އެންމެ މުހިންމު ކަމަކަށް މެނިފެސްޓޯގައި އޮންނާނީ ބޯހިޔާވަހިކަން: ފައިސަލް

އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދީފައި އޮންނާނީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ނައިބު ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އއ. ތޮއްޑު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، އެބޭފުޅުންގެ ސަރުކާރެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ އިންސާފުވެރިކަމާ އެކު ކަމަށެވެ.

"ކޯލިޝަން ސަރުކާރެއްގެ މެނިފެސްޓޯ ތެރޭގައި އެންމެ ބޮޑު އެއް އަމާޒަކީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުން،" ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި 80 ޕޮއިންޓުން ފްލެޓް ލިބެންޖެހޭ ފަރާތް އެއް ފަރާތަކަށް ޖައްސާލާފައި ރައްޓެހި މީހާ އަށް 40 ޕޮއިންޓު ލިބުނީމާ ފްލެޓު ލިބޭ ގޮތަކަށް ނޫން ކަންތައް ކުރާނީ."

ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ ތޮއްޑޫގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޓުއަރިޒަމް ކުރިއެރުވުމުގައި ނުކުޅަދިފައިވާ ކަމަށެވެ.

"މިކަމަށްޓަކައި އެކަށީގެންވާ ހޭދަތަކެއް، ގާތަކަށް ވެސް، ދިވެހި ސަރުކާރުން ކުރަމުން ނުދޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެމްއެމްޕީއާރްސީ ކިޔާ ތަނަކަށް ވަންނަ ފައިސާ ވެގެންދާނީ ގެއަކަށް ވައްދާ ފައިސާ އަކަށް ނޫން. ދިވެހި ބައިތުލްމާލަށް ވަންނަ ކޮންމެ ފައިސާއެއް ވެގެން ދާނީ ދިވެހިންގެ ތަރައްގީ އަށް ބޭނުން ކުރާ ފައިސާ ކަމުގައި،" ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ގެންދަވާ ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މެދުގައި އަދުލުވެރިކަމާއި އިންސާފާ އެކު ކަންތައް ކުރުމަށް ވެސް ފައިސަލް ވަނީ މިރޭ ވައުދުވެވަޑައިގެންފަ އެވެ.

"އަދުލުވެރިކަން މަތީ އަދި އަދުލުވެރިކަމާ އެކު، އަޅުގަނޑުމެން މީސްތަކުންގެ މެދުގައި ކަންތައްތައް ކުރަންޖެހޭ. އިންސާފުވެރިކަމާ އެކު، އަޅުގަނޑުމެން އެންމެހައި މީސްތަކުންގެ ތެރޭގައި ކަންތައް ކުރަންޖެހޭ. އެއީކީ ޗޮއިސްއެއް ނޫން. އެއީ ވެރިއަކަށް ހުންނަ މީހެއްގެ މައްޗަށް ލާޒިމް ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ލޯކަލް ޓުއަރިޒަމް ފުޅާ ކުރުމަށް ރަށު ކައުންސިލަށް ބާރުތަކެއް ދޭނެ ކަމަށް .

އިދިކޮޅު ފަރާތްތަކަށް ހޫނު ތަރުހީބެއް ލިބުނު މި ޖަލްސާގައި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ އިއްތިހާދުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ އަށް ގެންނާނެ ބައެއް ބަދަލުތައް ވިދާޅުވެފަ އެވެ.

އެގޮތުން އޭނާ ވަނީ އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމުގެ ހުރިހާ ޕްލޭނެއް ހަދާނީ ރަށު ކައުންސިލްތަކުން ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާ ގޮތަށް ޓުއަރިޒަމް ޕްލޭން ހަދާނީ ވެސް ކައުންސިލުން،" ހަސަން ވިދާޅުވި އެވެ.