ދިފާއީ ހެކި ބަސް ނަގައި ފާރިސްގެ މައްސަލަ ނިމުމަކާ ހަމައަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ކޮށްފައިވާ ޝަހްސު އޮޅުވައިލުމުގެ ދައުވާއާ ގުޅިގެން ދިފާއީ ހެކިންގެ ހެކި ބަސް ނަގައި ނިންމާލައި، މައްސަލައިގެ ޚުލާސާ ބަޔާން މާދަމާ އިއްވުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.


ފާރިސްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ މާޗް 22، 2017 ގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވައިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ. ޝަހްސު އޮޅުވާލުމުގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ.

ފާރިސްގެ ދިފާއުގައި 47 ހެއްކެއް ހުށަހެޅި ނަމަވެސް، ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރީ އެންމެ ފަސް ހެކިވެރިއެކެވެ. މީގެކުރިން ބޭއްވި ޝަރީއަތްތަކުގައި، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ހުރިހާ ހެކިން ހާޒިރު ކުރުމުގެ ބަދަލުގައި މުހިންމު ހެކިން ޝަރީއަތަށް ހާޒިރު ކުރަން ނިންމައިފަ އެވެ. އެހެންވެ، ފާރިސްގެ ވަކީލުން ޝަރީއަތަށް ހުށަހެޅީ އެންމެ މުހިންމު ކަމަށް އެބޭފުޅުންނަށް ފާހަގަކުރެއްވޭ ހެކިންނެވެ.

މި މައްސަލައިގައި ހެކި ބަސް ދިން ފަސް މީހުން ވަނީ އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގެންގުޅުއްވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފާރިސް ތަމްސީލް ކުރެއްވީ ޕީޕީއެމްގެ ހައިސިއްޔަތުން ނޫން ކަމަށް ވެސް ހެކި ބަސް ދިން މީހުން ބުންޏެވެ.

އެގޮތުން، އެންމެ ފުރަތަމަ ހެކި ބަސް ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ އައިމިނަތު ނާދިރާ އެވެ. ނާދިރާ ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވީ އެ ޕާޓީ އަށް 3000 މެމްބަރުން ހަމަ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންގި ހިސާބުން ކަމަށެވެ. ޕީޕީއެމްގައި އިދާރީ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ޕީޕީއެމަށް މެމްބަރުން އިތުރު ކުރެއްވުމަށް ވަރަށް ކުރީއްސުރެ، މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ނާދިރާ ވަނީ ޕީޕީއެމް ކައުންސިލަށް މެމްބަރުން އިންތިހާބު ކުރެވޭ ގޮތާއި ކައުންސިލާއި ޕާޓީގެ ރައީސަށް ލިބޭ ބާރުތައް ވަރަށް ތަފްސީލްކޮށް ޝަރީއަތުގެ މަޖިލީހުގައި ކިޔައި ދެއްވައިފަ އެވެ.

ނާދިރާ ވިދާޅުވި ގޮތުގައި ޕާޓީގެ އަސާސީ ގަވައިދާ ގާނޫނުއަސާސީއާ ހިލާފަށް ޕީޕީއެމަށް އެއްވެސް ނިންމުމެއް ނުނިންމޭނެ އެވެ. އަދި ޕީޕީއެމުން ފާރިސް ވަކި ކުރައްވަން ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގެންނެވިންތޯ ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް އެއްސެވުމުން، ޖަވާބުގައި ނާދިރާ ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ ދުވަސްވަރަކީ ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، މައްސަލަތަކެއް ދިމާވެގެން އުޅޭ ދުވަސްތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސްގެ އިތުރުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ނޫސްވެރިންނާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގެންނެވީ މައުމޫން ތަމްސީލް ކުރެއްވުމުގެ ގޮތުން ކަމަށާއި ފާރިސް ޕީޕިީއެމް ތަމްސީލް ނުކުރައްވާ ކަމަށް ވެސް ނާދިރާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ޕީޕީއެމްގެ ލޯގޯ އާއި ދިދަ، ފާރިސް ގެންދެވިތޯ ޝަމީލް ސުވާލު ކުރެއްވުމުން ނާދިރާ ވިދާޅުވީ އެ ތަކެތި ފާރިސް ނުގެންދަވާ ކަމަށެވެ. ޕީޕީއެމްގެ ދިދަ، ފާރިސްގެ ފަހަތުގައި ހުރިތޯ ދައުލަތުގެ ވަކީލާ ސުވާލު ކުރެއްވުމުން، ނާދިރާ ވިދާޅުވީ ދިދަ ހުރި ކަން ސާފުނުވާ ކަމަށެވެ.

