ރައްޔިތުންގެ ގަޔަށް ބަޑި ޖަހާކަށް ސަރުކާރުން ނާންގާނެ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ގަޔަށް ބަޑި ޖަހަން ނާންގާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް މި މޭރުމުން ވާހަކަ ދެއްކެވީ، ސަރުކާރު ދިފާއު ކުރުމަށް ރައީސް ޔާމީން "ބަޑި ވެސް ޖައްސަވާނެ ކަމަށް" ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ގަޔަށް ބަޑި ޖެހީ ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އޯޑަރަށް ކަމަށެވެ. އަދި އެ މަނިކުފާނަށް ލަފާ ދެއްވަން އޭރު ތިއްބެވީ ސިޔާސީ ބޭފުޅުންތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކާކުބާ މިކަން ކުރީ؟ އަޅުގަނޑުމެން ދުށީމު 6 ފެބްރުއަރީ 2012 ވަނަ ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި ރަބަރު ވަޒަންލީ ބަޑި ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއަށް ރައީސް ނަޝީދުގެ އޯޑަރަށް ޖެއްސެވި ތަން. ކޮން ބައެއްތޯ ކައިރީގައި ލަފާ ދެއްވަން ތިއްބެވީ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އޭރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ބާޣީ ކެރަފާ ނަސީމާއި ދާންދޫ ރިޔާޒް ކިޔާ މީހެއް. ބައި ގަޑިއިރެއްހާއިރު ލަސްވި ނަމަ، ހަގީގީ ވަޒަންލީ ބަޑި އެ މީހުން ޖެހީސް. މި ސަރުކާރުން އެކަމެއް ނުކުރާނެ،"

ރައީސް ޔާމީނަށް "ކައްޕިއެއްގެ" ލަގަބު ދެއްވައި، އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދަކީ ގައުމީ ނައު ހަވާލުކުރީމަ، އަމާން އައްސޭރިއަކަށް ދަތުރު ނުކުރެއްވުނު ބޭފުޅެއް ކަމަށެވެ. އަދި "އަޅުގަނޑުމެންގެ ނައުގެ ފަޅުވެރިންނަކީ" ވަރަށް ހީވާގި ބައެއް ކަމަށާއި ފަޅުވެރިން ތިބީ ކައްޕިއާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ ނަޝީދު ތެދު ބަހުން ދެއްކެވި ވާހަކައެއް ވިދާޅުވެ ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އަލީ އާރިފް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ނިމުމަކަށް އައީ، އެމަނިކުފާނާ ދެކޮޅަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ނިކުތުމާ ގުޅިގެންނެވެ. އޭގެ ކުރިން، އޭރުގެ އިދިކޮޅު ފަރާތްތަކުން ނަޝީދުގެ ސަރުކާރާ ދެކޮޅަށް މެދުކެނޑުމެއް ނެތި މުޒާހަރާތައް ކުރި އެވެ.