ފެބްރުއަރީ 1 ގެ އަމުރު ނެރުނީ ފަނޑިޔާރުންނަށް އޮޅުވާލައިގެން: ދައުލަތް

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި އަމުރު ނެރުނީ އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުންތަކަކަށް އޮޅުވާލައިގެން ކަމަށް ދައުލަތުން ބުނެފި އެވެ.


ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުން، އެކަން ފާހަގަކުރީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލް ކުރަން ދައުލަތުން ހުށަހެޅި މައްސަލައިގައި އިޖުރާއީ ނުކުތާއެއްގަ އެވެ.

ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ ފެބްރުއަރީ 1 ގައި ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ލިބިވަޑައިގެންފައިވާ އަދި ލިބެން އޮތް މަންފާއެއްގެ ބޭނުމުގައި ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރުއްވާފައިވާ އަމުރެއް ކަމަށެވެ. އަދި މިއީ "ޕްލޭނެއްގެ" ދަށުން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރަކަށްވާތީ އެ އަމުރު ބާތިލްކޮށްދެއްވުމަށް ވެސް މާޝާ އެދިވަޑައިގެންނެވި އެވެ.

އެކަމަކު، ފަނޑިޔާރުންގެ ބެންޗުން ވަނީ އިޖުރާއީ ނުކުތާ ބަލައިނުގަތުމަށް ނިންމައިފަ އެވެ.

ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދެވެ. ރިޔާސަތު ބެލެހެއްޓެވީ އަރީފެވެ. ފެބްރުއަރީ 1 ގެ އަމުރުގައި މި ތިން ފަނޑިޔާރުން ވެސް ސޮއިކުރެއްވި އެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުނީ ކޮން ފަނޑިޔާރުންތަކަކަށް އޮޅުވާލައިގެން ކަމެއް މާޝާ ވިދާޅެއް ނުވެ އެވެ. އަދި އެކަން މާޝާ ފާހަގަކުރެއްވުމާއެކު، ފަނޑިޔާރުން އެ ވާހަކަ އަށް ރައްދުގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެ ބޭފުޅުންގެ ފަރާތްޕުޅުން ފެނުނީ، އެއްވެސް މާޔޫސްކަމެއް ނެތި، ހަމަޖެހިވަޑައިގެން ތިއްބެވި ތަނެވެ.

ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެދިފައިވަނީ އެ ކޯޓުގެ އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލްކުރި ބަޔާއި ހުރިހާ މެމްބަރުންނާ އެކު މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ބުނާ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ނޫނީ ފަނޑިޔާރުން އައްޔަން ނުކުރެވޭ ކަމަށް ބުނާ ބައި ބާތިލްކޮށް ދިނުމަށް އެދިފަ އެވެ.

މާޝާގެ ވާހަކައިގައި ވަނީ ފްލޯ ކްރޮސް ކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ޖުލައި 13 ގައި ނެރުނު ހުކުމް ވަރަށް ބޮޑަށް ދިފާއު ކުރައްވައިފަ އެވެ. އަދި ފްލޯކްރޮސް ކުރުމާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅިފައި އޮތުމަކީ ހަރުދަނާ ޑިމޮކްރަސީއަކާއި ގައުމުގެ އަމަން އަމާންކަމަށް ގާއިމުކުރަން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާޝާ ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ޖުލައި 13 ގައި ނެރުނު ހުކުމްގައި އެންޓި ޑިފެކްޝަން ގާނޫނެއް ފާސް ކުރަން ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެކަމަކު، ކޯޓުގެ ހުކުމާއި އެ ކޯޓުން ނެރުނު އަމުރާ ދޭތެރޭގައި އެފަދަ ބިލެއް ފާސްކުރަން މަޖިލީހުގައި މާހައުލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން މެމްބަރުންގެ ރިޝްވަތުގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މާޝާ ވަނީ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ ދިފާއުގައި ވެސް ވާހަކަ ދައްކަވައިފަ އެވެ.

މީގެއިތުރުން، ފަނޑިޔާރުން އައްޔަން ކުރާ ގުޅޭ ބައިގައި، މާޝާ ވިދާޅުވީ ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ކުރުމުގައި އިޖުރާއުތަކެއް ގާނޫނުއަސާސީގައި ބަޔާން ކުރާ ކަމަށެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ލިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނިކޮށް، މަޖިލީހުން މިހާރު ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފަ އެވެ. އަދި 12 މެމްބަރުން އެ ގާނޫނުގެ ތެރެއަށް ވަންނާނެ ގޮތް ހެދުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް އެ ގާނޫނު ހިނގާ ގޮތަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސައްހަކަމުގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އިދިކޮޅު ބައެއް މެމްބަރުންގެ ފަރާތުން ހުށަހެޅި އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ދުސްތޫރީ މައްސަލާގައި މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު ކަމެއް ސާފު ކުރަން ޖެހޭނަމަ، އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.