އެއާޕޯޓު ހަދަނީ ހެދެން އޮތް އެންމެ ކުޑަ އަގުގައި: ސައީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރަނީ، އެއާޕޯޓު ހެދެން އޮތް އެންމެ ކުޑަ އަގުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


މި ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ މެންބަރުކަން ކުރެއްވި މުހައްމަދު މަލީހް އިދޮޅު ކޯލިޝަންގެ ޖަލްސާއެއްގައި ރޭ ވިދާޅުވީ އެއް ބިލިއަން ޑޮލަރަށް އެއާޕޯޓު ތަރައްގީ ކުރަމުން އަންނަނީ 650 މިލިއަން ޑޮލަރަށް އެކަން ކުރެވެން އޮއްވާ ކަމަށެވެ. އަދި އޭގެ ފަހުން، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް މިއަދު ވަނީ އެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.

"އެއާޕޯޓަށް ހަރަދުކުރަނީ، ހަރަދު ކުރެވެން އޮތް އެންމެ ކުޑަކޮށް، އެއީ ބައިނަލްއަގުވާމީ ފެންވަރު ރަނގަޅު ކުންފުނިތައް އަޅުގަނޑުމެންގެ ކޮންސަލްޓުންގެ ގޮތުގައި ކޮންޓްރެކްޓުކޮށް އެމީހުންނަށް ފީޒިބިލިޓީތައް ހަދަންދީ އެމީހުންގެ ލަފައާއެކު އެއާޕޯޓު ކުރިއަށް މި ގެންދަނީ،" ސައީދު ވިދާޅުވި އެވެ.

ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން، ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭއަކާއި ޕަސެންޖާ ޓާމިނަލެއް އަޅާނެ އެވެ. އެއާޕޯޓުގެ އާ ރަންވޭ ހުޅުވަން އެންމެ ފަހުގެ މަސައްކަތްތައް ކުރާއިރު، މަޝްރޫއު ނިމުމުން، 7.5 މިލިއަން ޓޫރިސްޓުންނަށް އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު.

މަލީހަށް ރައްދު ދެއްވައި، މިނިސްޓަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީރުކަމުގައި އެއް އަހަރުވީ އިރު "މާލޭގައި އޭރު ގޮނޑުވަމުންދިޔަ ސަލްޓަން ޕާކްގެ ގޮނޑުކަން ފިލުވާލައި ފެންސު ޖަހާނުލެވުނު މީހުން، މި މޫސުމަށް ތިލަވެ، 600 މިލިއަން ޑޮލަރަށް އެއާޕޯޓު ތަރައްގީ ކުރެވޭނެ ކަމަށް ބުނުމުން ހައިރާންވެވަޑައިގަންނަވާ" ކަމަށެވެ.

މިނިސްޓަރު ސައީދު ކުރެއްވި ޓުވީޓު.
މިނިސްޓަރު ސައީދު ކުރެއްވި ޓުވީޓު.

"އެހެންވީމަތޯ އެމްޑީޕީން ޖީއެމްއާރަށް އެއާޕޯޓު ވިއްކާލީ؟" ސައީދު ސުވާލުކުރައްވާފައިވެ އެވެ.

"ރާއްޖޭގެ ވިޔަފާރި އިންވެސްޓްމަންޓްގެ ދާއިރާއަށް މިއަށްވުރެ ބޮޑު ކުރިއެރުމަށް އައި ދުވަސްވަރެއް ތާރީހު ނުދެކޭނެ. އެހެންވީމަ ނޫންތޯ ރާއްޖެއަށް ދަތިކޮށް ބޭންކުތަކުން ލޯން ނުދިނުމަށާއި ޓޫރިޒަމް ބޮއިކުރަން ކުރަން އާދޭސްކޮށް ލަންޑަން، ފްރޭންކްފާޓް އަދި ކޮލަމްބޯގައި އެމްބަސީތަކުގައި ސަލާން ޖަހަނީ،"

ކެމްޕެއިން ދަތުރެއްގައި. ބ.ހިތާދޫގައި އުޅުއްވަމުން ސައީދު "މިހާރު" އަށް ވިދާޅުވީ މަލީހު އެ ވިދާޅުވަނީ ޖަޕާންގެ ކުންފުންޏަކުން ހަމައެކަނި ޓާމިނަލް 600 މިލިއަން ޑޮލަރަށްވުރެ ބޮޑު އަގެއްގައި ހަދަން ހުށަހެޅުމުން ކަމަށެވެ. މުޅި އެއާޕޯޓު ތަރައްގީ ކުރަން 600 މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"(ޖަޕާނު ކުންފުނިން ހުށަހެޅީ) ހަތް ޕަސަންޓަށްވުރެ ބޮޑު އިންޓްރެސްޓެއްގައި. އެހެންވީމަ އެ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަނީ އިލެކްޝަނާ ދިމާކޮށް މަގުބޫލުކަން ހޯދަން. އެކަމަކު، އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކެއް ރައްޔިތުން ގަބޫލެއް ނުކުރާނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުތަކަަށް އެއާޕޯޓް ތަރައްގީ ނުކުރެވުނީ އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރަނީ ސަރަހައްދީ ފެންވަރުގެ އެއާޕޯޓެއް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ސީޕްލޭން ޓާމިނަލް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އަންނަ ފެބްރުއަރީ މަހު ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ފާތުންގެ އަރިހުގައި، މިނިސްޓަރު ސައީދު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ފިރުމާލައްވައި ހާލު ބައްލަވަނީ.---ފޮޓޯ: ޕީޕީއެމް

"މަތީ ބޯޓުފަހަރު ޖެއްސޭ ވަރަށް ތަރައްގީ ކުރެވޭ މިންވަރުގެ ރަންވޭއެއް ވަނީ އެޅިފައި. ފިއުލް ކެޕޭސިޓީ ފަސް ގުނަ އިތުރުވެގެން އެ ދަނީ. ކާގޯ ކެޕޭސިޓީ ފަސް ގުނަ އިތުރުވެގެން އެ ދަނީ. ބައިނަލްއަގުވާމީ ފެންވަރުގެ ޓާމިނަލެއް އެޅިގެން ދަނީ. މިހާރު އެއާޕޯޓު ޖެއްސޭ މިންވަރު، ހަތަރު، ފަސް ގުނަ ކެޕޭސިޓީ އިތުރުވެގެން އެ ދަނީ،" އެއާޕޯޓަށް އަންނަ ތަރައްގީތަކުން މިސާލު ނަންގަވައި ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ދެކޮޅު ނުޖެހޭ ވާހަކަ ދައްކަނީ، ރައީސް ޔާމީނަށް ތާއީދު ބޮޑުވީމާ ކަމަށެވެ.

"އެހެން ނޫނަސް، ހިސާބުން ފެއިލްވެފައި ތިބި ބަޔަކަށް ނޭނގޭނެ މި ޒަމާނުގެ ތަރައްގީގެ ވާހަކަ ދައްކާކަށް މާ ރަނގަޅަކަށް،" އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި، ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެމްޑީޕީ އަށް ލިބުނު ތިން އަހަރުގެ ވެރިކަމުގައި އެއާޕޯޓު ނުހެދުނީ އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގެ ނުކުޅެދުންތެރިކަން ހުރުމުން ކަމަށެވެ.