ޔާމީނަށް އިންސާފު ހޯދުމުގެ ހުރިހާ ދޮރެއް ދަނީ ބަންދުކުރަމުން: ހިސާން

މިދިޔަ އަހަރު އަނިޔާވެރިކޮށް މަރައިލި ބްލޮގަރު، ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތަށް ބާރުގަދަ ބަޔަކު ހުރަސް އަޅައި، ހުރިހާ ދޮރެއް ބަންދުކުރަމުންދާ ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.


އެޕްރީލް، 23، 2017 ގައި ޔާމީންގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު މ. ސްޕެކްޓިއުލާ ގޭގެ ސިޑި ކައިރިންނެވެ.

ޔާމީންގެ މަރަށް އެއް އަހަރު ވީ އިރު ވެސް އިންސާފު ނުލިބުމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ރާއްޖެ ޓީވީގައި ހިސާން ވިދާޅުވީ ޔާމީންގެ މަރާ ގުޅިގެން ކަންކަން ފޮރުވަން، ބާރާއި ނުފޫޒު ގަދަ ބަޔަކު ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އިންތިހާ އަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މީހުންގެ ބޭނުމަކީ ޔާމީންގެ މަރުގެ އެންމެ ފުންމިނަށް ދިއުން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔާމީން ރަޝީދަށް އިންސާފު ހޯދަން ކުރާ ހުރިހާ މަސައްކަތްތަކެއްގައި އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑު މި ދަންނަވާ، ނަން ނޭނގޭ، ގޮތް ނޭނގޭ ބަޔަކު ވަރަށް ބާރުވެރިކަމާއި ނުފޫޒުވެރިކަމާ އެކު ކާމިޔާބުވަމުން އަންނަ ތަން. އިންސާފު ހޯދަން ހުރި ހުރިހާ ދޮރުތަކެއް ދަނީ ބަންދުކުރަމުން،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގާއި ޝަރީއަތާއި އެ މަރުގެ ވަށައިގެންވާ އެހެން ކަންކަމަށް ބަލާއިރު، އާއިލާ އަށް އިންސާފު ލިބުމަކީ ނާދިރު ކަމެކެވެ.

ޔާމީން މަރާލީ ހާމަކަން ބޮޑު ގޮތެއްގައި، މަރުގެ އިންޒާރު ދޭތީވެ ފުލުހުންގެ ހިމާޔަތަށް އެދިފައި އޮއްވައި ކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ، ޔާމީނަށް ސަލާމަތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ ހައިރާންވާ ކަހަލަ ގޮތަކަށް ކަމަށެވެ. އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިއުމަށް ފަހު، އެއީ ނުބެލޭނެ މައްސަލައެއް ކަމަށް ކަނޑައެޅި ސަބަބާ މެދު ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ޔާމީންގެ މަރަށް އިންސާފު ހޯދަން ކުރާ މަސައްކަތުގައި ފުލުސް އޮފީހަށް ވަނުމަށް ފަހު، ޔާމީންގެ ބައްޕަ ނުކުންނަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުން ކުއްލިއަކަށް މައުލޫމާތުތައް އާއްމުކުރީ އެއްވެސް މަރެއްގައި މިހާތަނަށް އާއްމުކޮށްފައި ނުވާހާ ތަފްސީލުކޮށެވެ. ހިސާން ތުހުމަތު ކުރައްވާ ގޮތުގައި، އެއީ ޔާމީނާ މެދު ފުލުހުންވީ ދެ އިހުމާލެއް ފޮރުވަން ވެގެންނެވެ.

އެއް ކަމަކީ، ޔާމީނަށް ރައްކާތެރިކަން ނުދިނުމާއި އެކަށީގެންވާ ގޮތެއްގައި މައްސަލަ ތަހުގީގު ނުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

ހިސާންގެ އަނެއް ކަންބޮޑުވުމަކީ، ޔާމީންގެ މަރުގެ ޝަރީއަތްތައް ސިއްރު ކުރުމެވެ. މައްސަލައިގައި ސާފު ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނާ އިރު، އެ ޝަރީއަތް ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ވެސް އެ ހެކިތައް ލިބިވަޑައިގެންފި ނަމަ، ސިއްރުކޮށްގެން ފޮރުވައިގެން، ބަންދު ކޮޓަރިއެއްގައި ގެންދަން ޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ޝަރީއަތް ހުޅުވާލައިގެން ބާއްވަން ދައުވާ ލިބޭ މީހުން ވެސް އަންނަނީ އެދެމުންނެވެ. އެ ހާލަތުގައި ވެސް، ޝަރީއަތް ސިއްރުކުރުމަކީ ވަރަށް ގިނަ ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން މަރައިލީ، އެ ރޭ ދަންވަރު އޮފީހުން ނުކުތް ވަގުތުން ފެށިގެން ބަޔަކު އޭނާ އަށް ފާރަލަމުން ގޮހެވެ. ހަމަލާ ދޭން، އެއް ބަޔަކު އޭނާގެ ފަހަތުން ގެއާ ހަމައަށް ދިޔަ އިރު، އަނެއް ބަޔަކު ތިބީ އޭނާ ދިރިއުޅޭ ގެއާ ކައިރި ސަރަހައްދުތަކުގައި ފާރައަށެވެ. ފުރަގަހުން ގޮސް ޔާމީންގެ ބޮލަށް ފުރަތަމަ ހަމަލާ އަމާޒުކުރީ، އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް އަރަން ލިފްޓަށް ވަން ވަގުތެވެ.

އެ މައްސަލައިގައި އަށް މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ ހަތް މީހެއްގެ މައްޗަށެވެ.