އާންމުން ބިރު ގަންނަ ގޮތަށް ޚަބަރު ގެންނަ މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން އަބްދުއްރަހީމް ގޮވާލައްވައިފި

އާންމުން ނުތަނަވަސްވާ ގޮތަށް އަމަލުކުރާ މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.


އެ ޕާޓީގެ އޮފީހުގައި މީގެ އިރުކޮޅެއް ކުރިން ބޭއްވި ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވަނީ ރާއްޖެ ޓީވީ އާއި ވީޓީވީގެ ނަން ވަކިން ފާހަގަ ކުރައްވައި، "ފިތުނަފަސާދަ" އުފައްދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.

"ރާއްޖެ ޓީވީންނާއި ވީޓީވީން މިކުރާ ހުރިހާ ވެސް މަސައްކަތަކީ މި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތް. ރައްޔިތުންނަށް ވާނުވާ ނޭނގި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގެންދަން ކުރާ މަސައްކަތް. ދޭތެރެ ޖައްސަން ކުރާ މަސައްކަތް. ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާތެރި ކަމެއް އޮތް ކަން ދޭހަކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިއިރު، އިދިކޮޅު ހަރަކާތުން މިއަދު ހަވީރާއި މިރޭ މާލޭގައި ކުރިއަށް ގެންދާ އެއްވުން ކަވަރު ކުރަން ހަރަކާތްތެރިވާ ބައެއް ނޫސްވެރިންނަށާއި ކެމެރާމަނުންނަށް، ފުލުހުން އެއްވުން ރޫޅާލުމުގެ ތެރޭގައި ވަނީ އަނިޔާވެފަ އެވެ. އަދި އެއްވުން ރޫޅާލުމުގެ ތެރޭގައި މީޑިއާތަކުގެ މީހުންނަށް އަމާޒުކޮށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި އަދި އެއްވުން ކަވަރު ކުރަން ވެސް ދަނީ ހުރަސް އަޅަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ރިޕޯޓް ކުރާ މީޑީއާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަކީ މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ގައުމުގައި ފިތުނަފަސާދަ އުފައްދަމުންދާ ކަމަށް ބުނެ ރާއްޖެ ޓީވީ ބަންދުކުރަން އަބްދުއްރަހީމް މީގެ ކުރިން ވެސް ވަނީ ސަލާމަތީބާރުތަކަށް ގޮވާލައްވައިފަ އެވެ. މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ނިއުސް ބްރީފިންއެއްގައި އޭނާ ވިދާޅުވެފައި ވަނީ ގައުމުގެ ހަމަނުޖެހުން ނަގާލަން ރާއްޖެ ޓީވީ އަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި އެ ސްޓޭޝަނުން ކުރަމުން އަންނަނީ ފިތުނަފަސާދަ އުފެއްދުމުގެ މަސައްކަތް ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރުން ވިދާޅުވެފައިވެ އެވެ.

މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުންނާއި ފުލުހުން ރާއްޖެ ޓީވީ އަށް ދެމުން ދިޔަ ހިމާޔަތް މެދުކަނޑާލާފައިވާތީ، މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓިން މި މަހުގެ އަށްވަނަ ދުވަހުގެ ރެ އިން ފެށިގެން އެ ސްޓޭޝަނުން އަމިއްލަ އަށް މެދުކަނޑާލާފައި ވެ އެވެ. ނަމަވެސް ތިން ދުވަސް ފަހުން ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް ވަނީ ފަށައިފަ އެވެ.

މިރޭގެ ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވިދާޅުވީ، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ނުވަ ބޭފުޅަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މި މަހުގެ އެކެއްގައި ނެރުނު އަމުރުގެ އެ ބައި ފަހުން އެ ކޯޓުން ބާތިލް ކޮށްފައިވާއިރު، ކުރީގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މަގުމައްޗަށް މީހުން ނެރުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ.

އަބްދުއްރަހީމް މިރޭ ވެސް ވިދާޅުވީ، ކުރީގެ އަމުރުގައި ބުނާ ކުށްވެރިން ދޫކުރުމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ.

"ޕީޕީއެމުން ސަރުކާރަށް މި ގޮވާލަނީ ނަމަނަމަ ކުށްވެރިއަކު ދޫނުކޮށްލާށޭ. ކިތަންމެ ޕްރެޝަރެއް ކުރިޔަސް އެކަން ކޮށްގެނެއް ނުވާނެއޭ. އަޅުގަނޑުމެން އެކަމެއް ބަލައެއް ނުގަންނާނަމޭ. މި ރާއްޖޭގައި ކުށްވެރިންނަށް ތިބީ ހަމައެކަނި ނުވަ މީހުންނެއް ނޫން. އުމުރު ދުވަހަށް ހުކުމް ކޮށްފައި ތިބި މީހުން ވެސް އެބަތިބި،" އޭނާ ވިދާޅުވި އެވެ.