ތެޔޮ ޓޭންކަރުގެ މައްސަލަ އަކީ ބައެއްގެ ބޮޑު ރޭވުމެއް: ޑިފެންސް މިނިސްޓަރު

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލަ އަކީ ބަޔަކު ރާވައިގެން ހިންގި ބޮޑު ކުށެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ބޯޓުގެ މައްސަލައިގައި ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ތަހުގީގުގައި ސިފައިންގެ ދައުރަކީ ކޮބައިތޯ "މިހާރު" އިން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެ ތަހުގީގަށް އެއްބާރުލުން ދީ، މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެއީ އދ. އާއި ބޮޑެތި ބައެއް ގައުމުތަކުގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ތަހުގީގަކަށް ވުމާ އެކު މާ ބޮޑު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތެޔޮ ޓޭންކަރު މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ރާއްޖެ އިން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ގދ. މަޑަވެލި، އަބްދުﷲ ފަހުމީ އެވެ.

ކަނޑުމަތިން ފެނުނު އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ދިވެހި ދިދަ ޖަހާފައިވާ ޓޭންކަރު

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަކާ އެކު ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި އެ ފަދަ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމާއި ސައްހަ ލިޔުމަކަށް ބަދަލު ގެނެސް، އެ ނަކަލު ކުރުމާއި ރިޝްވަތު ދިނުމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑޮކިއުމަންޓްތަކެއް ތައްޔާރު ކުރުމާއި އެ އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހަދައި އެ ބޭނުން ކުރުން ވެސް ހިމެނެ އެވެ.

ބޯޓު މައްސަލައިގައި ފަހުމީ ހައްޔަރުކުރީ، އެއީ ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް ބޯޓެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނުމަށް ފަހު އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެއާގެ އުޅަނދަކަށް، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނާ "ޝިން ޔުއާން 18" އިން މުއާމަލާތްތަކެއް ކުރިކަން ޖަޕާނުގެ ފޮރިން މިނިސްޓްރީން ހާމަކުރުމާ އެކު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެއީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ބުނެފަ އެވެ.

އެ ވާހަކަ އަށް ބާރު ދެއްވައި މިނިސްޓަރު ވެސް ވިދާޅުވީ، މި މައްސަލަ ފެންމަތިވީ "ވަރަށް އުނދަގޫ މައްސަލައެއްގެ ގޮތުގައި" ކަމަށެވެ. ސަބަބަކީ، އެ ބޯޓުގައި ދިވެހި ދިދައެއް ނަގައިގެން ދުއްވި ދުވަސްވަރާއި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދުވަސްވަރާ ދިމާވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަމުގައި ފާހަގަކުރެވޭ ޓައިމްލައިންތަކެއް އެބަހުރި. ... މި އަމަލު ހިންގާފައި ވަނީ ކުރިން ކަމަށް ވިއަސް، މިކަމާ ގުޅޭގޮތުން ކުއްލިއަކަށް އެޅިފައި ހުރި ފިޔަވަޅުތަކާއި ރާއްޖޭގައި އަދި ބޭރުގެ ދުނިޔޭގައި ވެސް މިކަން ހިޓުވެގެން ދިޔަވަރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭއިރު، މި ކަމަކީ ވަރަށް ބޮޑަށް ރާވައިގެން ހިންގި ކުށެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި ބޯޓުގެ މައްސަލާގައި ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެ ބޯޓުގެ މައްސަލަ ކުރިއަކުން، އެންސީޓީސީ އަށް ވެސް އެނގިފައެއް ނެތެވެ.

"މި މައްސަލައިގައި [ސިފައިން] ބައިވެރިވަނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހިސާބުން. އެ ފިޔަވައި ދެން ހިނގާ ކަންތައްތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރަމުންދާ ކަންތައްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ދެ އުޅަނދު ފެނުނީ އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގަނިކޮށް ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ މި ގޮތަށް ކަނޑުމަތީގައި މުއާމަލާތު ކުރުމަކީ މަނާ ކަމެކެވެ.