ޔާމީންގެ މަރުގެ ޝަރީއަތް އާންމުކޮށް ހުޅުވާލާނެ ކަމަށް ޕީޖީން ވިދާޅުވި: އާއިލާ

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް އާންމުކޮށް ހުޅުވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ހަވާލާދީ ޔާމީންގެ އާއިލާ އިން މިއަދު ބުނެފި އެވެ.


އަނިޔާވެރި ގޮތަކަށް މިދިޔަ އަހަރު މަރާލި ޔާމީންގެ މަރުގެ ޝަރީއަތް ސިއްރު ކޮށްގެން ކުރިއަށް ގެންދާތީ، އޭނާގެ ބައްޕަ ހުސެއިން ރަޝީދާއި މަންމަ މަރިޔަމް ޝަފީގާ ވަނީ ބިޝާމްއާ ބައްދަލު ކުރައްވައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޔާމީންގެ މަރުގެ ޝަރީއަތް ސިއްރު ކުރާތީ ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ބުނީ އިބްތިދާއީ އަޑުއެހުންތައް ސިއްރު ކުރި ނަމަވެސް، ދެން އޮންނަ ޝަރީއަތްތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބިޝާމް ވިދާޅުވި ކަމަށެވެ.

ޔާމީން ރަޝީދު

"ދުނިޔޭގެ އެހެން ތަންތަނުގައި އިބްތިދާއީ އަޑުއެހުންތައް [ކުރިއަށް ދާއިރު] އެ ފަދަ މަރުގެ މައްސަލަތައް ސިއްރު ކުރެވޭ [ކަމާއި] ހެކިތައް ވެސް ސިއްރުކޮށްގެން [އުޅޭ] ކަމަށް [ޕީޖީ ވިދާޅުވި]،" ޔާމީންގެ ބައްޕަ ބުންޏެވެ.

އަދި މައްސަލަ ކުރިއަށް ގެންދާ ގޮތުގެ ޕްރެޒެންޓޭޝަނެއް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާއިލާ އަށް ދޭނެ ކަމަށް ޕީޖީއާ ހަވާލާދީ ހުސެއިން ރަޝީދު ބުންޏެވެ.

ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ބުނީ ޝަރީއަތްތައް ހުޅުވައި ނުލާ ކުރިއަށް ގެންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ޔާމީން ރަޝީދުގެ މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހުން.

އެޕްރީލް، 23، 2017 ގައި ޔާމީންގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅުނު މ. ސްޕެކްޓިއުލާ ގޭގެ ސިޑި ކައިރިންނެވެ. ޔާމީންގެ މަރަށް އެއް އަހަރު ވީ އިރު ވެސް އިންސާފު ނުލިބުމުގެ ކަންބޮޑުވުން އާއިލާ އިންނާއި އެކި ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

ޔާމީން މަރައިލީ، އެ ރޭ ދަންވަރު އޮފީހުން ނުކުތް ވަގުތުން ފެށިގެން ބަޔަކު އޭނާ އަށް ފާރަލަމުން ގޮހެވެ. ހަމަލާ ދޭން، އެއް ބަޔަކު އޭނާގެ ފަހަތުން ގެއާ ހަމައަށް ދިޔަ އިރު، އަނެއް ބަޔަކު ތިބީ އޭނާ ދިރިއުޅޭ ގެއާ ކައިރި ސަރަހައްދުތަކުގައި ފާރައަށެވެ. ފުރަގަހުން ގޮސް ޔާމީންގެ ބޮލަށް ފުރަތަމަ ހަމަލާ އަމާޒުކުރީ، އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް އަރަން ލިފްޓަށް ވަން ވަގުތެވެ.

އެ މައްސަލައިގައި އަށް މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ ހަތް މީހެއްގެ މައްޗަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން މަރާލީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގެ ތެރޭގަ އެވެ.

ޕީޖީން ކުރިން ބުނި ބުނެފައި ވަނީ ޔާމީންގެ މަރުގެ ޝަރީއަތް ސިއްރު ކުރަން އެދުނީ މައްސަލައިގެ ބާވަތުން ކަމަށެވެ. ނަމަވެސް މުޅި ޝަރީއަތް ސިއްރު ކުރަން ނޭދޭނެ ކަމަށް ޕީޖީން ބުންޏެވެ.