ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމަކަށް ފާރިސް ކޯޓަށް ހާޒިރު ކުރަނީ. - ފޮޓޯ: މިހާރު
28 ޖޫން 2018 - 10:53
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޝަހްސު އޮޅުވައިލުމުގެ ދައުވާ ކުރީ ނާއިންސާފުން ކަމަށާއި ފާރިސް ދައްކަވާ ހިތްވަރާއި އަޒުމަށް ސާބަސް ރައްދު ކުރާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ، ގަވާއިދާ ޚިލާފަށް ފާރިސް ބޭނުންކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ޝަޚުސު އޮޅުވައިލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ރޭ ވަނީ ހުކުމްކޮށްފަ އެވެ. މިއީ ފާރިސް ހައްޔަރު ކޮށްގެން ގެންގުޅޭތާ 10 މަސް ވެގެން ދިޔައިރު، އޭނާގެ މައްޗަށް ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކުށަކާނުލައި ފާރިސްގެ ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ 10 މަސް ފަހުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ މެދު ކަންބޮޑުވާ ކަމަށެވެ.
އެމްޑީޕީން ބުނި ގޮތުގައި މައުމޫން، ޕީޕީއެމްގެ ރައީސްގެ ގޮތުގައި އިންތިހާބުކޮށްފައި ވަނިކޮށް، ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ޕީޕީއެމަށް ވަނީ "ވެރިވެގެންފަ" އެވެ. އަދި ފާރިސް، ދިދަ އާއި ލޯގޯ ޕްރެސް ކޮންފަރެންސެއްގައި ބޭނުން ކުރެއްވި ކަމަށް ބުނެ، ނާއިންސާފުން ދައުވާ ކުރީ ތަހުގީގީ އިދާރާތަކަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ސީދާ ރައީސް ޔާމީން ނުފޫޒު ފޯރުވައިގެން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. "ދައުވާ ކުރެވެން ނެތް ކަންކަމުގައި އަމިއްލަ އަށް މައްސަލަ އުފައްދައިގެން، ހަމަ އާއި އިންސާފުން އެއްކިބާވެގެން ތިބެ، ފާރިސްގެ މައްޗަށް ޔާމީންގެ ސަރުކާރުން އަނިޔާވެރިވަމުން ގެންދަނީ ފާރިސް މި ސަރުކާރަށް ތާއީދު ނުކުރެއްވުމުގެ ސަބަބުން ނޫން އިތުރު ސަބަބެއް އޮވެގެން ނޫނެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މިފަދަ ދައުވާތަކާއި ހުކުމްތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އާއި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާއި ކޯޓުތަކުގެ އިތުބާރު އިތުރަށް ގެއްލިގެންދާނެ އެވެ.
ފާރިސް ހައްޔަރުކޮށް، އޭނާ އަށް އަނިޔާވެރިވަމުންދާ ދިއުން ވަގުތުން ހުއްޓާލައި، އޭނާ މިނިވަންކުރުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ. އަދި ނާއިންސާފާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފާރިސް ދައްކަވާ ހިތްވަރާއި އަޒުމަށް ސާބަސް ރައްދު ކުރާ ކަމަށް އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނބޯ
28 June 2018
މީހުން މީހުންނަށް ވަނީ މީހުން މީހުންނަށް ހެދީމައެވެ. ....... އިހަށްދުވަހުގެ ޅަކުއްޖަކު ސިޔާސީ މައިދާނުގައި މިހިރަ ދޮންވެ ފައްކާވަނީއެވެ. ބިރުން، ބަޔަކަށް ލޮލަށް ނިދިނައިސް ކުރެވޭ ނުކުރެވޭ ކަންތައްތަކުގައި، ތާޒާ ސިޔާސީފެނުން ފެންދެވިގެންނެވެ.
މަގޭބުނީ
28 June 2018
އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އަންނި އަށް އަށް ނުލެވިއްޖެހާލަތެއްގައި އެމް.ޑީ.ޕީ ނުވަތަ ކޯލިޝަނުން ފާރީސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްނެރުން، އަޅުގަނޑު ފަދައިން ވަރަށް ގިނަޒުވާނުން އަދި ހާއްސަކޮށް ކަނބަލުން ބޭނުންފުޅުވަނީ ފާރިސްގެ ނަން ލިސްޓްގައި އޮތުން، މީޔާމިން މިވަގުތު އެންމެ ޖެހިލުންވެ ލައްވާ ބޭފުޅާ.......
ރަގަޅު
28 June 2018
އަޒުމަށް ސާބަސް މީހާ ޖަލުގަ މިޖެހުނީ ކޮންތާކުބާ
ސާބަސް
28 June 2018
ކީއްކުރާނީ ... މާތްވެގެންވާ އިސްލާމްދީނޭ ... ޤައުމުގެ ވަހުދަތޭ ކިޔައިގެން ރައްޔަތުންނަށް އޮޅުވާލައިގެން ޔާމީންގެ ސަރުކާރުން ކިތައްމެ ވަރަކަށް މަޅިޖެހިޔަސް އަހަރެންގެ ޔާމީނުގެ ސަރުކާރަށް ޙަރާން ... ދުވަހަކުވެސް އެމީހުންގެ ފަރާތުން އިންތިޚާބީ މަޤާމަކަށްކުރިމަތިލާ މީހަކަށް ވޯޓެއް ނުދޭނަން ... އަނިޔާވެރިކަމާ ... ފަސާދަޔާ ކޮރަޕްޝަނާ ... އަޅުވެތިކަމާ .. ކިބުރުވެރިކަމާ .. ބޮޑާކަމާ ... ފުރައްސާރަ ކުރުމުގެ ނަމޫނާ ސަރުކާރެއް މިނޫނިއްޔާ ދުނިޔޭގެ ތާރީޚަކުން ނުދެކެން ...
ެއަޙްމަދް
28 June 2018
ހެހޭ: ޢަޒުމަށް ސާބަސް 4 މަހާއި 24 ދުވަސް ވަންދެ ޖަލިގައި އޮއްނަވާ!
ބަރާބަރު އަޒީ
28 June 2018
ތިޔައީ ބޭރުފުށުން ބުނާ ވާހަކަ. ޙަޤީޤަތުގައި އެމްޑީޕީގެ އިސް ސަފުގައިތިބި މީހުން މިހާރު ތިބޭނީ ހެވިފައި.