ޝައްކެއް ނެތް، ކޯލިޝަން ރޫޅޭތަން ފެންނާނެ: ރައީސް ޔާމީން

އަންނަ މަހު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ނުކުންނައިރު، އެ ކޯލިޝަން ރޫޅޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ވިލިފުށީގައި ވިދާޅުވެއްޖެ އެވެ.


މިފަހަރުގެ ރިޔާސީ އިންތިޚާބުގައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނުކުންނަވަނީ ސިޔާސީ ގޮތުން ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބައެއް ބޭފުޅުންނާ އެކުގަ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ ތާއީދު ލިބިވަޑައިގެންނެވެ. އެކަމަކު، މި ހަތަރު ބޭފުޅުން ވެސް ތިއްބެވީ ޖަލު ހުކުމްގަ އެވެ.

ރައީސް ޔާމީން، 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ މައުމޫނާއި ގާސިމާއި އިމްރާންގެ އެހީއާ އެކުގަ އެވެ.

ރައީސް ޔާމީން މިއަދު ވިލުފުއްޓަށް ވަޑައިގެން، ކުޑަ ކުއްޖަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ކޯލިޝަނެއް ހަދައިގެން އުޅޭއިރު، އެ ކޯލިޝަންތައް، ޝައްކެއް ނެތް މިންވަރަށް ރޫޅޭތަން ފެންނަ ކަމަށެވެ.

ރައީސް ޔާމީން މިއަދު ވެސް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ބައެއް މެމްބަރުން، އެ ޕާޓީގެ ވިސްނުން ދޫކޮށްލާފައި، އެހެން ޕާޓީތަކާ ގުޅިވަޑައިގަތުމަކީ ކުރެއްވި ވިޔާނުދާ ކަމެކެވެ. އޭގެ ކުރިން، ޕީޕީއެމް/އެމްޑީއޭއާ އެކު ކޯލިޝަން ހަދައިގެން ތިބި ފަރާތްތަކުން، ކޯލިޝަން ދޫކޮށްލެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ މައުމޫނާއި ގާސިމް އިބްރާހިމަށެވެ.

"އެއީ ކުރިން ވެސް ހެދި ކޯލިޝަންތައް. އެ ކޯލިޝަންތައް ހުރީ ރޫޅިފައި. ގާސިމް އިބްރާހިމަށް ހޯމް މިނިސްޓަރުގައި ތިން ހަފްތާއަށް ކެތް ނުކުރެވުނު. މިއީ ހަގީގަތް،" ރައީސް ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރަކަށް ހުންނަވައި ގާސިމް އިސްތިއުފާ ދެއްވުމުން އެކަމަށް އިޝާރަތްކުރައްވައި، ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ފްލޯ ކްރޮސް ކުރުމަކީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލުން ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުކުމްކުރީ ރައްޔިތުން ހަވާލުކުރި އަމާނާތް އަދާނުކޮށް، ރައްޔިތުންނަށް އޮޅުވާލުމުން ކަމަށް އެ ކޯޓަށް ގަބޫލު ކުރެވޭތީ އެވެ.

ރައީސް ޔާމީނާއި ވަޒީރުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިލުފުށީގައި. - ފޮޓޯ: ރައީސް އޮފީސް

"އޭރު އިދިކޮޅު ބޭފުޅުން ވިދާޅުވީ ނުހައްގުންނޭ އެކަން ކުރީ. އެއީކީ ކުރެވޭނެ ކަމެއް ނޫނޭ. އެއީ ކޮށްގެން ވާނެ ކަމެއް ނޫނޭ. އެގޮތަކަށް ގާނޫނުއަސާސީ ޖާގަ ނުދެއޭ. އަޑުފުޅަށް ލެއްވުނު ބާރެއްލާފައި އެ ވާހަކަ ދައްކަމުން ގެންދެވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ ރާއްޖޭގެ ރިޔާސީ ނިޒާމު ދޫކޮށްލާފައި ބަރުލަމާނީ ނިޒާމަކަށް ދާނެ ވާހަކަ ކަމަށެވެ. އަދި ފްލޯ ކްރޮސް ކުރުން، ގާނޫނުން މަނާކުރާނެ ވާހަކަ އެ މެނިފެސްޓޯގައި އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމަށް ފާޑުކިޔައި، ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއް ހިންގަން ރައްޔިތުން ފުރުސަތު ދިން އިރު، ރައްޔިތުންގެ އުންމީދުތަކެއް އޮތް ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރު ބަދަލުވީމަ، ރަނގަޅު ކަންކަން ވާނެ ކަމަށް އިންތިޒާރުކޮށްގެން ތިބި ރައްޔިތުން މަދު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނު އިރު، ދައުލަތުގެ ދަރަނި 4.3 ބިލިއަން ރުފިޔާގައި ހުރިއިރު، ޕީޕީއެމުން ވެރިކަމަށް އައިއިރު، ދައުލަތުގެ ދަރަނި 29 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އެކަމަކު ޕީޕީއެމް ސަރުކާރުން ތަރައްގީ ގެނައުމުގެ މަސައްކަތް ކުރަނީ ގޮންޖެހުންތަކާ އެކުގައި ކަމަށާއި އެމްޑީޕީއަށް އެކަން ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.