"ޕީޕީއެމް ތަމްސީލް ކުރައްވަނީ ކަމަކަށް ފާރިސް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅެއް ނުވޭ،" ފާރިސް އިންނެވި ޝަރީއަތުގައި ހެކި ބަސް ދެއްވަމުން ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު، ކެމްޕެއިން ކުރެއްވުމަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެއްވި ކަމުގެ ޝަކުވާ ޕާޓީ އަށް ލިބިފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ޕާޓީގެ އިސް ބޭފުޅުންގެ ސަމާލު ކަމަށް ގެންނެވުމުން، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ދެވަނަ އަށް ހެކި ބަސް ދެއްވި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކަން ކުރެއްވި އަބްދުލް އަލީމް ވިދާޅުވީ ފާރިސްގެ އެއްވެސް މައްސަލައެއް ޕީޕީއެމަށް ހުށަހަޅާފައި ނެތް ކަމަށެވެ. ޕީޕީއެމަށް މައްސަލައެއް ހުށަހަޅައިފިނަމަ، އޭނާ އަށް އެނގިވަޑައިގަންނަވާނެ ކަމަށް އަލީމް ވިދާޅުވި އެވެ. އެކަމަކު، ފާރިސް ޕާޓީން ވަކި ކުރަން ސުލޫކީ ކޮމިޓީން ނިންމީ ބާތިލް އިޖުރާއުތަކެއް ހިންގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީމް ވިދާޅުވީ ޕީޕީއެމްގެ ކޮންމެ މެމްބަރަކަށް ވެސް ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ފާރިސް ވަކިކޮށްފައިވާ ކަމަށް ބުނާނަމަ، އެކަން ކުރީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ. ޕާޓީގެ ތެރޭގައި މައްސަލަތައް އުފެދިގެން އުޅޭތީ މައުމޫން އެކިފަހަރު މަތިން، ސިޓީ ފޮނުއްވައިގެން ކަންކަން އިސްލާހު ކުރައްވަން މަސައްކަތް ކުރެއްވި ކަމަށް ވެސް އަލީމް ވިދާޅުވި އެވެ. އަދި ފާރިސް ވެސް މަސައްކަތް ކުރެއްވީ މައުމޫންގެ ހުއްދައާ އެކުގައި ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

އަލީމް ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމަށް ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ނުގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގެންނެވީ ޕީޕީއެމްގެ ހައިސިއްޔަތުން ކަމަށް އެއްވެސް އިރެއްގައި ވިދާޅުނުވާ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

ތިން ވަނަ އަށް ހެކި ބަސް ދިން އިބްރާހިމް އަފްރާދު ބުނި ގޮތުގައި ޕީޕީއެމް އުފެދުނީއްސުރެ، އެ ޕާޓީން ބޭއްވި ހަރަކާތްތަކުގައި ފާރިސްއާއެކު ބައިވެރިވެފައިވާނެ އެވެ. ފާރިސްއާއެކު ވަރަށް ގިނަ ދުވަހު އެއްކޮށް އުޅެފައިވާނެ ކަމަށް ވެސް އަފްރާދު ބުންޏެވެ. އަދި މައުމޫނާއި ފާރިސްއާ ދުވަހަކުވެސް ފިކުރު ތަފާތުވެގެން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް ވެސް އަފްރާދު ބުންޏެވެ. އަލީމާއި ނާދިރާ ވިދާޅުވި ގޮތަށް، އަފްރާދު ވެސް ބުނީ ފާރިސް އެއްވެސް ދިދައަކާއި ލޯގޯއެއް ނުގެންގުޅުއްވާ ކަމަށެވެ.

ހެކި ބަސް ނެގުން ވަކި ވަކިން ކުރިއަށް ދިޔައިރު، ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓު އަހުމަދު މުހައްމަދާއި ވީޓީވީގެ ނޫސްވެރިޔާ އަޒްމޫން އަހުމަދު ބުނީ އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ކަމަށާއި ފާރިސް، ޕީޕީއެމްގެ ދިދަ އާއި ލޯގޯއެއް ނުގެންގުޅުއްވާ ކަމަށެވެ. ޕީޕީއެމްގެ ތެރޭގައި އޭރު ދެ ފެކްޝަނެއް އުފެދިގެން އުޅޭ ކަން އޮތީ އެނގިފައި ކަމަށް ވެސް ދެ ނޫސްވެރިން ބުންޏެވެ.

ފާރިސްގެ ފަހަތުގައި ޕީޕީއެމްގެ ދިދަ ހުރިތޯ ދައުލަތުން ސުވާލު ކުރުމުން، އަޒްމޫން ބުނީ ޕީޕީއެމްގެ ދިދަ ފާރިސްގެ ފަހަތުގައި ހުރި ކަމަށެވެ. އެކަމަކު، އެ ދުވަހު ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ރައީސްގެ ފަރާތުން ކަމަށް ވެސް އަޒްމޫން ބުންޏެވެ.

ފަސް ހެކިވެރިންގެ ހެކި ބަސް ނަގައި ނިމުމުން، ގާޒީ ވަނީ ފާރިސްގެ ފަރާތުން ހުށަހެޅި އިތުރު އަށް ހެއްކެއްގެ ހެކި ބަސް ނުނަގަން ނިންމައިފަ އެވެ. އަށް ހެކިންގެ ހެކި ބަސް ނުނެގުމަށް ނިންމުމުން ފާރިސްގެ ވަކީލުން ވަނީ ވަރަށް ބޮޑަށް އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

މާދަމާ މެންދުރު ފަހު އޮންނަ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ. ޚުލާސާ ބަޔާން އިއްވުމަށް ފަހު، އާންމު ގޮތެއްގައި އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ. ޝަރީއަތް ކުރިއަށްދާ ހަލުވިކަމުން، މި ހަފްތާ ތެރޭގައި ފާރިސްގެ މައްޗަށް ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. މި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވެސް ވަނީ ބާއްވައިފަ އެވެ.

ޝަހްސު އޮޅުވައިލުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