ރިސޯޓުގައި އުޅޭ މީހުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދޭން ނުކުންނަން ޖެހޭ: ރޮޒެއިނާ

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ހޯދައިދޭން ނުކުތުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ގޮވާލައްވައިފި އެވެ.


އިދިކޮޅު އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އެހެން ގޮވާލެއްވިއިރު، ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ރިސޯޓުތަކުގައި އެންމެ ހަތް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ފަހުން، 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި 42 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓި އެވެ. އެކަމަކު، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އީސީ އަށް ވަނީ އަމާޒުވެފަ އެވެ.

ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް މަދުވުމާ ގުޅިގެން، ސޯޝަލް މީޑިއާގައި އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި މެމްބަރުންގެ ތެރޭގައި ހިމެނޭ ރޮޒެއިނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިސޯޓުތަކުގައި ތިބި އެތައް ހާސް ދިވެހިންނެއްގެ ވޯޓުލުމުގެ ހައްގު ނަގައެއް ނުލެވޭނެ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، 200 މީހުން ހަމަނުވާ ރަށްރަށުގައި ވެސް ވޯޓު ފޮށި ބަހައްޓާއިރު، ރިސޯޓުތަކުގައި ވެސް ފޮށިތައް ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެކަން ނުވާ ނަމަ، އީސީގައި ތިއްބެވި މެމްބަރުން އިސްތިއުފާ ދެއްވުމަށް ރޮޒެއިނާ ގޮވާލެއްވި އެވެ.

ރޮޒެއިނާ ކުރެއްވި ޓުވީޓު.

"ސަތޭކަ ވިހި ރިސޯޓުގައި މަސައްކަތް ކުރާ 27،837 މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ރާވައިގެން ސަރުކާރަށް މި އިންތިހާބު ކާމިޔާބުކޮށްދޭން ތޯ އީސީން ތި ރާވަނީ؟ އަބްދުﷲ ޔާމީނަށް ވޯޓުލާ މީހުން ނޫން ބަޔަކަށް ވޯޓު ނުލެވޭނެއޭ ވިދާޅުވާންވީ ނޫންތޯ،" ރޮޒެއިނާ ވިދާޅުވި އެވެ.

އެ ޓުވީޓުގެ ތަފްސީލް ދެއްވައި ރޮޒެއިނާ "މިހާރު" އަށް މިއަދު ވިދާޅުވީ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމީ އެތައް ހާސް ދިވެހިންނަށް ވޯޓުލުމުގެ ހައްގުން މަހްރޫމް ކުރުމަށް ކަމަށެވެ. މިއީ، އިދިކޮޅު ފަރާތްތަކަށް ގިނަ ވޯޓުތަކެއް ލިބޭނެ ކަން އެނގޭތީ އީސީން ގަސްދުގައި ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުތަކުގައި އުޅޭ ގިނަ މީހުންނަކީ އެމްޑީޕީ އަށް ތާއީދު ކުރާ މީހުން. އެހެންވެ، އެމީހުންނަށް ވޯޓު ނުލެވޭ ގޮތަށް އީސީން ދަތި ކުރަން ވެގެން އުޅޭތީ އެކަމާ ކަންބޮޑުވަން،" ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް ވޯޓުލުމުގެ ހައްގު ހޯދުމަށް ނުކުތުމަށް ގޮވާލައްވައިފަ އެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުން އީސީއާ ބައްދަލު ކުރުމަށް ވީހާ ވެސް، އަވަހަކަށް މާލެ އައުމަށް ވެސް ރޮޒެއިނާ ވަނީ ގޮވާލައްވައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. އަދި ވޯޓުލުމަށް ބަހައްޓަނީ ވަނީ 452 ވޯޓު ފޮއްޓެވެ.

ރޮޒެއިނާ ކުރެއްވި ޓުވީޓެއް.

ރާއްޖޭގައި 132 ރިސޯޓެއް ހިންގާއިރު 17،000 އަށް ވުރެ ގިނަ ދިވެހިން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އެއީ ރާއްޖޭގެ ވޯޓުލާ އާބާދީ އަށް ބަލާއިރު ނިސްބަތުން ވަރަށް މަތީ އަދަދެކެވެ. ވިހި ރިސޯޓްގައި 200 އަށް ވުރެ ގިނަ ދިވެހިން ގެންދަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި 100 އަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރާ 112 ރިސޯޓެއް ހިންގަ އެވެ. ގިނަ ރިސޯޓްތަކުގައި ވޯޓު ފޮށި ނުބަހައްޓަން އީސީން ނިންމުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. އެހެންވެ، ވޯޓު ފޮށިތައް ނުބަހައްޓާ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މީހުން، އެންމެ ކައިރި ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އީސީގެ ނިންމުމާ އެއްގޮތަށް އަމަލުކޮށްފި ނަމަ ގާތްގަނޑަކަށް 10،000 ދިވެހިންނަށް ވޯޓު ލުމުގެ ހައްގު ގެއްލިދާނެ އެވެ.