ޖިނާއީ ތުހުމަތެއް އޮތުމަކީ އަމުރުތައް ބާތިލްވާނެ ކަމެއް ނޫން: ފަނޑިޔާރު

ފަނޑިޔާރަކާ މެދު ޖިނާއީ ތުހުމަތެއްކުރެވޭ ކަމަށް ބުނުމަކީ، އެ ފަނޑިޔާރުން ނެރުއްވާ އަމުރުތައް ގޯސް ކަމަށް ބުނެވޭނެ ހާލަތެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރުގެ ބައިތަކެއް ބާތިލްކުރަން ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ ވަކީލް މާޝާ ލުތުފީ، އިޖުރާއީ ނުކުތާއެއްގައި، ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ނަންގަވައި، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

އެހެންވެ، ސުޕްރީމް ކޯޓުގެ އެ އަމުރަކީ އެހެން ފަނޑިޔާރުންނަށް އޮޅުވާލައިގެން ނެރުނު އަމުރަކަށް ވެފައި، އަދި އެއީ ޖިނާއީ ނިޔަތެއް އޮވެގެން ނެރުނު އަމުރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އަމުރު ގާނޫނު އަސާސީއާ މުޅިން ހިލާފު ވާތީ ބާތިލުކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ.

ނަމަވެސް ދައުލަތުން ހުށަހެޅި އިޖުރާއީ އެ ނުކުތާއާ މެދު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ގާތްގަނޑަކަށް މިނެޓެއް ހާއިރު ވަންދެން މަޝްވަރާކުރެއްވުމަށް ފަހު، ނިންމެވީ ބަލައިނުގެންނެވުމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ހިމެނޭ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމުގެ ބައި ބާތިލް ކުރަން ދައުލަތުން ހުށަހެޅި މައްސަލައިގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތަކުގެ ވަކީލާ ވަރުގަދަ އެހެން ސުވާލުތަކެއް ވެސް ކުރައްވައިފަ އެވެ.

ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމުން ބެންޗުގައި މިހާރު ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަރީފެވެ.

ދައުލަތުން ނެންގެވި އިޖުރާއީ ނުކުތާއާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ފަނޑިޔާރެއްގެ ޖިނާއީ މައްސަލަތަކެއް ހުރުމަކީ ބެންޗަކުން ނެރެފައިވާ އަމުރުތަކަކީ ގޯސް ކަމަށް ބުނެވޭނެ ހާލަތެއް ނޫން ކަމަށެވެ.

ޖިނާއީ ކަންކަމަކީ ޝަހުސީ ކަންކަމަށް ވާއިރު، ޖިނާއީ ތުހުމަތެއް ހިނގާނީ އެބޭފުޅެއްގެ މައްޗަށް ކަމަށާއި ޖިނާއީ ނިޔަތެއް އޮތުމަކީ އަމުރު ބާތިލްވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށް ފަހު، ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ މާޝާއާ ތަކުރާރުކޮށް ސުވާލުތަކެއް ކުރައްވައިފަ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ހުކުމެއް ނުވަތަ އަމުރަކާ ގުޅިގެން އެއްވެސް މައްސަލައެއް އުޅޭ ނަމަ، އެކަމެއް ބާތިލް ކުރަނީ ހުކުމެއް ނުވަތަ އަމުރެއް ރިވިއު ކުރުމަށް ފަހު ކަމަށެވެ.

"ފެބްރުއަރީ އެކެއްގެ އަމުރުގައިވާ ބައެއް ބައިތައް މިހާރު ވެސް ބާތިލްކޮށްފައި ވަނީ އެގޮތުގެ މަތިން. ބާތިލް ކުރުމުގެ ކުރިން ރިވިއުކޮށްފައިވާނެ،" ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކައް މުރާޖައާ ނުކުރެވޭނެތޯ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަނީ މާޝާއާ ސުވާލު ކުރައްވައިފަ އެވެ. އޭގެ ޖަވާބުގައި މާޝާ ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލަތައް ރިވިއުކުރެވޭނެ ކަން ނުވަތަ ނޫން ކަން ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މާޝާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި އެކަން ފާހަގަކޮށްފައި ނެތަސް، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުމެވެ. އަދި ކޯޓުގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފަނޑިޔާރު އަރީފް ވަނީ މިހާރުގެ ހާލަތާ ބެހޭ ވަރަށް މުހިންމު ސުވާލެއް ވެސް ދައުލަތުގެ ވަކީލާ ކުރައްވައިފަ އެވެ. އެއީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ސިޔާސީ ޕާޓީން ވަކިވުން، ވަކިކުރުން، އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، މިދިއަ އަހަރުގެ ޖުލައި 13 ގައި ނެރުނު ނިންމުމާއި، އެ ނިންމުން ބާތިލްކޮށް ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ދެމެދު، ފްލޯކްރޮސްކުރުމާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވޭތޯ ކުރެއްވި ސުވާލެވެ.

އެ ސުވާލުގެ ޖަވާބުގައި މާޝާ ވިދާޅުވީ އެ މުއްދަތުގައި އެކަމާ ބެހޭ އެއްވެސް ގާނޫނެއް މަޖިލީހުން ފާސްކޮށްފައި ނުވާ ކަމަށެވެ.

ފަނޑިޔާރު އަރީފްގެ މި ސުވާލު މުހިންމު ވަނީ، ޖުލައި 13 ގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި، ފްލޯކްރޮސްކުރުމާ ބެހޭ ގާނޫނެއް ހަދަން ޖެހޭނެ ކަމަށް ބުނެފައިވުމެވެ. އަދި އެ ހުކުމް ދެމިއޮންނާނީ އެ ގާނޫނު ހެދެންދެން ކަމަށް ވެސް ޖުލައި 13 ގެ ހުކުމުގައި ކަނޑައެޅި އެވެ.

އަނެއްކޮޅުން ފެބްރުއަރީ 1 ގެ އަމުރުގައި، ޕާޓީ ބަދަލުކޮށްގެން، ވަކިވެގެން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ޖުލައި 13 ގައި ކުރި ހުކުމް ބާތިލްކުރުމުގެ އެއް ސަބަބެއް ކަމަށް އޮތީ ފްލޯކްރޮސްކުރުމާ ބެހޭ ގާނޫނެއް މަޖިލިހުން ހަދާފައި ނުވުމެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް ދުސްތޫރީ މައްސަލައިގެ އަޑުއެހުން ނިންމާލީ އިތުރު ކަމެއް ސާފުކުރަން ޖެހޭ ނަމަ، އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.