް ކުރަނީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ކަމަށް ވިދާޅުވަމުންނެވެ. އެކަމަކު، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބުނީ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ހާލަތު ނިމުމާއެކު ޖަލްސާތައް ފަށާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއާ
14 February 2018
ސިފައިންނާ ފުލުހުން ބޭނުން ކޮށްގެން ﷲ ގަންދީ ކުރި ހުވަޔާ ޚިލާފްވެ, ރައްޔިތުންގެ ހޮވާފައިތިބި މެމްބަރުން މަޖިލީހަށް ވަނަނުދީ, ގޮށްމުށުގެ ބާރު ބޭނުންކޮށްގެން ސިފައިންނާ ފުލުހުންލައްވައި ގާނޫނާ ޚިލާފަށް ރައްޔިތުންނަށް އަނިޔާ ދިނުމުގެ ހައްގެއް ވެރިމީހާއަކަށް ލިބިގެންނުވޭ, އަނިޔާގައި ބައިވެރިވާ ފަރާތްތަކަށް ހައްގު ޝަޒާލިބޭނެ, އަދި ގޮޅިގޮޅިއަށް ފެއްތޭނެ ދުވަސް އޮތީ ކުޑަތަންވެފައި
އލހ
13 February 2018
ކިތަންމެ ދުވަހެއް ކޮށްފަމަޖިލިސް ބޭއްވިޔަސް މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތްގޮތުން ސަރުކާރަށް ފަސޭހައެއްނުވާނެ.
އެމްސް
13 February 2018
ކޮމާންޑަށް އެކަނި ޙަރަކާތް ކުރުން ރަގަނޅު ފާލެއް ނޫން
އިންސާނާ
13 February 2018
ކިހާދެރަކަމެއް މިބުނާ ހާލަތު އޮއްވަކާ ޖަލްސާ ނުބާއްވާނެކަން މެމްބަރުނނައް އެނގޭނެތާ އެހެން ނޫނަސް ކަންތައް އޮޅުން ފިލުވަން ހިސާބުގަނޑު އެމްމެން މުދިޔަޔަސް އޮޅުންވެސް ފިލުވިދާނެތާ ނާތަހުޒީބު ބައެއްތާ
ޙިޓްލަރ
13 February 2018
މަޖިލިސް ޖަލްސާ އޮތަސް ނެތަސް، މަޖިލިސް ޗުއްޓީގައި އޮތަސް ނެތަސް މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ. އެބޭފުޅުންގެ އޮފީހަށް ވަނަނުދީ ހިފަހައްޓާނަމަ އެކަން ކުރާބަޔަަކު އެކަން އެކުރަނީ ގާނޫނާ ޚިލާފަށް.