ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ދައުލަތުން ކުރީ ހުއްދަ ނެތި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި މައްސަލައިގަ އެވެ. އެ މައްސަލާގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސްގެ މައްޗަށް މިރޭ އެ ހުކުމް އަޔަސް، އޭނާގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު، ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
މިރޭގެ އަޑުއެހުމުގައި ހުކުމް އިއްވަމުން، އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ޝަހްސު އޮޅުވައިލުމުގެ އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށާއި އެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު މަހާއި 24 ދުވަހަށް ފާރިސް ޖަލަށްލުމަށް ހުކުމް ކުރައްވާ ކަމަށެވެ.
ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ މެދު ވާހަކަ ދައްކަން ދެ ފަރާތަށް ދިން ފުރުސަތުގައި ދައުލަތުން ބުނީ އެ ކުށުގެ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ ދަރަޖަ މަތި ކުރަން ނުވަތަ ދަށްކުރަން ޖެހޭ ހާލަތެއް ވެސް ނެތް ކަމަށެވެ. އެހެންވެ، އަސާސީ މިންގަނޑުގައި އޮންނަ އަދަބު ކަމަށްވާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައަޅައި ދިނުމަށް ދައުލަތުން އެދުނެވެ.
ފާރިސްގެ ވަކީލުން ފުރަތަމަ އެދުނީ އަދަބާ މެދު ވާހަކަ ދައްކަން އިތުރު ފުރުސަތެއް ދިނުމަށެވެ. އެކަމަކު އިތުރު ފުރުސަތު ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވުމުން ފާރިސްގެ ވަކީލުން އެދުނީ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ ދަރަޖަ ތިން ދަރަޖަ ދަށް ކުރުމަށާއި އަދަބުގެ ބާވަތް ޖޫރިމަނާ ނުވަތަ ގޭ ބަންދުގެ އަދަބަކަށް ބަދަލު ކޮށްދިނުމަށެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ ފާރިސްގެ މައްޗަށް ކުރިން ކުށެއް ސާބިތުވެފައި ނެތުމާއި އޭނާ އަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅުއްވަމުން ގެންދެވި ބޭފުޅެއް ކަމުގައި ވުމެވެ.
ގާޒީ އިބްރާހިމް ނިންމެވީ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ ދަރަޖަ ދަށް ކުރަން ޖެހޭ ނުވަތަ މަތި ކުރަންޖެހޭ ހާލަތެއް ވެސް ނެތް ކަމަށާއި އަދި އަދަބުގެ ބާވަތް ބަދަލުކޮށްދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އެހެންވެ، އަސާސީ މިންގަނޑުގައި އޮންނަ އަދަބު ކަނޑައެޅުއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ހުކުމް އިއްވެވުމުގެ ކުރިން، ޝަރީއަތަށް ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން ގާޒީ ވިދާޅުވީ، ޕްރެސް ކޮންފަރެންސްގައި ފާރިސް ވާހަކަ ދެއްކެވިއިރު އޭނާގެ އަތުގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ނެތަސް، އޭނާގެ ފަހަތުގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުރި ކަމަށާއި އެއީ ޕީޕީއެމް ތަމްސީލް ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.
މީގެ އިތުރުން، އެ ޕްރެސް ކޮންފަރެންސްގައި ފާރިސްއާ އެކު ބައިވެރިވެ ވަޑައިގަތް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާހަކަ ދައްކަވަމުން، ޕްރެސް ކޮންފަރެންސްގައި ފާރިސް ބައިވެރިވެ ވަޑައިގަންނަވަނީ ޕީޕީއެމްގެ ފަރާތުން ކަމަށް ވިދާޅުވެފައިވާ ކަން ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.
އޭރު ފާރިސް އަކީ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވާ ބޭފުޅަކަށް ވާއިރު، ވަކިކުރި ދުވަހުން ފެށިގެން ޕާޓީގެ ދިދަ އާއި ލޯގޯ ހުއްދަ ނެތި ފާރިސަށް ބޭނުން ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ޕްރެސް ކޮންފަރެންސްގައި ފަހަތުގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބަހައްޓައިގެން ފާރިސް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވާފައި ވުމަކީ ޝަހްސު އޮޅުވާލުމުގެ އަމަލެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ސިވިލް ކޯޓުން 2016 ކުރި ހުކުމަކާ ގުޅިގެން ޕީޕީއެމް ހިންގުން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކޮށްފައިވާ ކަން ފާހަގަ ކުރައްވައި، ގާޒީ އިބްރާހިމް ވިދާޅުވީ ޕާޓީގެ އޭރުގެ ރައީސް ތަމްސީލު ކުރުމުގެ ގޮތުން ކަމަށް ވިޔަސް، ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރެވޭނީ ހުއްދަ ހޯދައިގެން ކަމަށެވެ.
ފާރިސް ޕާޓީން ވަކިކުރަން ނިންމި ނިންމުން އޭނާގެ ފަރާތުން އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީގައި އިސްތިއުނާފް ކޮށްފައި ނުވާއިރު، އެ މައްސަލާގައި ފާރިސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ފާރިސް އަނބުރާ ގެންގޮސްފައިވާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އެހެންވެ، އެއީ ފާރިސް ވަކިކުރަން ނިންމި ނިންމުން އޭނާ ބަލައިގެންފައިވާ ކަމަށް ބަލަންޖެހޭ ސަބަބެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެ ކަންކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ފާރިސްގެ މައްޗަށް ފުރަތަމަ ފަހަރަށް ކުށެއް ސާބިތުވި އެ މައްސަލައިގެ ހުކުމަށް ފަހު އޭނާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ހުކުމަށް ފަހު، ހިނިތުންވެ ވަޑައިގެން ހުންނަވައިގެން ކޯޓު ރޫމުން ނުކުމެވަޑައިގަންނަވަމުން، އެތަނުގައި ތިއްބެވި ބޭފުޅުންނާ އަތުގެ އިޝާރާތުން ސަލާމް ކޮށްލެއްވި އެވެ. އެވަގުތު އެ ތަނުގައި ފާރިސްގެ ދައްތަ ދުންޔާ މައުމޫން ވެސް އިންނެވި އެވެ.
އެ މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެކަމަކު އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.