ގައިދީންގެ އިންޓަވިއު ނުގެންނަން އެންގުމުން ރާއްޖެ ޓީވީން ކޯޓަށް

ހުކުމް ތަންފީޒު ކުރާ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ނުކުރުމަން އަންގައި، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ދިން މައްސަލަ ކޯޓަށް ހުށަހަޅަން ރާއްޖެ ޓީވީން މިއަދު ނިންމައިފި އެވެ.


ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަކިވަކިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ޖަލު ހުކުމެއްގައި ތިބި ގައިދީންގެ އިންޓަވިއުތައް މީޑިއާތަކުން ގެނެސްދޭ ނަމަ އެ މީޑިއާ އަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މި މައްސަލާގައި، ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ، ބްރޯޑްކާސްޓިން ކޮމިޝަނުން އެންގީ ގާނޫނާ ޚިލާފު އެންގުމެއް ކަމަށެވެ. އެ އެންގުމުގެ ބޭނުމަކީ މީޑިއާތަކަށް ބިރު ދެއްކުން ކަމަށް ވެސް ރާއްޖެ ޓީވީން ބުންޏެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރު ނާޖާއިޒު ގޮތުގައި ހިފައި ބްރޯޑްކާސްޓަރުންނަށް ބިރުދައްކައި، މީޑިއާގެ މިނިވަން ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމަށް އަރައިގަތުމަށް ކުރިކަމެއްގެ ގޮތުގައި މި ސްޓޭޝަނުން ދެކެން،" ރާއްޖެ ޓީވީގެ ބަޔާނުގައި ވެ އެވެ.

ރާއްޖެ ޓީވީން ބުނިގޮތުގައި، ގައިދީއެއްގެ އިންޓަވިއު ގެނެސް ދީގެން އެއްވެސް ޓީވީ ސްޓޭޝަނަކުން އޭގެ ޒިންމާ އުފުލާކަށް ނުޖެހޭނެ އެވެ.

ދެއްކޭނެ ކޮންޓެންޓާއި ނުދެއްކޭނެ ކޮންޓެންޓުގެ ތަފުސީލް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފައި ނުވާއިރު، އެ މައުލޫމާތު ހޯދަން އުޅުމުން އެ ކޮމިޝަނުން ދިނީ އިތުރު އިންޒާރެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.

ޖަލު ހުކުން އިއްވާފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެން ބޭރު ގައުމުތަކުން ހިމާޔަތް ހޯއްދަވައިގެން މިނިވަންކަމާ އެކު އުޅުއްވާއިރު، އެ ބޭފުޅުންނާ ގުޅޭ ގިނަ ޚަބަރުތަކެއް މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. ޚާއްސަކޮށް ނަޝީދާއި ގާސިމަކީ އިދިކޮޅު ފަރާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ދެ ލީޑަރުން ކަމަށް ވެފައި، މި އަހަރު ރިޔާސީ އިންތިޚާބު އޮންނާތީ، އެ ބޭފުޅުންގެ އިންޓަވިއުތަކާއި ބަޔާންތައް އިހުނަށް ވުރެ ގިނަކަން ފާހަގަކުރެވެ އެވެ.