އަދުހަމްގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމަށް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސް އަހްމަދު އަދުހަމް، ދޫނިދޫގައި ކުރަމުން ދާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ މިއަދު ބައްދަލުކޮށްފި އެވެ.


ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރާ ހާލަތަކަށް ދިޔުމަކީ އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި އެޗްއާރުސީއެމުން ވަގުުތުން އެކަން ބަލަން ޖެހޭނެ ކަމަށެވެ. އަދި އަދުހަމްގެ ހަޅުތާލާ ގުޅިގެން، އެމްޑީޕީގެ އިސް ބައެއް ވެރިންގެ ޓީމެއް، އެޗްއާރުސީއެމާ ބައްދަލުކޮށް އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލު މަހުފޫޒް ސައީދު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަދުހަމް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކެއުން ވަނީ ހުއްޓާލާފަ އެވެ. އަދި މިދިޔަ މަހުގެ 16 ގައި ހައްޔަރުކުރި އަދުހަމް ޖަލުގައި އޮތީ، ގޮޅީގެ ފާޚާނާގެ އިސްކުރުން ފެން ބޮއެގެން ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދުހަމް ހައިހޫނުކަމުގެ ހަޅުތާލެއް ފެށީ ދަތެއްގައި ރިއްސާތީ ފަރުވާ ދޭން އެދުމުން އެކަށީގެންވާ ފަރުވާ ދީފައި ނުވާތީ އެވެ.

"ދޫނިދޫގައި ހުންނަ ޑޮކްޓަރަށް ދެއްކި. އެކަމަކު އަދުހަމަށް ލުޔެއް ނުލިބުނީމަ މާލެ އިން ޚާއްސަ ޑޮކްޓަރަކަށް ދައްކައިދޭން އެދުމުން އެކަމެއް ނުކުރި. ދަތުގައި ރިއްސާތީ ނުކެވޭތީވެ ހައިހޫނު ކަމުގެ ހަޅުތާލެއް ފެށީ،" މަހްފޫޒް ވިދާޅުވި އެވެ. އިންތި ވިދާޅުވީ އަދުހަމް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އެރުވުމުގެ ތެރޭގައި އޭނާ ކޮއްޕާލުމުން، ވެހިކަލްގެ ދޮރުގައި ޖެހި ކޮނޑުހުޅަށާއި ބުރަކައްޓަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެކަންތައްތަކަށް އެއްވެސް ފަރުވާއެއް ނުދޭއިރު، ދަތުގައި ރިއްސާތާ ވެސް ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވެ އެވެ.

"އެޗްއާރުސީއެމްއާ މިއަދު ބައްދަލުކޮށް އަޅުގަނޑުމެން ވާނީ މިކަމުގެ ސީރިއަސްކަން ހިއްސާކޮށްފައި. ޖަލުގައި ހައްޔަރުކޮށްފައި ތިބުމަކީ އެ މީހުން ބޭސް ފަރުވާއެއް މަހްރޫމްވާ ކަމެއް ނޫން،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދުހަމްގެ އިތުރުން އެހެން ގައިދީން ވެސް ވަނީ ބޭސްފަރުވާގެ ހައްގުން މަރުހޫމްވެފަ އެވެ.

އަދުހަމް ހައްޔަރުކުރީ، އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމަކުންނެވެ. އަދުހަމްގެ އިތުރުން ވެސް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.