ފާރިސްގެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުން އަނެއްކާވެސް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅުން އަނެއްކާވެސް ފަސްކޮށްފި އެވެ.


ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކޮށްގެން ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމަކީ އެ މައްސަލައިގެ ހެކިތަކާ ދެމެދު ދެ ފަރާތުން ވާހަކަ ދެއްކުމާ އެކު ޚުލާސާ ބަޔާން ހުށަހަޅައި، އަޑުއެހުންތައް އެއްކޮށް ނިންމާލަން ބޭއްވި އަޑުއެހުމެކެވެ.

އެކަމަކު މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުން ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކައި ނިންމުމުން ދައުލަތުން އެދުނީ ޚުލާސާ ބަޔާން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ ފާރިސްގެ ވަކީލުން ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކިއިރު މަތީ ކޯޓުތަކުގެ ނިންމުންތަކެއް ފާހަގަކޮށްފައިވާތީ އެ ނިންމުންތައް ދިރާސާކުރަން ބޭނުންވާތީ އެވެ. ދައުލަތުން އެދުނީ ދެ ދުވަސް ދިނުމަށެވެ.

އެގޮތަށް ދައުލަތުން އެދުމުން ގާޒީ އިބްރާހިމް އަލީ ނިންމެވީ މިއަދު ޚުލާސާ ބަޔާން ހުށަހެޅުން ކުރިއަށް ނުގެންގޮސް، އެހެން ދުވަހަށް ފަސް ކުރުމަށެވެ. މިއީ އެ މައްސަލާގެ ޚުލާސާ ބަޔާން ހުށަހެޅުން ފަސްކުރި ދެވަނަ ފަހަރެވެ. މީގެކުރިން ޚުލާސާ ބަޔާން ފަސްކުރީ ފާރިސްގެ ވަކީލުންގެ އެދުމަކަށެވެ.

ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސް ދެއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް ބައިވެރިވީ ޕީޕީއެމް ތަމްސީލު ކުރުމުގެ ގޮތުން ކަމަށް ދެ ހެކިވެރިއަކު ހެކިބަސް ދީފައި ވިޔަސް، އެ މީހުން ދިނީ ދޮގު ހެކިބަހެއް ކަމަށާއި އެ ހެކިބަހަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. އެގޮތުން އެ ޕްރެސް ކޮންފަރެންސްގައި ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ފަރާތުން ކަމަށް ފާރިސް ވިދާޅުވި ކަމަށް އެއް ހެކިވެރިއަކު ބުނެފައި ވިޔަސް، އެގޮތަށް ފާރިސް ވިދާޅުވެފައި ނެތްކަން ޕްރެސް ކޮންފަރެންސްގެ ވީޑިއޯއިން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ފާރިސް ޕީޕީއެމް ތަމްސީލުކުރި ކަމަށް ސީދާ ބުނެފައި ނުވިޔަސް، ފާރިސް ދެއްކެވި ވާހަކަތަކުން އެގޮތަށް ގަބޫލު ކުރެވޭ ކަމަށް ދެ ވަނަ ހެކިވެރިޔާ ބުނެފައި އޮތް އޮތުމާ ގުޅިގެން ވަކީލް ޝަމީލް ވިދާޅުވީ އެ ހެކިވެރިޔާގެ ބަހަކީ ވެސް ދޮގު ހެކިބަހެއް ކަމަށް ބަލަންޖެހޭ ކަމަށެވެ. އެ ޕްރެސް ކޮންފަރެންސަށް އެ ހެކިވެރިޔާ ދިޔަ ގޮތެއް ބުނެދެވިފައިނުވާ ކަމަށާއި އަދި ގިނަ ސުވާލުތަކަށް ޖަވާބު ދެވިފައި ނެތުމުން އޭނާއަކީ ހެކިވެރިއެއްގެ ހުރުން ލާޒިމް ޝަރުތުތައް ފުރިހަމަ ނުވާ މީހެއް ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.

ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ކިތާބީ ހެކިތަކާ ގުޅިގެން ޝަމީލް ވިދާޅުވީ އެ ޕްރެސް ކޮންފަރެންސް ބޭއްވިއިރު ފާރިސްއަކީ ސައްހަ ގޮތެއްގައި ޕީޕީއެމުން ވަކިކޮށްފައިވާ ބޭފުޅެއް ނޫން ކަމަށާއި އޭނާ ޕާޓީން ވަކިކުރަން ނިންމި ނިންމުން ސައްހަ ނޫން ކަން ކިތާބީ ހެކިތަކުން އެނގޭނެ ކަމަށެވެ. އަދި އޭރު އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުން އޭރު ނެރުނު ބަޔާނުން ވެސް އެކަން އެނގޭ ކަމަށް ޝަމީލް ވިދާޅުވި އެވެ. އެހެންވުމުން ސައްހަ ގޮތެއްގައި ފާރިސް ޕާޓީން ވަކިކޮށްފައި ނުވާތީ އޭނާއަކީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެވޭނެ މީހެއް ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ފާރިސް ޕާޓީން ވަކިކުރި ފަހުން ވެސް މިދިޔަ އަހަރުގެ ޖޫން މަހު މަޖިލީހުގައި ނެގި ވޯޓުތަކުގައި ވެސް މަޖިލީހުން ފާރިސް ބަލައިގެންފައި އޮތީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި އެކަން މަޖިލީހުގެ ވޯޓުގެ ތަފްސީލުތަކުން އެނގޭ ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވި ގޮތުގައި ފާރިސްގެ މައްސަލަ ބަލައިދޭން އެދި ޕީޕީއެމްގެ ނަމުގައި ފުލުހަށް ސިޓީ ފޮނުވާފައި އޮތީ ވެސް އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް މީހެކެވެ. އެ ސިޓީ ފުލުހަށް ފޮނުވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ އެ ޕާޓީގެ ނައިބު ރައީސް ކަމާއި ކައުންސިލް މެމްބަރު ކަމުން ވެސް ވަކި ކޮށްފައިވާ މީހެއް ކަމަށް ޝަމީލް ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އިޖްރާއާތު ވެސް ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ހިންގުން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ފާރިސްއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާތީ ޝަމީލް ވިދާޅުވީ އެ ހުކުމަކީ އެއްވެސް ބުރަދަނެއް ދެވޭނެ ހުކުމެއް ނޫން ކަމަށެވެ. އެ ހުކުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށާއި އަދި އެފަދަ ހުކުމްތަކަށް ދަށު ކޯޓުތަކުން ތަބާވާން ނުޖެހޭނެ ކަމަށް ބުނާ ގާނޫނީ އުސޫލެއް އޮންނަ ކަމަށް ވިދާޅުވެ، ހައި ކޯޓުގެ ހުކުމެއް ޝަމީލް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ޝަމީލް ވަނީ އެ މައްސަލާގެ ތަހުގީގު ހިންގާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ތަހުގީގުގެ މައްޗަށް ބިނާކޮށް އުފުލި ދައުވާ ވެސް ބާތިލްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕްރެސް ކޮންފަރެންސްގައި ފާރިސް ދެއްކެވި ވާހަކަތައް ހިމެނޭ ވީޑިއޯ ދައުލަތުން ހުށަހަޅާފައިވާތީ ޝަމީލް އެދިވަޑައިގަތީ އެ ވީޑިއޯ ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެއީ އެ ވީޑިއޯގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ނެތުމުން ކަމަށާއި އެ ރިޕޯޓް ނެތުމުން އެ ވީޑިއޯގެ ސައްހަ ކަން ކަށަވަރުނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ. އެ މައްސަލަ ކުރިން ވެސް ފާހަގަ ކޮށްފައިވާ ކަމަށް ވިދާޅުވެ، ޝަމީލް އެދިވަޑައިގަތީ މިއަދުން މިއަދަށް އެކަމާ މެދު ގޮތެއް ނިންމުމަށެވެ.

ވީޑިއޯގެ މައްސަލަ ޝަމީލް ފާހަގަ ކުރެއްވުމުން ދައުލަތުން ވެސް އެދުނީ އެއާ މެދު މިއަދު ގޮތެއް ނިންމުމަށެވެ.

ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ އެ ވީޑިއޯގެ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައި ނުވަނީ އެ ވީޑިއޯއަކީ އާންމުވެފައިވާ އެއްޗެއް ކަމަށް ވާތީ ކަމަށާއި އެހެންވެ އެ ވީޑިއޯގެ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅަން ޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ނެތުމުން ކަމަށް ބުނެ އެ ވީޑިއޯ ބަލައިނުގަންނަ ނަމަ، ފާރިސްގެ ފަރާތުން ކިތާބީ ހެކިތަކުގެ ގޮތުގައި ހުށަހެޅި ވީޑިއޯތައް ވެސް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، އެ ވީޑިއޯތަކުގެ ޗެއިން އޮފް ކަސްޓަޑީއެއް ވެސް ނެތް ކަން ރީޝާ ފާހަގަ ކުރެއްވި އެވެ.

ގާޒީ އިބްރާހިމް ނިންމެވީ އެ ވީޑިއޯ ބަލައިނުގަތުމަށެވެ. ސަބަބަކީ ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ކަންކަމުގެ ތެރޭގައި ވެސް އެ ވީޑިއޯއާ ހަވާލާދީ ބައެއް ކަންކަން ފާހަގަ ކޮށްފައި އޮތުމުން ކަމަށް ގާޒީ ވިދާޅުވި އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ފާރިސްގެ މައްޗަށް ކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.