ރައީސް: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރި ތަން އެނގޭނީ އިދިކޮޅު މީހުންނަށް!

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހުރި ތަން އިދިކޮޅު ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެކަން ސާފުކޮށް ދިނުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ގުރައިދޫގައި ގޮވާލައްވައިފި އެވެ.


ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލިފައި ވަނީ 1.2 ބިލިއަން ރުފިޔާ ކަމަށް ތަހުގީގުތަކުން ވަނީ ހާމަވެފަ އެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އަމަލެއް ނަމަވެސް އެމަނިކުފާނު މިއަދު ވިދާޅުވީ އެ ފައިސާ ވީތަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން އެނގޭނީ އިދިކޮޅު މީހުންނަށް ކަމަށެވެ.

"މި ފައިސާ [އެމްއެމްޕީއާރުސީ] ހޯއްދަވަން އެބޭފުޅުން މަސައްކަތް ކުރައްވަން ޖެހޭ. އަޅުގަނޑުމެން މަސައްކަތްކޮށްފީމު، އަޅުގަނޑުމެންނަށް އެނގޭ މި ފައިސާ ގެއްލިފައިވެއްޖެ ކަން. ފައިސާ ހުރި ތަން އަޅުގަނޑުމެންނަށް ނޭނގެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"މި ފައިސާ (އެމްއެމްޕީއާރުސީ) ހޯއްދަވަން އެބޭފުޅުން މަސައްކަތް ކުރައްވަން ޖެހޭ. އަޅުގަނޑުމެން މަސައްކަތްކޮށްފީމު، އަޅުގަނޑުމެންނަށް އެނގޭ މި ފައިސާ ގެއްލިފައިވެއްޖެ ކަން. ފައިސާ ހުރި ތަން އަޅުގަނޑުމެންނަށް ނޭނގެނީ،" --ރައީސް

ރައީސް މީގެ ކުރިން ވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ފައިސާއާ ބެހޭ ގޮތުން އެކި ވާހަކަފުޅު ދައްކަވައިފަ އެވެ. އޭގެ ތެރޭގައި އެއީ ވަރަށް ބޮޑު ވައްކަމެއް ކަމަށް އެއްބަސްވެވަޑައިގަތުން ވެސް ހިމެނެ އެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ފައިސާ ވީ ތަން އެނގޭނީ އިދިކޮޅު މީހުންނަށް ކަމަށް ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ.

ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އާއި އެމްޑީޕީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިންގި އެފްޕީއައިޑީން ގެއްލުނު ފައިސާ ހޯއްދެވުމުގެ ގާބިލްކަން އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށެވެ.

ރައީސް މިއަދު ތ. ގުރައިދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އެކަންކަން ކުރައްވަން އެބޭފުޅުންނަށް ކެރިވަޑައެއް ނުގަންނަވާނެ. އެކަން ކުރައްވަން ނާގާބިލް ވާނެ. އެއީ އެކަންކަމާ ގުޅޭ މީހުން އެމްޑީޕީއާ ގުޅިފައި ތިބީމަ. އަދި ހަރަކާތްތަކަށް އެ ފައިސާ ލިބެމުންދާތީ،" ގުރައިދޫގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

"ދައުލަތުން ނެގި ފައިސާ އަނބުރާ ދިނީމަ ނޫނީ ކިތަންމެ ބަލިވި ނަމަވެސް، އިންސާނީ ހައްގެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" --ރައީސް ޔާމީން

ރައީސް ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި އެކި ވުޒާރާތަކުން ގެއްލުނު 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމެވެ. އޭގެ ފަހުގައި، އެފްޕީއައިޑީ އާއި އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ޚިޔާނާތުގެ ފައިސާ ނެންގެވި ކަމަށް އެންމެ ބޮޑަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮށްލަން އޮތުމުން، އެމްޑީޕީ އާއި އަދީބާ މެދު މިހާރު އޮތް ގުޅުން ހާމަވާ ކަމަށެވެ. އެކަމަކު އަދީބު ނައިބު ރައީސަކަށް ހުންނެވިއިރު، އެމްޑީޕީން އެންމެ ރުޅިއަންނަނީ އަދީބު ދެކެ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެހެންވެ، އަދީބު ސަލާމަތްކޮށްދޭން އިދިކޮޅު ފަރާތްތަކުން އުޅެނީ ކީއްވެތޯ ރައީސް ސުވާލު ކުރެއްވި އެވެ.

"އެމްޑީޕީން، އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަން ޖެހޭނެ އެ ފައިސާއަށް ވެފައި ހުރި ގޮތް ހޯދަން. އެކަމަކު އަޅުގަނޑުގެ ސުވާލަކީ ހޯދޭނެ ބާއޭ؟ ހޯދޭނެ ކަމަށްވާ ނަމަ، އަދި އެ ފައިސާގެ ނަފާ ކޮން ބަޔަކަށްތޯ ލިބިފައި ހުރީ. އެ ލިބިފައި ހުރި މީހުން އެކަންކަމާ ދޭތެރޭގައި ވިސްނާ ކަމަށްވާ ނަމަ، ފެބްރުއަރީ 1 ގެ ހުކުމުގައި ރައީސް ނަޝީދާ އެކީގައި ކީއްވެބާ އަދީބު ހިމެނުނީ؟" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ ކޮން ތަނަކުތޯ ކޮރަޕްޝަންގެ ފައިސާ ވީ؟ އަދީބު ނައިބު ރައީސަކަށް ހުރި އިރު، އެމްޑީޕީ މީހުން އެންމެ ރުޅިއަންނާނީ އަދީބު ދެކެ. އޮޑީގައި ހުރި މީހަކު ސަލާމަތްކޮށްދޭން އުޅެނީ ކީއްކުރަންތޯ؟"

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ސިޔާސީ ބޭފުޅުން ފިލައިގެން ގޮސްފައި ތިއްބެވީ، "މަރަށް ދަތުރު ކުރަނީ ކަމަށް ހީވެގެން، ސަރުކާރަށް އާދޭސް ކުރީމަ" ކަމަށެވެ. އެކަމަކު ރާއްޖޭގައި ހުންނަވައިގެން، ސިޔާސީ މަސައްކަތް ކުރެއްވުމުގެ ހިތްވަރު، އެބޭފުޅުންގެ ނުހުންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް މިއަދު ތ. ގުރައިދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ވެސް ވިދާޅުވީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް، އަދީބު ނަންގަވާފައި ހުރި ފައިސާ ދެއްކީމަ ނޫނީ، ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި އަދީބު ނެންގެވި ފައިސާ އަނބުރާ ދެއްވުމަށް، ރައީސް ޔާމީން ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑާ ދޭތެރޭގައި ހިނގާފައި ކަމަކީ އަމިއްލަ ކަމެއް. އަޅުގަނޑު މިހުރީ އެކަން ހަނދާން ނައްތާލާފައި، ބޭހަށް ފޮނުވަން. އެކަމަކު ދައުލަތުން ނެގި ފައިސާ ދައުލަތަށް ދޭށޭ އަޅުގަނޑު މި ބުނީ. ދައުލަތުން ނެގި ފައިސާ އަނބުރާ ދިނީމަ ނޫނީ ކިތަންމެ ބަލިވި ނަމަވެސް، އިންސާނީ ހައްގެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އިދިކޮޅު ސިޔާސީ ބޭފުޅުން ޖަލުގައި ތިއްބެވީ ރައީސް އޮފީހުން އަންގައިގެނެއް ނޫނެވެ.