ހަ ރަށެއްގައި 500 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހަ ރަށެއްގައި 500 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.


އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ށ. ކޮމަންޑޫ އާއި ރ. މަޑުއްވަރީ އާއި ބ. އޭދަފުށީގެ އިތުރުން ދ. ކުޑަހުވަދޫ އާއި ދ. މީދޫ އަދި ލ. ގަމުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލްގެ ދަށުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ މަސައްކަތަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހަޅަން ވަނީ ދައުވަތު ދީފަ އެވެ.

ބީލަމުގައި ބައިވެރިވުމަށް 1500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ. ފައިސާ ބަލައިގަތުން އަންނަ ހަފުތާގެ ބުދަ ދުވަހާ ހަަމައަށް އޮންނައިރު ބީލަން ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.

އެ މަޝްރޫއުގެ ތެރެއިން ކޮމަންޑޫ އާއި މަޑުއްވަރީ އާއި ކުޑަހުވަދޫގެ އިތުރުން މީދޫގައި އަޅަން ނިންމާފައިވަނީ 50 ހައުސިން ޔުނިޓެވެ. އޭދަފުށީގައި 100 ޔުނިޓް އަޅާއިރު ގަމުގައި އަޅަން ހަމަޖައްސާފައިވަނީ 200 ހައުސިން ޔުނިޓެވެ.

މިދިޔަ އަހަރު ވެސް ތިން ރަށެއްގައި ހައުސިން ޔުުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސުން އިއުލާނުކުރި އެވެ. އެއީ އައްޑޫ ފޭދޫ، ޅ. ނައިފަރު އަދި ޅ. ހިންނަވަރެވެ.