ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލުގެނައި ބިލް ބާތިލް ކުރަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި ބިލާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ މަގާމުން ވަކިވާ ގޮތަށް މިއަދު ފާސްކުރި ދެ ބިލް ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.


މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ގާނޫނަކަށް ވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ސަރުކާރުގެ މެމްބަރުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާއެކު ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން މަގާމުން ވަކިވާނެ އެވެ.

މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެ ދެ ބިލް ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ ވަރަށް އަވަހަށް އެ މައްސަލަ ބަލައި އެ ދެ ބިލް ބާތިލް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެ ދެ ބިލަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ އިޖުރާތްތަކާ ހިލާފު ދެ ބިލް. އެހެންވެ އަޅުގަނޑުމެން އެ ބިލްތައް ބާތިލް ކުރަން އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު، ފަނޑިޔާރުންގެ ގާނޫނުގެ 154 ވަނަ މާއްދާ އާ ހިލާފު ކަމަށެވެ.

އެ މާއްދާއަކީ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނެ އުސޫލު ކަނޑައަޅާފައިވާ މާއްދާ އެވެ. އެ މާއްދާ ބުނާ ގޮތުން ފަނޑިޔާރެއްގެ މައްސަލައެއް ފުރަތަމަ ހުށަހަޅަން ޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އަށެވެ. އެ ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމުމަށްފަހު މަޖިލީހަށް ހުށަހެޅުމުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުގައި އަހާ ވޯޓުގައި ބައިވެރިވާ ތިން ބައި ކުޅަ ދެބައި މެމްބަރުންގެ ވޯޓު ދީގެންނެވެ.

ކެންޑޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުން ވަކިކުރެވޭ އުސޫލު އެގޮތަށް އޮންނަނީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް ކަމަށެވެ. ނަމަވެސް މިއަދު ފާސްކުރި އިސްލާހާއެކު އެ މިނިވަންކަން ގެއްލިދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ނުހައްގުން ފަނޑިޔާރުން ވަކިކުރަން ގެނައި ބަދަލެއް. 38 މެމްބަރުން ވޯޓު ލައިގެން ކިހިނެއްތޯ ގާނޫނު އަސާސީގެ މާއްދާއެއް ބާތިލް ކުރާނީ،" ފާސްކުރި ބިލް ބާތިލް ކަން ހާމަކުރައްވަމުން އަލީ ހުސައިން ވިދާޅުވި އެވެ.

މެމްބަރު އަލީ ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--

އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.

އަލީ ހުސައިން ވިދާޅުވީ މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު އެ ބާރު ސިޔާސީ ޕާޓީއަކަށް ނުވަތަ އިލެކްޝަން ކޮމިޝަނަށް ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އެއީ ރިޔާސީ ނިޒާމާ ބީރައްޓެހި އުސޫލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ބިލް ބުނާގޮތުން އެގޮތަށް އަމަލުކުރާނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

ބިލް ފާސްކޮށްފައި އެވަނީ އެހެން ޕާޓީތަކުން ސަރުކާރާ ގުޅުނު މެމްބަރުންގެ ގޮނޑި ނުގެއްލޭގޮތަށް އެ މުއްދަތުން ފަށާގޮތަށެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެގޮތަށް ނިންމުމުން އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމަށެވެ. އިހުލާސްތެރި ކަމެއް ހުރި ނަމަ ދައުރު ފެށުނީންސުރެ އެ އުސޫލަށް އަމަލު ކުރަން ފާސްނުކުރީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

މެމްބަރު އަނާރާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- މިހާރު ފޮޓޯ

އަނާރާ އެ ސުވާލު އުފައްދާފައިވާއިރު އެ މުއްދަތުގެ ކުރިން އިދިކޮޅު ޕާޓީތަކުން އިންތިހާބުވި މެމްބަރުން ވަނީ ޕީޕީއެމާ ގުޅިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ ޓިކެޓުގައި އިންތިހާބުވި، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހިމެނެ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީނަކީ ވެސް ޕާޓީ ބަދަލު ކުރެއްވި މެމްބަރެކެވެ.

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުން ކަމަށް ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޖުލައި 13 ވަނަ ދުވަހުން ފެށިގެން ޕާޓީ ބަދަލުކުރި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނި ނަމަވެސް އިލެކްޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ސަބަބެއް ކަމަށް އަމީތު ވިދާޅުވީ ޖުލައި 13 ގެ ކުރިން އޭގެ ތެރެއިން ބައެއް މެމްބަރުން ޕީޕީއެމުން ވަކިކޮށްފައިވާއިރު އަނެއްބައި މެމްބަރުން އަމިއްލައަށް ޕާޓީން ވަކިވެފައިވުމެވެ. ކޮންމެ ގޮތެއް ހެދި ނަމަވެސް އެ 12 މެމްބަރުންގެ ތާއީދު ރައީސް އަބްދުﷲ ޔާމީނަށް ނުހޯދޭނެ ކަމަށް އަމީތު މިއަދު ވެސް ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

ރައްޔިތުން އެ ގާނޫނެއްގެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނެއް ފާސްކުރާނަމަ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެ އެވެ. އެއީ މިހާރުގެ މަޖިލީހުންގެ މެމްބަރުންގެ އަދަދަށް ބަލާނަމަ 43 މެމްބަރުންނެވެ. ނަމަވެސް މިއަދު މަޖިލީހަށް ހާޒިރުވީ 38 މެމްބަރުންނެވެ.

އިބޫ ވިދާޅުވީ ގާނޫނުން ކަނޑައަޅާ މެމްބަރުންގެ އަދަދު ހަމަނުކޮށް އެބިލް ފާސްކުރުމަކީ ވެސް ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި ޕީޕީއެމްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ބައިވެރިވެވަޑައިގެންފައިނުވާތީ އިބޫ ވަނީ އެ މެމްބަރުންނަށް މަރުހަބާ ދަންނަވާފަ އެވެ.