އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް އިސްލާހު ކުރުމަށް ފަހު، މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އެންޓި ޑިފެކްޝަން ބިލް ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ބިލްގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް ބިލްގައި ބުނާ އުސޫލުތައް ހިނގާނެ ކަމަށް ބުނެފަ އެވެ.

ބިލުގައި ފާހަގަ އެ ކުރަނީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހަށެވެ.

އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.

އެކަމަކު، މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ ޕާޓީ ބަދަލުކުރާ މެމްބަރުން ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމް ބާތިލްކޮށްފަ އެވެ. އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން އޭރު ކަނޑައަޅާފައި އޮތަސް، އެއްވެސް މެމްބަރެއްގެ ގޮނޑި އެ ހުކުމުގެ ދަށުން ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ. އެކަމަކު، ކޯޓުން ފަހުން ވަނީ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

ކޮމިޓީން ގެނައި އިސްލާހުތަކާ އެކު އެންޓި ޑިފެކްޝަން ބިލު ފާސް ކުރިއިރު، ބިލުގައި ކުރިން އޮތް ބިލުގެ މަގްސަދު ހާސިލް ކުރުމަށް ހަދަން ޖެހޭ އެންމެހާ ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ ބާރު އިލެކްޝަނަށް ލިބިގެންވާ ކަމަށް ބުނާ މާއްދާ ވަނީ އުވާލައިފަ އެވެ. ބިލުގައި ބުނާ މާއްދާ އަކީ ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނު މާއްދާއެކެވެ.

މީގެއިތުރުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ އުވާލަން ބިލުގައި ހިމެނި ބައި ބިލުން އުނި ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.