ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ހުކުމް މިރޭ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ގަވާއިދާ ޚިލާފަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ އެ ދައުވާގެ ޚުލާސާގެ ބަޔާން، މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ވަނީ ދައުލަތުން އިއްވައިފަ އެވެ. މިއަދު ހަވީރު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުންތައް ވަނީ އެއްކޮށް ނިންމާލައިފަ އެވެ.

ފާރިސްގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅައި، ނިމުމާ އެކު އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ހުކުމް އިއްވުމުގެ މަޖިލިސް މިރޭ 8:30 ގައި ބާއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ޚުލާސާ ބަޔާން ހުށަހަޅަމުން ފާރިސްގެ ވަކީލުން ގިނަ ކަންތައްތަކެއް ފާހަގަކުރި އެވެ. އެގޮތުން ދައުލަތުން ހުށަހެޅި ހެކިންނަށް އެ ހާދިސާ ހިނގި ގޮތް ރަނގަޅަށް ނޭނގޭ ކަން އެ މީހުންގެ ބަހުން އެނގެން އެބައޮތް ކަމަށް ވަކީލުން ވިދާޅުވި އެވެ. ދައުލަތުގެ ދެ ހެކިން ދޮގު ހެކިބަސް ދީފައިވާ ކަމަށް ބުނެ، ވަކީލުން ވަނީ އެ މީހުންގެ ހެކިބަހަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ ޕްރެސް ކޮންފަރެންސްގައި ފާރިސް ޕީޕީއެމް ތަމްސީލު ކޮށްފައި ނުވާ ކަން ދިފާއީ ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އެގޮތުން އެ ޕްރެސް ކޮންފަރެންސްގައި ފާރިސް ދެއްކެވި ވާހަކަތަކުގައި ވެސް އޭނާ ތަމްސީލު ކުރަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަން އެނގޭ ކަމަށާއި ޕީޕީއެމް ތަމްސީލު ކުރުމުގެ ގޮތުން ކަމަށް ފާރިސް ވިދާޅުވެފައި ނުވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވި ގޮތުގައި އެ ޕްރެސް ކޮންފަރެންސްގައި ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމް ތަމްސީލު ކުރުމުގެ ގޮތުން ކަމަށް ބަހުސް ކުރުމުގެ ބޭނުމުގައި ބެލިކަމުގައި ވިޔަސް، އޭނާ ކުށެއް ކޮށްފައެއް ނުވެ އެވެ. ސަބަބަކީ ސައްހަ ގޮތެއްގައި ފާރިސް ޕީޕީއެމުން ވަކި ކޮށްފައިވާ ކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ޕާޓީން ސައްހަ ގޮތެއްގައި ވަކި ނުކުރާހާ ހިނދަކު ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމަކީ ކޮންމެ މެމްބަރަކަށް ވެސް ކުރެވޭނެ ކަމެއް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ފާރިސް ޕީޕީއެމުން ވަކިކުރި ކަމަށް ބުންޏަސް، އޭގެފަހުން މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ވެސް މަޖިލީހުން ފާރިސް ބަލަމުން އައީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަން މަޖިލީހުުގެ ވޯޓުތަކުގެ ތަފްސީލުން އެނގެން އެބައޮތް ކަމަށް ވަކީލުން ވިދާޅުވި އެވެ. އެހެންވުމުން ފާރިސްއަކީ އެ ޕްރެސް ކޮންފަރެންސް ބޭއްވިއިރު ވެސް އެ ޕާޓީގެ މެމްބަރެއް ކަން އެނގޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ސައްހަ ގޮތެއްގައި ފާރިސް ޕީޕީއެމުން ވަކި ކޮށްފައިނުވާ ކަން ހެކިތަކުން އެނގޭ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އަދި ފާރިސް ޕްރެސް ކޮންފަރެންސްގައި ބައިވެރިވި މައްސަލަ ފުލުހަށް ހުށަހެޅި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ހުންނެވީ އެ ޕާޓީގެ ނައިބު ރައީސްކަމުން ވަކިކޮށްފައި ކަމަށާއި އެހެންވެ އޭނާއަކީ އެ ޝަކުވާ ހުށަހެޅުމުގެ ހައިސިއްޔަތު އޮތް ބޭފުޅެއް ނޫން ކަމަށް ވެސް ފާރިސްގެ ވަކީލުން ވިދާޅުވި އެވެ.

މީގެ އިތުރުން ވަކީލުން ވަނީ މަޖިލީހުގެ ދެ މެމްބަރަކު މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށް ދޭހަވާ ގޮތަށް ކެމްޕެއިންކޮށް، އިންތިޚާބު ކާމިޔާބުކުރި ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެމްޑީޕީން ވަކި ކުރުމުން ވެސް ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ތަމްސީލުކުރި ކަމަށް ވިދާޅުވެ، އެކަން ވެސް ފާރިސްގެ ވަކީލުން ފާހަގަކުރި އެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ގާނޫނުލް އުގޫބާތު އޮތްގޮތުން ފާރިސްގެ ފަރާތުން ނަގާ ދިފާއު ސާބިތު ކޮށްދޭން ޖެހޭނީ ދައުލަތުން ދައުވާ ސާބިތުކޮށްދޭން ޖެހޭ މިންގަނޑު ކަމަށްވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑަށް ވުރެ ދަށް މިންގަނޑަކުން ކަމަށެވެ. އެކަމަކު ފާރިސްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކަށް ބަލާއިރު، ޝަހްސު އޮޅުވާލުމުގެ އެއްވެސް އަމަލެއް އޭނާ ކޮށްފައި ނުވާ ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މައްޗަށް މަދުވެގެން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެކަމަކު އެ ދެ މައްސަަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.