ފާރިސް ޖަލަށް ލުމަށް ހުކުމް ކުރުމުން ޑޯރިސް ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޝަހްސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެ، ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، ރާއްޖެ އަށް ކަނޑައަޅާފައިވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ، ގަވާއިދާ ޚިލާފަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ބޭނުން ކުރެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރި ޝަހުސު އޮޅުވައިލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ރޭ ވަނީ ހުކުމްކޮށްފަ އެވެ. މިއީ ފާރިސް ހައްޔަރު ކޮށްގެން ގެންގުޅޭތާ 10 މަސް ވެގެން ދިޔައިރު، އޭނާގެ މައްޗަށް ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.

މި މައްސަލާގައި، ޑޯރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ހަރަކާތެއްގައި ފާރިސް ބައިވެރިވެވަޑައިގަތުމާ ގުޅިގެން، އައި ޖަލު ހުކުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ފާރިސްގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ތިން މަސް ދުވަހަށް ވެފައި ވަނިކޮށް ކަމަށް ޑޯރިސް ވިދާޅުވި އެވެ.

އޭނާ ވަނީ ރާއްޖޭގެ ފުލުހުންނާއި ޕްރޮސިކިއުޓަރުންނާއި ފަނޑިޔާރުން، ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޝަހްސު އޮޅުވައިލުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެކަމަކު، އެ ދެ މައްސަަލަ ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ޝަހުސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެ، ފާރިސް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަޔަސް، މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.