ދެ ފަނޑިޔާރުން ބައްލަވައިގަތް މުދަލުގެ ތަފުސީލު އެ ގައުމުތަކުން ހާމަކޮށްދޭންޖެހޭ: ޝިއާން

މިހާރު ހައްޔަރުކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބޭރު ގައުމުތަކަށް ވަޑައިގެން، ބައްލަވައިގަތް މުދާތަކަކީ ކޮބައިކަން އެ ގައުމުތަކުން ހާމަކޮށް ދިނުމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.


އުއްތަމަ ފަނޑިޔާރަށް ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނު ރާއްޖެ އާއި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އަދި ފަނޑިޔާރު އަލީ ހަމީދަށް ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައިވާ ކަމަށާއި އެމަނިކުފާނަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ދަބަހުން ފެނުނީ 215،000 ޔޫއެސް ޑޮލަރާއި 150،000ރ. އެވެ.

މީގެ އިތުރުން ރާއްޖެ އިން ބޭރުން އަގު ބޮޑެތި މުދަލާއި ފްލެޓާއި އެޕާޓްމެންޓް ގަނެފައިވާކަން ޔަގީން ކުރެވޭނެ ޑޮކިއުމެންޓް އެވިޑެންސް ވެސް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ދެ ފަނޑިޔާރުންނަށް ފުލުހުން ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުމުގެ ތުހުމަތެވެ.

ރައީސް އަބްދުﷲ ޔާމީނާއި އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއާން. - ފޮޓޯ: ރައީސް އޮފީސް

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ، މިދިޔަ ދެ ތިން މަސް ތެރޭގައި އުއްތަމަ ފަނޑިޔާރު ބޭރުގެ ބައެއް ގައުމުތަކަށް ވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ނެދަލެންޑްސް އާއި އިނގިރޭސި ވިލާތަށް އެމަނިކުފާނު ވަޑައިގެންނެވިކަން ކަށަވަރު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ގައުމުތަކަށް [ފަނޑިޔާރުން] ވަޑައިގެންފައި ހުރީމަ، ފުލުހުން އެނގެން ބޭނުންވާނެ މި ތަހުގީގު ކުރިއަށް ދާއިރު، ގަނެފައި ހުރީ ކޮން މުދަލެއް ކަމާއި ދަތުރުކޮށްފައި ވަނީ ކޮން ގައުމުތަކަކަށް ކަން. އެހެންވީމާ އޭގެ މައުލޫމާތުތައް ބޭރުގެ ގައުމުތަކުން ދޭން އެބަޖެހޭ،" ޝިއާން ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިހާތަނަށް ފުލުހުން ހާމަކުރި މައުލޫމާތުން ފަނޑިޔާރުން ގިނަ ގައުމުތަކަށް ވަޑައިގެން އަގު ބޮޑެތި މުދާ ބައްލަވައިގަތް ކަން އެނގެ އެވެ.

އެހެންވެ، އެ ގައުމުތަކުން މުދާ ބައްލަވައިގެންފައި ހުރި ގޮތާއި ރަޖިސްޓަރީ ކޮށްފައި ހުރި ކަމުގެ މައުލޫމާތުތައް ދިވެހި ފުލުހުންނަށް ދޭންޖެހޭ ކަން ޝިއާން ވިދާޅުވި އެވެ.

ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިދިޔަ މަސްތަކުގެ ތެރޭގައި ފަނޑިޔާރުން ބޭރު ގައުމުތަކަށް 12 ދަތުރެއް ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ނެދެލެންޑްސް އާއި އިނގިރޭސި ވިލާތުގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އެބޭފުޅުން [ފަނޑިޔާރުން] ވަނީ ވަރަށް އަގު ބޮޑެތި މުދާތައް ބައްލަވައިގެންފައި. ތަހުގީގު މިއޮތީ ހަމައެކަނި ރާއްޖެއާ ގުޅިފައެއް ނޫން. އެހެންވެ، މި ތަހުގީގަށް ބޭރު ގައުމުތަކުގެ އެހީ ބޭނުން،" ޝިއާން ވިދާޅުވި އެވެ.

ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިކޮށް، ފުލުހުން ތަހުގީގު ފެށީ ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރަށް ފަހު، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އެވެ. އެކަމަކު އެ މައްސަލައިގެ ތުހުމަތަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކުރީގެ އަމުރު ބާތިލްކޮށްފަ އެވެ.

ފުލުހުން ތަހުގީގު ކުރަމުން އަަންނަ މި މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ދަނގެތި ދާއިރާގެ މަޖިލީހުގެ މެމްބަރު އިލްހާމް އަހުމަދާއި މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ބައެއް އާންމުން ވަނީ ހައްޔަރުކޮށްފަ އެވެ.