ހަތަރު ބެއިންނާ ބެހުނު 75 އަހަރުގެ މީހާ އަށް ކުރި ދައުވާ ބާތިލްކޮށްފި

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ މީހާގެ މައްޗަށް ކުރާ ދައުވާ އިއްޔެ ބާތިލު ކޮށްފި އެވެ.


ވަކި ސަބަބެއް ނުބުނެ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބާތިލު ކުރި އިރު، އެ މީހާގެ މައްޗަށް ދެ ދައުވާއެއް ކުރެ އެވެ. އެއީ އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބެހުމުގެ އިތުރުން، މީހަކާ އިނދެގެން އުޅޭ އަންހެނަކާ އެކި ފަހަރު މަތިން ޒިނޭ ކުރި މައްސަލައެއްގަ އެވެ. އެ އަންހެން މީހާއަކީ އެ ކުދިންގެ މަންމަ އެވެ.

އެ މައްސަލަތަކުގައި ދުވަސްވީ މީހާގެ މައްޗަށް ދައުވާ ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު މިހާތަނަށް އެ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވަ އެވެ. އަދި އެ މައްސަލަ އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ، އެ މީހާގެ އުފަންް ރަށުގެ ކޯޓުގައި ނަމަވެސް، މިދިޔަ ޖޫން މަހު ވަނީ ތިނަދޫ ކޯޓަށް ބަދަލުކޮށްފަ އެވެ.

ފިރިހެން މީހާގެ މައްޗަށް ކުރާ ދައުވާ، ތިނަދޫ ކޯޓުން ބާތިލުކުރި ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެކަމަކު އެތަނުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ފިރިހެން މީހާގެ އިތުރުން، ދަރިންނަށް އިހުމާލުވެފައިވާތީ އާއި ޒިނޭކުރި ކަމުގެ ދައުވާ އެ ކުދިންގެ މަންމަގެ މައްޗަށް ވެސް ކުރެ އެވެ. އަދި އިހުމާލުވުމުގެ ދައުވާ، އެ ކުދިންގެ ދޮންބައްޕަގެ މައްޗަށް ވެސް ކުރެ އެވެ. އެކަމަކު މި ހުރިހާ ދައުވާތަކެއް ވެސް މިހާރު ވަނީ ބާތިލުވެފަ އެވެ.

މީގެ 12 އަހަރު ކުރިން ފެށިގެން، އެކި ފަހަރު މަތިން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި، ފިރިހެންމީހާ ހައްޔަރުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެކަމަކު މަހެއް ނުވަނީސް އޭނާ ދޫކޮށްލި އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުންނާތީ، ބަންދާ މެދު ގޮތެއް ނިންމުމަށް ދައުލަތުން ހައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އަދި ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލައި، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދަށު ކޯޓަށް މައްސަލަ ފޮނުވައިފަ އެވެ. އެކަމަކު އެ މައްސަލައިގައި ގޮތެއް ނުނިމި، މިހާތަނަށް ވެސް އޭނާ ހުރީ ބަންދުން ދޫވެ، މިނިވަނެއްގެ ގޮތުގަ އެވެ.

ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ، މީގެ 12 އަހަރު ކުރިއްސުރެ އަންނަނީ އެކި ކުދިންނަށް ޖިންސީ ގޯނާ ކުރަމުން ކަމަށް އޭގެ ތެރެއިން ބައެއް ކުދިން ބުނެ އެވެ. އޭނާ ވަނީ އެ ހަތަރު ބެއިންނާއި އެކުދިންގެ މަންމަ ދިރިއުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. ކުދިންނާ ގުޅުން ހިންގީ އެއީ ސަބަބެއް ކަމަށް ބަލައިގެން ކަމަށް އެ ކުދިން ބުނެ އެވެ.