އިދިކޮޅު ކޯލިޝަންގެ ޖަލްސާ ބާއްވަން ދަރުބާރުގެ ދޫކުރަނީ

އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާ އެއް ބޭއްވުމަށްޓަކައި މާލޭގެ ކާނިވާ ސަރަހައްދުގެ ބަދަލުގައި، ދަރުބާރުގެ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކުރުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.


މިއީ، ފަހުގެ ތާރީޚެއް ގައި އިދިކޮޅު ހަރަކާތެއް ބޭއްވުމަށް ދައުލަތުގެ ބިމެއް ނުވަތަ އިމާރާތެއް އެ ފަރާތްތަކަށް ދޭން ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ފަހުގެ ތާރީޚެއް ގައި އިދިކޮޅު ހަރަކާތެއް ބޭއްވުމަށް ދައުލަތުގެ އެއްވެސް ބިމެއް، އިމާރާތެއް ދުލެއް ނުކުރެ އެވެ. އެކަމުގެ ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ގުޅިފައިވާ އިއްތިހާދުގެ ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައި ވާތީ، ކާނިވާ ސަރަހައްދު ދޫކޮށްދޭން މީގެ ތިން ދުވަސް ކުރިން ހައުސިން މިނިސްޓްރީ ގައި އެމްޑީޕީން އެދިފައިވެ އެވެ.

އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް މިއަދު ވިދާޅުވީ، ކާނިވާ ސަރަހައްދު، އެމްޑީޕީ އަށް ދޫނުކުރީ، އެ ސަރަހައްދުގެ ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި ކާނިވާ ސަރަހައްދު މި ދުވަސްކޮޅު އެއްވެސް ހަރަކާތެއް ބާއްވަން ދޫކޮށްފި ނަމަ، ތާރު އެޅުމުގެ މަސައްކަތަށް ދަތިވާނެ ކަމަށް ފަޒާލް ވިދާޅުވި އެވެ.

އެހެންވެ، އިދިކޮޅު ކޯލިޝަންގެ ޖަލްސާ ބޭއްވުމަށް ދަރުބާރުގެ ރަންނަބަނޑޭރި މާލަން ދޭން ނިންމައި، އެކަން އެމްޑީޕީ އަށް އަންގާފައިވާ ކަމަށް ފަޒާލް ވިދާޅުވި އެވެ. އަދި ގަވައިދާ އެއްގޮތަށް ފައިސާ ދައްކަން ވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީއަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ހަރަކާތުގެ ބޮޑު ޖަލްސާ ބޭއްވުމަށްޓަކައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކުރަން ނިންމިކަން ހައުސިން މިނިސްޓްރީން މިހާރު ވަނީ އެ ޕާޓީ އަށް ސިޓީއަކުން މިއަދު އަންގައިފަ އެވެ. އަދި ރަންނަބަނޑޭރި މާލަން ކުއްޔަށް ހިފުމާ ގުޅޭ ފައިސާ ދެއްކުމަށް ފަހު، އެ ތަން ބޭނުން ކުރުމުގެ ހުއްދަ އެމްޑީޕީ އަށް ދީފައިވާކަން ސިޓީއަކުން ވަނީ އަންގައިފަ އެވެ.

"ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކުރުމަށް ނިންމީ، ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދޭން ސަރުކާރުން ބޭނުން ވާތީ،" ފަޒާލް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ މިދިޔަ މަހު އަންގަވައިފަ އެވެ.

އޭގެ ތެރޭގައި ހައުސިން މިނިސްޓްރީ ވެސް ހިމެނެ އެވެ. އެ އިދާރާ އަށް އޭޖީން ވަނީ މަގުތަކާއި ދައުލަތުގެ ބިމާއި އިމާރާތްތައް ހަމަހަމަކަމާ އެކު ސިޔާސީ ފަރާތްތަކަށް ފޯރުކޮށްދޭން އަންގައިފަ އެވެ.