ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅުހަދާ ވާހަކަ އަކީ ދޮގެއް: އިދިކޮޅު ފަރާތްތައް

ވޯޓު ފޮށި ބަހައްޓަން ގިނަ ރިސޯޓުތަކުން ދެކޮޅު ހަދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏަސް، އެއީ ދޮގު ވާހަކައެއް ކަމުގެ މައުލޫމާތު އެ ކޮމިޝަންގެ ތެރެއިން ލިބިފައިވާ ކަމަށް އިިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.


އީސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި، 100 އަށް ވުރެ ގިނަ ދިވެހިން އުޅޭ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް މަޝްވަރާ ކުރި އިރު، ފޮށި ބަހައްޓަން ބޭނުންނުވާ ކަމަށް 53 ޕަސެންޓް ރިސޯޓުން އެންގި އެވެ.

ރާއްޖޭގައި މިހާރު ވެސް ޚިދުމަތް ދޭ 130 ރިސޯޓު އޮވެ އެވެ. އޭގެ ތެރެއިން 77 ރިސޯޓެއްގައި 100 އަށް ވުރެ ގިނަ ދިވެހިން އުޅެ އެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ، ވޯޓު ފޮށި ބަހައްޓަން ގިނަ ރިސޯޓުތަކުން ދެކޮޅު ހަދާ ކަމަށް އީސީން ބުންޏަސް އެއީ ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއްވެސް ރިސޯޓަކުން އެގޮތަށް އަންގާފައިނުވާ ކަމުގެ މައުލޫމާތު، އީސީގެ ތެރެއިން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޔެ އިލެކްޝަންސް ކޮމިޝަންގެ ރައީސް، ވަރަށް ބޮޑު ތުހުމަތެއް ހަގީގަތުގައި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ރިސޯޓު އޯނަރުންގެ ބޮލުގައި އަޅުއްވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ. ހަތާވީސް ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަން ރިސޯޓުތަކުން އެދުނު ކަމަށް ޝަރީފް އެބަ ވިދާޅުވޭ. އެހެންވެ އަޅުގަނޑުމެން އެބަ މައުލޫމާތު ސާފުކުރަން ހަގީގަތުގައި ވެސް އެ ރިސޯޓުތަކުން އެގޮތަށް އެދުނުތޯ. އެދުނު ނަމަ އެއީ ވަރަށް ދެރަ ކަމެއް. އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން ރިސޯޓުތަކުން އެގޮތަށް އެކަންތައް ކޮށްފާނެ ކަމަކަށް،" ނިޔާޒު ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަންގެ ތެރެއިން މައުލޫމާތު ލިބޭ ގޮތުގައި، އެއްވެސް ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަން އެދިފައެއް ނުވޭ،"

ނިޔާޒު ވިދާޅުވި ގޮތުގައި ވޯޓު ފޮށި ބަހައްޓަން 27 ރިސޯޓަކުން ގަބޫލު ނޫން ކަމަށް ބުންޏަސް އެތަންތަނާ މަޝްވަރާކޮށްގެން އެކަން ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން މަޝްވަރާކުރާނެ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރް އަލީ ނަޒީރު ވިދާޅުވީ ފޮއްޓާ ހަމައަށް ވޯޓު ދިޔަ ނުދޭން އީސީން ވަރަށް ގިނަ ކަންތައްތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ކުރި މަސައްކަތުން، ރިސޯޓުތަކުގެ މުވައްޒަފުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް މިނިވަންކަމާއެކު ވޯޓު ލުމުގެ ފުރުސަތު ލިބިފައިވާ ކަން ނަޒީރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް މުޅި ދުނިޔޭގެ އެހީތެރިކަން ލިބޭނެ އެވެ. އަދި އެކަމަށް ހުރަސް އަޅާ މީހުންނާ ދެކޮޅަށް ދުނިޔޭގެ ބާރުގަދަ ފަރާތްތަކުން ފިޔަވަޅު އަޅާނެ ކަމަށާއި އެ މަންޒަރު ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އީޔޫ އަދި އީޔޫން ލޮބީ ކޮށްގެން ދުނިޔޭގެ އެހެން ގައުމުތަކުން އަޅަން ތައްޔާރުވަމުން އަންނަ ފިޔަވަޅުތަކުގެ އަސަރު ފޯރާނެ. ސަރުކާރުގެ ކުންފުނިތަކުގައި ތިބެގެން ރައްޔިތުންގެ ވޯޓު ވަގަށް ނަގާ މީހުންނާ ހަމައަށް. އެ އަސަރު، އިލެކްޝަންސް ކޮމިޝަންގައި ހުންނަވައިގެން ރައްޔިތުންގެ ވޯޓު ވަގަށް ނަގާ މީހުންނާ ހަމައަށް،" ނަޒީރު ވިދާޅުވި އެވެ.