ހެލިކޮޕްޓަރު ބޭއްވުމުގެ މުއްދަތު އިތުރެއް ނުކުރޭ: ސަރުކާރު

ރާއްޖޭގައި ބޭނުންކުރުމަށް އިންޑިޔާ އިން ގެނެސްފައި އޮތް ދެ ހެލިކޮޕްޓަރު މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގައި ބާއްވަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނި ނަމަވެސް، ދިވެހި ސަރުކާރުން މިއަދު އެކަން ދޮގު ކޮށްފި އެވެ.


އިންޑިއާގެ ޑިޕްލޮމެޓަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި އިއްޔެ ބުނެފައި ވަނީ ޖުލައި 30ގެ ކުރިން އެ ހެލިކޮޕްޓަރުތައް ގެންދަން ކުރިން އެއްބަސްވެފައި އޮތް ނަމަވެސް، މިހާރު އެ މުއްދަތު ޑިސެމްބަރާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ދެ ހެލިކޮޕްޓަރު ދުއްވުމަށާއި ބެލެހެއްޓުމަށް ރާއްޖޭގައި ތިބޭ އިންޑިއާގެ 48 ސިފައިންގެ ވިސާ ވެސް ޑިސެމްބަރުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެ އެވެ.

ނަމަވެސް "މިހާރު"އާ ވާހަކަ ދައްކަވަމުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވަނީ އެފަދަ އެއްބަސްވުމެއް ހަދާފައި ނެތް ކަމަށާއި ދިވެހި ސަރުކާރުން އަދިވެސް ބޭނުން ވަނީ "އެ ދެ ހެލިކޮޕްޓަރު ވީހާ ވެސް އަވަހަކަށް ފޮނުވާލަން" ކަމަށެވެ.

އަދި އެ ހެލިކޮޕްޓަރުތައް ބޭނުން ކޮށްގެން ހިންގާ އޮޕަރޭޝަންތަކަށް އެހީ ފޯރުކޮށްދީ، އެ އެއްޗެހި ބެލެހެއްޓުމަށް އިންޑިއާ އިން ފޮނުވާފައި ތިބި މީހުންގެ ވިސާ އިތުރުކުރި ކަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލ. ކައްދު އާއި އައްޑޫ އެއާޕޯޓުގައި އޮތް ދެ ހެލިކޮޕްޓަރު ބެލެހެއްޓުމަށް ފޮނުވާފައި ތިބި އިންޑިއާގެ 48 މީހުންގެ ވިސާއާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ ކަނޑުގެ ސިފައިންނާއި، ކޯސްޓް ގާޑުގެ ސިފައިންނާއި ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑްގެ އޮފިޝަލުންނެވެ.

ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ރާއްޖޭގައި ބޭނުން ކުރަން އިންޑިއާ އިން ގެނެސްފައި އޮތް މި ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަނީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭތީއާ އެކު ބަދަލުގައި އަސްކަރީ މަތިންދާބޯޓެއް ދިނުމަށް އިންޑިޔާ އިން އެއްބަސްވެފައިވާތީ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ދެ ހެލިކޮޕްޓަރު ގެނައީ ވަކި މުއްދަތަކަށް ކަމަށާއި އެ މުއްދަތު މި އަހަރުގެ އޭޕްރީލް މަހު ހަމަވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ދެ ހެލިކޮޕްޓަރު ބެލެހެއްޓުމަށް އިންޑިއާގެ 48 ސިފައިން ރާއްޖޭގައި ދާއިމީކޮށް ތިބޭތީ، ބައެއް އާންމުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ސަރުކާރުން ވެސް ވަނީ އެ ދެ ހެލިކޮޕްޓަރާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިކަމަށް ބުނެފަ އެވެ. އެގޮތުން އައްޑޫގައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާ ކަމަށް ބުނެ، އެކަމާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންޑިއާ އިން ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. އައްޑޫ ގަން އެއާޕޯޓުގައި އެއް ހެލިކޮޕްޓަރު އޮންނަ އިރު، އޭޕްރީލް، 2011 ގައި ގެނައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި ބާއްވައިގެންނެވެ. އެ ހެލިކޮޕްޓަރު ބާއްވަން އިންޑިއާ ސަރުކާރުން ވަނީ ލ. ކައްދޫގައި ހެނގަރެއް ވެސް ހަދައިފަ އެވެ.