ކެންޑިޑޭޓުންނަށް ވަގުތު ދިނުމާ ބެހޭ އުސޫލަށް ހިޔާލު ހޯދަނީ

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާ ބެހޭ ހަމަތައް ބަޔާން ކުރުމާއި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް ހިޔާލު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.


ބްރޯޑްކޮމް އިން ކުރި އިއުލާނެއްގައި ބުނީ އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އިންތިހާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓުންގެ ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން އިޝްތިހާރާއި ޕްރޮގްރާމް ފޮނުވުމަށް ވަގުތު ދިނުމުގައި ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރުން އަމަލުކުރަންވީ ހަމަތައް ކަނޑައަޅާއިފައިވާ ކަމަށެވެ.

އެ ހަމަތަކާ ހިލާފުވާ ކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާ މެދު ހުށަހަޅާ ޝަކުވާތައް ބަލައި، އަޅާނެ ފިޔަވަޅުތައް އުސޫލުގައި ހިމެނޭނެ ކަމަށް ވެސް ބްރޯޑްކޮމް އިން ބުންޏެވެ. އެއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

އުސޫލުގައިވާ ގޮތުން ކެނޑިޑޭޓުންނަށް ހާއްސަކޮށް ގެނެސްދޭން ޖެހޭނީ އެ ކެންޑިޑޭޓެއްގެ ފަރާތުން ނުވަަތަ ސިޔާސީ ޕާޓީއަކުން ތައްޔާރުކޮށް އޮން އެއާ ކުރާ ޕްރޮގްރާމުތަކާއި ކެންޑިޑޭޓުން ޕްރޮމޯޓު ކުރަން ފޮނުވާ އިސްތިހާރުތަކާއި ސިޔާސީ ޕާޓީތަކުން ބާއްވާ ރެލީތައް އަދި ނިއުސް ކޮންފަރެންސްތަކެވެ. އަދި ސިޔާސީ ބޭފުޅުން ބައިވެރިކޮށްގެން ބާއްވާ ސްޓޫޑިއޯ ޕްރޮގްރާމްތަކާއި ސިޔާސީ ބޭފުޅުންގެ އިންޓަވިއުތައް ގެނެސްދޭން ޖެހޭނެ ކަމަށް ވެސް ވެސް ބްރޯޑްކޮމް އިން ނެރުނު އުސޫލުގައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކަކުން އެއް ހަމައެއްގައި ފުރުސަތު ދޭން ޖެހޭ ގޮތަށް ލާޒިމްކޮށް، އަދި ވަކި ކެންޑިޑޭޓަކަށް އިތުރަށް ވަގުތު ނުވިއްކޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސް ކުރުމާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ އެ ބިލު ތަސްދީގުކުރައްވައިފަ އެވެ.