ވިއްސާރައިގެ ސަބަބުން ފެރީ ދަތުރު ލަސްވެދާނެ: އެމްޓީސީސީ

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން، ހުޅުމާލެ އާއި ވިލިމާލެ އާއި ހުޅުލޭ ފެރީ ދަތުރުތަކަށް ބުރޫއަރައި ދަތުރުތައް ލަސްވެދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


އެމްޓީސީސީން ބުނީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވީ ނަމަވެސް މި ސަރަހައްދުގެ އެއްވެސް ދަތުރެއް އަދި ކެންސަލް ނުކުރާ ކަމަށެވެ. އެކަމަކު ބައެއް ދަތުރުތައް ލަސްވުން އެކަށީގެންވާ ކަމަށާއި މި ދަނޑިވަޅު ދިމާވާ ދަތިތަކަށް ކެތްތެރިވުމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން އަތޮޅުތަކުގައި އޮޕަރޭޓް ކުރާ ގިނަ ފެރީތައް މޫސުން ގޯސްވެފައިވާތީ މިއަދު ވަނީ ކެންސަލްކޮށްފަ އެވެ. އެގޮތުން ނުވަ އަތޮޅެއްގައި ދުއްވާ އެ ކުންފުނީގެ 20 ފެރީގެ ދަތުރު މިއަދު ކެންސަލް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު އެ ކުންފުނިން ކުރާ ގިނަ ދަތުރުތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނާގޮތުގައި ކުރިއަށް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ. އަދި ގަދަ ވަޔާއެކު ކަނޑުތައް ގަދަވާނެތީ، މާލެ އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.