ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ދައުލަތަށް ނަގަން: އިދިކޮޅު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ގަވާއިދެއް ހަދައި އަމަލުކުރަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި މުދާ ދައުލަތަށް ނެގުމަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އެކަން ކުށްވެރިކޮށްފި އެވެ.


މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގައި ދައުލަތަށް ނަގާ މުދަލާ މެދު އަމަލުކުރާނެ ގަވައިދެއް އެކުލަވާލައި، މިދިޔަ ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލައިގައި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި ހުކުމް ކުރި އެވެ.

އެކަމަކު، ހުކުމާ އެއްގޮތަށް އެ މަނިކުފާނު ފައިސާ ނުދައްކަވާތީ ދައުލަތުން ވަނީ ސިވިލް ކޯޓުގައި ދައުވާކުރަން ނިންމައިފަ އެވެ.

ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޔާމީންގެ މުދާ ދައުލަތަށް ނަގަން ސަރުކާރުން ދަނީ ރާވައިގެން ކަންތައްތަކެއް ކުރަމުންނެވެ. އެމްއެމްއޭ އިން ގަވާއިދެއް ގެޒެޓްކުރީ އެ މަގްސަދުގައި މަކަރާއި ހީލަތުން ކަމަށް ވެސް އެ ދެ ޕާޓީން ތުހުމަތުކުރި އެވެ.

އެ ބަޔާނުގައި ބުނީ މީހުންގެ އަމިއްލަ މުދާ މިފަދަ ގޮތަކަށް ދައުލަތަށް ނެގުމަކީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

"އަދި މިއީ މި ސަރުކާރު ބަލިކަށިވެ ތާއީދު ކުޑަވަމުންދާއިރު ރައީސް ޔާމީންގެ އިތުރުން މި ކޯލިޝަންގެ އެކިއެކި ފަރާތްތަކާ މި ސަރުކާރާ ދެކޮޅަށް ފާޑުކިޔާ ކޮންމެ ފަރާތްތަކަށް ވެސް އަމާޒު ކުރުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމުގައި ދެކެމެވެ،" ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

މި ކަންކަމާ ކުރިއަށް އޮތް ތަނުގައި މި ސަރުކާރުގެ ބޭފުޅުން ވެސް ކުރިމަތިލައްވަން ޖެހިދާނެ ކަން އިދިކޮޅުން ވަނީ ހަނދާންކޮށްދީފަ އެވެ. އެއާއެކު ޔާމީނަށް އަނިޔާކުރުން ހުއްޓާލައި މިނިވަންކުރަން ގޮވައިލާ ގޮވައިލުން ތަކުރާރުކޮށްފައިވެ އެވެ.

ޔާމީންގެ ގެކޮޅާއި މުދާ ނަގަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފައިވާ އިރު، އަމިއްލަ ގެކޮޅު ގ. ދޫވެހި ވިއްކައިލައްވައި ހެންވޭރުކޮޅުން ޔާމީން ބައްލަވައިގެން ބިމެއްގައި 25 ބުރީގެ އިމާރާތެއް އަންނަނީ ކުރަމުންނެވެ. ހ. ނޫފަރުގެ އާއި ދޫވެހި ބަދަލުކުރެއްވީ އެވެ. އެ މުއާމަލާތް ހިންގި ގޮތާ މެދު ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ. އަދި، ރައީސަކަށް ހުންނަވައި، މާލޭގައި އިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ އެންމެ އުހަށް އަމިއްލަ ގެކޮޅު ހައްދަވަން ފެއްޓެވެމުން ވެސް ޔާމީނަށް ތުހުމަތުތަކެއް ކުރި އެވެ.

އެ ގެކޮޅު އިމާރާތް ކުރެއްވުމުގައި ދައުލަތުގެ ފައިސާ ހިމެނޭނެ ކަމަށް ކުރި ތުހުމަތުތައް، ޔާމީން ވަނީ ދޮގުކުރައްވައިފަ އެވެ.

އެމްއެމްއޭ އިން އާއްމުކުރި ގަވައިދު ބުނާ ގޮތުން، ދައުލަތަށް ނަގާ ފައިސާ އާއި މުދަލުން ލިބޭ އާމްދަނީ ޖަމާކުރަން ކަމާބެހޭ އިދާރާ އިން، އެ އިދާރާގައި އެކައުންޓެއް ހުޅުވަން ޖެހޭނެ އެވެ. އެ އެކައުންޓަށް ފައިސާ ނެގޭނީ، ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިންނެވެ.

ދައުލަތަށް ނަގަން ކޯޓުން އަމުރުކުރި ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށްވާ ނަމަ ކަމާބެހޭ އިދާރާ އިން އެ އެކައުންޓެއް އޮތް ބޭންކަކަށް ކޯޓު އަމުރު ހުށަހެޅުމުން، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާ އެ އެކައުންޓުން އުނިކޮށް، އެމްއެމްއޭގައި ހުޅުވާފައިވާ އެކައުންޓަށް އެ ބޭންކަކުން ޖަމާކުރަންޖެހޭނެ އެވެ. އޭގެ އިތުރުން، ދައުލަތަށް ނަގަން ކޯޓުން އަމުރުކުރި ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށްވާ ނަމަ، ކަމާބެހޭ އިދާރާ އިން އެ ފަރާތަކަށް ކޯޓު އަމުރު ހުށަހެޅުމުން، އެ އެކައުންޓަށް ޖަމާކުރަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.