ތިލަފުށީ ބިން ހިއްކަން ހަފުތާއެއްގެ ތެރޭގައި ފަށަނީ

ކ. ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ ކަމަށް އެ މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީން ބުނެފި އެވެ.


އެމްޓީސީސީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ތިލަފުށީގެ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ތިލަފުށީ ބިން ހިއްކުމުގެ ކުރިން ބައުންޑްރީ ވޯލް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިލަފުށީގެ ބިން ހިއްކުމަށް މަހާޖައްރާފު މިހާރު އޮތީ ތިލަފުށީގައި،" އޮފިޝަލް ވިދާޅުވި އެވެ.

ތިލަފުށީ ހިއްކާ ސަރަހައްދުގައި ރައްކާތެރިކަމާ އެކު ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އަދި މި ބޮޑު މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން 105 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ކުރިން ބުނި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ތިލަފުށީގައި ކުނި އެންދުން މި އަހަރުގެ ތެރޭގައި ހުއްޓައިލުމަށެވެ. އެ ގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތް ނިމުމުން، ދުވާލަކު 500 ޓަނުގެ ކުނި ނައްތައިލެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތިލަފުށީ ކުނީގެ މައްސަލަ ހައްލުކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އެހީގައި 126 މިލިއަން ޑޮލަރުގެ މަޝްރޫއެއް ސަރުކާރުން ވަނީ ފަށައިފަ އެވެ.

ބިން ހިއްކުމަށް އެމްޓީސީސީން ގެނެސްފައިވާ ކޮންނަ ބޯޓު، މަހާ ޖައްރާފު ބޭނުންކޮށްގެން މިހާތަނަށް ވަނީ ތިން ރަށެއްގެ ބިން ހިއްކައިފަ އެވެ. އެ ގޮތުން، ށ. ފުނަދު އާއި ހދ. ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ބިން ހިއްކި އިރު، ށ. ކޮމަންޑޫގައި ފްލެޓް އެޅުމަށް އެ ރަށު ފަޅު ތެރެއިން ވެސް ބޮޑު ބައެއް ވަނީ ހިއްކައިފަ އެވެ.